Roadha Mihaaru
އިންތިހާބަށް ނުފޫޒުފޯރުވާތީ އެމްއާރުއެމުން ކަންބޮޑުވެއްޖެ

އިންތިހާބަށް ނުފޫޒު ފޯރުވާތީ އެމްއާރުއެމުން ކަންބޮޑުވެއްޖެ

22 ޖެނުއަރީ 2022

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ގާތްވެފައި ވަނިކޮށް އެ ދާއިރާގެ ރަށްތަކުގައި މަޝްރޫއުތައް ހިންގުން ފަދަ އިންތިހާބަށް ނުފޫޒު ފޯރުވޭ ކަންކަން ހިނގަމުންދާތީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ގާތްވެފައި ވަނިކޮށް އެ ދާއިރާގެ ރަށްތަކުގައި މަޝްރޫއުތައް ހިންގުން ފަދަ އިންތިހާބަށް ނުފޫޒު ފޯރުވޭ ކަންކަން ހިނގަމުންދާތީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންނަ ބައި އިލެކްޝަންގެ ކެމްޕެއިން އެކި ޕާޓީތަކުން ކުރަމުން އަންނައިރު އިންތިހާބުތަކާ ގުޅޭ ގޮތުން ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ފުރުއަރާ ގިނަ ކަންކަން ހިނގަމުންދާކަން މީޑިއާގައި ފެންމަތިވެފައިވާ ކަމަށެވެ.

އިންތިހާބާ ދިމާކޮށް ދާއިރާތަކުގައި، އެކި މަޝްރޫއުތަކާއި ކެމްޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި އިލެކްޓްރޯނިކް ސާމާނާއި ނަގުދު ފައިސާ އާއި ހައްޖާއި އުމުރާ ދަތުރުތަކުގެ އިތުރުން މަތީ ތައުލީމުގެ ފުރުސަތުތައް ފަދަ "ހަދިޔާ"ތައް އާންމުންނަށް ދިނުމަކީ އިންތިހާބުގެ މާނަ އޮޅޭ ފަދަ މިންވަރަކަށް މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ހިނގާފައިވާ ކަންކަމަށް އެ ބަޔާނުގައިވެ އެވެ.

އިންތިހާބަށް ނުފޫޒު ނުފޯރުވަން އެދި އެމްއާރުއެމުން ބަޔާން ނެރުނުއިރު، ސަރުކާރުން ކޮމަންޑޫ ދާއިރާގެ ކޮމަންޑު އާއި ފޯކައިދު އާއި މަރޮށީގައި ކުއްލި ގޮތަކަށް ބޮޑެތި މަޝްރޫއުތައް ހިންގާ ކަމުގެ ފާޑުކިއުން ވަނީ ބޮޑުވެފަ އެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އިދިކޮޅު ޕީޕީއެމުން ވެސް ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެކަމަކު ސަރުކާރުން މި ތުހުމަތު ދޮގުކުރަމުން ބުނެފައި ވަނީ އިންތިހާބެއް ބާއްވަން ޖެހުމުގެ ކުރިއަށް ވެސް ގިނަ މަޝްރޫއުތައް ޕްލޭންކޮށް އައީ ހިންގަމުން ކަމަށެވެ. އިންތިހާބު ބާއްވަން ޖެހުނުއިރު ވެސް 25 މަޝްރޫއު ތިން ރަށުގައި ހިނގި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެމްއާރުއެމުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތާ ގުުޅުން ނެތް ވައުދުވުމަކީ ވެސް ކެންޑިޑޭޓުން ކެމްޕެއިން ތެރޭގައި ކުރާ ކަމެއް ކަމަށާއި އެ ކަންކަމަކީ ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ އެކި މައްސަލަތަކުގެ އަސްލު ކަމަށެވެ.

"މިފަދަ އަމަލުތަކުގެ ނިވަލުގައި ކުރާ ކެމްޕެއިންގެ ނަތީޖާއަކަށް ގިނަ ފަހަރު ވެގެންގޮސްފައި ވަނީ އިންތިހާބުގެ ނަތީޖާއާ މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފައްދައި، ނާގާލި ފަރާތްތައް މަގާމަށް އިންތިހާބު ވުމެވެ،" އެމްއާރުއެމްގެ ބަޔާނުގައި ބުންޏެވެ.

އެމްއާރުއެމުން ބުނީ އިސްލާހުގެ މަގުގައި މިއަދު އައިސް ތިބި ހިސާބަކީ އެފަދަ ކަންކަމާ ދުރުވެ މިނިވަން އަދި އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ވަކާލާތުކޮށްގެން އައިސް ތިބި ހިސާބެއް ކަމަށެވެ. އެހެންވެ އެ ޕާޓީން ގޮވާލީ، ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިހާބުގެ ކެމްޕެއިން ކުރުމަށެވެ.

ހަރަދުކުރުމުގައި ވެސް އަމަލުކުރަން ޖެހޭނީ އެ ކެންޑިޑޭޓެއްގެ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 1500 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ އަދަދުން އިތުރުނުވާ އަދަދަކަށް ކަމަށް ބުންޏެވެ. އެއަށް ވުރެ އިތުރަށް ހަރަދުކުރުމަކީ ގާނޫނާ ހިލާފު ކަމަކަށްވާއިރު ބޮޑެތި އަދަދުތަކުން ހަރަދު ނުކުރުމަށް ވެސް އެމްއާރުއެމުން ގޮވާލަ އެެވެ.

ކުރިއަށް އޮތް އިންތިހާބަކީ ރައްޔިތުންނާ ހަވާލުކުރެވޭ އަމާނާތެއް ކަމަށާއި އެއީ އެދެވޭ އިސްލާހެއް ގެނައުމަށް ވެސް ލިބޭ ފުރުސަތަކަށްވާތީ ވޯޓު ދޭއިރު ނުފޫޒާއި ފިއްތުންތަކަށް ބޯނުލަނބާ ގާނޫން ކަށަވަރުކޮށްފައިވާ އަމިއްލަ އިހުތިޔާރުގައި ވޯޓުލުމަށް އާންމުންނަށް އެ ޕާޓީން ގޮވާލި އެވެ.

އެމްއާރުއެމް އިން ވަނީ ކެމްޕެއިން ދުވަސްވަރު ގާނޫނާ ހިލާފު ކަންކަން ނުހިނގާކަން ކަށަވަރުކޮށް، ކުރިއަށް އޮތް އިންތިހާބަކީ އިންސާފުވެރި ސައްހަ އިންތިހާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނާއި ކަމާގުޅޭ އެހެން އިދާރާތަކަށް ވެސް ގޮވާލައިފަ އެވެ.