14 ނޮވެމްބަރ 2024
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ނުދޭތީ، މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީގައި ތިއްބަވާ ސަރުކާރާ ދެކޮޅު މެމްބަރުން މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ނުދޭތީ، މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީގައި ތިއްބަވާ ސަރުކާރާ ދެކޮޅު މެމްބަރުން މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ. އޭގެ ތެރެއިން ސަރުކާރުން އަލަށް ހިމެނި ޕްރޮޖެކްޓްތަކަށް ތިން ބިލިއަން ރުފިޔާ ބަޖެޓު ކުރި އެވެ.
މިދިޔަ އަހަރުތަކުގެ ބަޖެޓުގައި ވަކި ވަކި ރަށްރަށުގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ނަމާއި އެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަޖެޓާއި އެ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް އެނގެ އެވެ. ނަމަވެސް މި ސަރުކާރުގެ ފުރަތަމަ ބަޖެޓުގައި އެކަމުގެ ތަފުސީލްތައް ހިމަނައިފައެއް ނުވެ އެވެ.
ބަޖެޓު ދިރާސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގިނަ މެމްބަރުންގެ ސުވާލުތައް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އަމާޒު ކުރެއްވީ މަޝްރޫއުތަކުގެ ތަފްސީލު ހޯދުމަށެވެ.
އެކަމުގެ ޝަކުވާ އެންމެ ފުރަތަމަ ކުރެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ. އޭނާ ވިދާޅުވި ގޮތުގައި، އަންނަ އަހަރަށް ހިންގަން ރާވާފައިވާ ޕްރޮޖެކްޓުތަކުގެ ލިސްޓެއް ހަދާފައި އޮންނާނެ އެވެ.
ބަޖެޓު ކޮމިޓީގައި ބައެއް މެންބަރުން. އަންނަ އަހަރަށް 57 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ މަޖިލީހަށް ހުށަހަޅާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތަފްސީލު މަޖިލީހަށް އެނގެން ޖެހޭ. އެހެންވީމާ އެ ހޯދަން އެބަ ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ޒަމީރު ވިދާޅުވީ، މީގެ ކުރިން ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓު ފޮތުގައި އަދަދުތަކެއް ޖަހަނީ، ދައުލަތުގެ ކޭޝް ފްލޯ އަށް ބެލުމެއް ނެތި، ފިސްކަލް ރޭޝިއޯތަކާ ވެސް ދިމާނުވާ ގޮތަށް ކަމަށެވެ.
އޭގެ ސަބަބުން، މަޝްރޫއުތައް ކުރިއަށް ގެންދެވޭ ވަރަށް ފައިސާ ނެތި، އެތައް މަޝްރޫއުތަކެއް ހުއްޓިފައި ހުރި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ބަޖެޓުގައި އަދަދުތަކެއް ޖަހާފައި ގެނައުމުގެ ބަދަލުގައި އަޅުގަނޑުމެން ޕްރައޮރަޓައިޒް ކޮށްގެން، ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގެން ލިސްޓުތަކެއް ހައްދަވާފައި އޮތީ. ކުރީގެ ސަރުކާރުގައި ވެސް އިލެކްޝަނާ ދިމާކޮށް ބައިވަރު މަޝްރޫއުތަކެއް ފަށާފައި، ކުދިކުދި އަދަދުތަކެއް ޖަހާފައި އެޑްވާންސަށް ފައިސާ ދީފައި ވެސް ހުރޭ،" އެގޮތަށް ހުރި މަޝްރޫއުތައް ވަކި ތަރުތީބެއް ކަނޑައަޅައިގެން ކުރިއަށް ގެންދަން ރާވާފައިކަން ހާމަކުރައްވައި ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގައުމުގެ އިގުތިސާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮއްވައި، މި ފަހަރު ވެސް ލިސްޓެއްގައި މަޝްރޫއުތަކެއް ޖަހައިގެން އެކަން ކުރަން އުޅެފި ނަމަ ދައުލަތުގެ ކޭޝް ފްލޯ މެނޭޖެއް ނުކުރެވޭނެ އެވެ.
އެކަމަކު، އެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލާއި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ މަޝްރޫއުތަކުގެ ތަފްސީލާ ގުޅޭގޮތުން މިނިސްޓަރާ ތަކުރާރުކޮށް ސުވާލު ކުރައްވައިފަ އެވެ.
"ތިޔަ ވިދާޅުވަނީ ރައީސްގެ ލިސްޓަކަށް ކަންތައްތައް ކުރައްވާ ވާހަކަ. ރައީސްގެ ލިސްޓަކީ އެއް އަހަރަށްތޯ ހަތަރު އަހަރަށްތޯ، އެއް އަހަރު މި ނިމުނީ. ކިތައް އަހަރަށްތޯ ރައީސްގެ މެނިފެސްޓޯގަ ލިސްޓު ހައްދަވާފައި އޮތީ؟ އެ ލިސްޓު އަޅުގަނޑުމެން އެބަ ބޭނުންވޭ އިނގޭތޯ،" ނާޒިލް ސުވާލު ކުރެއްވި އެވެ.
ޒަމީރު ދެން ވެސް ވިދާޅުވީ، ބަޖެޓުގައި ޕީއެސްއައިޕީ އަށް ކަނޑައެޅި 12.4 ބިލިއަން ރުފިޔާގެ ތެރޭގައި މިހާރު ކުރިއަށް ގެންދާ އަދި އަލަށް ފަށާ މަޝްރޫއުތައް ހިމެނޭ ކަމަށެވެ.
"ޕީއެސްއައިޕީ ޕައިޕްލައިނަކީ އޭގެ ތަފްސީލު މިގޮތަށް ހުށަހަޅައިފި ކަމަށް ވެއްޖެއްޔާ އޭގެ ނަތީޖާއަކީ ޖެހިގެން އަންނަ އަހަރު މިސާލަކަށް ޕްރޮޖެކްޓު ނުހިންގި ނޫނީ ބައެއް ޕްރޮޖެކްޓުތައް ހިންގަން ފަށާފައި ބަޖެޓު ނެތިގެން ނޫނީ ފައިނޭންސް ނެތިގެން ހުއްޓާލުން،" އޭނާ ވިދާޅުވި އެވެ.
ބަޖެޓު ކޮމިޓީގައި ބައެއް މެންބަރުން. އަންނަ އަހަރަށް 57 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ މަޖިލީހަށް ހުށަހަޅާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެ ޖަވާބަށް ރައްދު ދެއްވައި، ނާޒިލް ވިދާޅުވީ ބަޖެޓުގައި ޖަހާ އެއްވެސް މަޝްރޫއަކީ އެ އަހަރެއްގެ ތެރޭގައި ނިންމަންޖެހޭ މަޝްރޫއެއް ނޫން ކަމަށެވެ. މަޝްރޫއުތައް ހިންގަނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، އެކި ކުއާޓަރުތަކަށާއި ކުރިއަށް ހުރި އަހަރުތަކެއްގެ މައްޗަށް ބަހާލައިގެންނެވެ.
މަޝްރޫއުތަކާ ގުޅޭގޮތުން މެމްބަރުންގެ ސުވާލުތައް އަމާޒުވާން ފެށުމުން، އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަން ބައިވެރިވެވަޑައިގެންނެވި މަރުކަޒީ ބޭންކު، އެމްއެމްއޭ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް ޖަވާބު ދެއްވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި، ހާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަމަށް ފަހު، މާލިއްޔަތާ ނުބައްދަލު މިންވަރަށް ދައުލަތުގެ ކެޕިޓަލް ހަރަދުތައް ވެސް އިންތިހާ އަށް ބޮޑުވި އެވެ.
މިގޮތުން، 2013 ވަނަ އަހަރު ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާގައި ހުރި ގްރޮސް ފައިނޭންސިން 2019 ގައި 23 ބިލިއަނަށް އިތުރުވެފައިވާ ކަން ގަވަރުނަރު ފާހަގަކުރެއްވި އެވެ.
"އޭގެ މާނައަކީ ބަޖެޓު މި އޮތީ އެއްވެސް މިންވަރަކަށް ފައިނޭންސް ނުކުރެވޭ މިންވަރަށް އަދަދުތަކެއް ޖަހައިގެން ކުރިއަށް ގެންދެވިފައި،" މުނައްވަރު ވިދާޅުވި އެވެ.
އެހެންކަމުން، އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއުތައް ފަށަން ޖެހޭނީ، އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖެހުމަށް ފަހު އެވެ.
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
އަންނަ އަހަރު ބޯހިޔާވަހިކަމަށް 4.8 ބިލިއަން ރުފިޔާ
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ކެޕިޓަލް ހަރަދު 1.5 ބިލިއަން ރުފިޔާ ދަށް