Roadha Mihaaru
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް

ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް

04 ނޮވެމްބަރ 2024

ދައުލަތުގެ ބަޖެޓަށް ކޮންމެ ފަހަރަކު ވެސް އެންމެ ބުރަ ބޮޑުވާ އެއްކަމަކީ ސަބްސިޑީ އަށް ބޮޑު ހޭދައެއް ކުރަން ޖެހުމެވެ. ބަޖެޓަށް ނުކަތާ ވަރަށް ސަބްސިޑީ އަށް ހޭދަކުމުގެ ނަތީޖާއަކީ އިސްރާފުގެ ދޮރުތައް ހުޅުވި، ކަމަށް އެކަށީގެން ނުވާ މީހުންނަށް ވެސް ސަބްސިޑީ ދޭން ޖެހުމެވެ. އެކަމަކު، ސަރުކާރުން އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިއިރު ފެންނަ އުފާވެރި މަންޒަރަކީ ސަބްސިޑީ ދޭ އުސޫލަށް ބަދަލު ގެނެސް އަދަދު ބޮޑު ތަނުން ކުޑަކޮށްފައިވާ ތަނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ ބަޖެޓަށް ކޮންމެ ފަހަރަކު ވެސް އެންމެ ބުރަ ބޮޑުވާ އެއްކަމަކީ ސަބްސިޑީ އަށް ބޮޑު ހޭދައެއް ކުރަން ޖެހުމެވެ. ބަޖެޓަށް ނުކަތާ ވަރަށް ސަބްސިޑީ އަށް ހޭދަކުމުގެ ނަތީޖާއަކީ އިސްރާފުގެ ދޮރުތައް ހުޅުވި، ކަމަށް އެކަށީގެން ނުވާ މީހުންނަށް ވެސް ސަބްސިޑީ ދޭން ޖެހުމެވެ. އެކަމަކު، ސަރުކާރުން އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިއިރު ފެންނަ އުފާވެރި މަންޒަރަކީ ސަބްސިޑީ ދޭ އުސޫލަށް ބަދަލު ގެނެސް އަދަދު ބޮޑު ތަނުން ކުޑަކޮށްފައިވާ ތަނެވެ.

މިދިޔަ އަހަރުތަކުގައި ސަބްސިޑީ އަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އަންނަ އަހަރަށް ކަނޑައަޅާފައިވާ އަދަދު ގާތްގަނޑަކަށް ތިން ގުނަ ކުޑަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ސަރުކާރުން ނިންމާފައިވާ ރިފޯމުތައް ގެނެސް، ބައެއް ސަބްސިޑީތައް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދޭނެ ގޮތްތަކެއް ކަނޑައެޅުމެވެ. ސީދާ އެ މީހުންގެ އެކައުންޓަށެވެ.

ސަބްސިޑީ ދެނީ ހެޔޮ އަގުގައި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދީ، އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދައުލަތުން އެހީތެރިވާށެވެ. އަދި އެފަދަ ފަދަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭން އެހީވުމަށެވެ. ނަމަވެސް މިހާރަށް ބަލާ ނަމަ އެކަން ހާސިލް ވަނީ ހުރިހާ އެންމެންނަށް އެއް ހަމައަކުންނެވެ. އެހެންވެ، ދައުލަތުން ކުރަން ޖެހޭ ހަރަދު އެތައް ގުނައެއް އިތުރުވެ އެވެ. އެކަން އެގޮތަށް ކުރާތީ، އެންމެ ބޭނުން ޖެހިފައިވާ މީީހުންނަށް އެކަމުގެ ހަގީގީ މަންފާއެއް ނުލިބެވެ. ދައުލަތުގެ ހޭދަތައް ބޮޑުވުން ނޫން ކަމެއް ނުވެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހަ ސަބްސިޑީއަކަށް 1.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މި އަހަރު އެ ސަބްސިޑީތައް ކަނޑައަޅާފައި އޮތީ 4.5 ބިލިއަން ރުފިޔާ އެވެ. އެހެންވެ، މިއީ ގާތްގަނޑަކަށް 60 ޕަސެންޓު ދަށް އަދަދެކެވެ.

ސަބްސިޑީތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑާލާފައިވަނީ، ދައުލަތުން މީގެ ކުރިން އެންމެ ބޮޑު ހޭދައެއް ކުރާ، ތެލުގެ ސަބްސިޑީއަށެވެ. ތެލުގެ ސަބްސިޑީ ސަރުކާރުން ދެމުން އަންނަނީ އެސްޓީއޯ މެދުވެރިކޮށް ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށް ދިނުމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކަނޑައަޅާފައިވާ އަދަދުތަކާއި އޭގެ ފަރަގު

އަންނަ އަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކަނޑައަޅާފައިވާ އަދަދުތަކާއި އޭގެ ފަރަގު

މި އަހަރު ވެސް ތެލުގެ ސަބްސިޑީ އަށް 2.2 ބިލިއަން ރުފިޔާ ހޭދަކުރާ އިރު، އަންނަ އަހަރަށް ކަނޑައަޅާފައިވަނީ 438 މިލިއަން ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް 80 ޕަސެންޓުގެ ދަށްވުމެކެވެ. ކާޑުގެ ބާވަތްތަކަށް މި އަހަރު 353 މިލިއަން ރުފިޔާގެ ސަބްސިޑީ ދިން އިރު އަންނަ އަހަރުގެ އަދަދަކީ 93 މިލިއަން ރުފިޔާ އެވެ. އެއީ 70 ޕަސެންޓު ކުޑަ އަދަދެކެވެ. ކާޑު ސަބްސިޑީ ވެސް ސަރުކާރުން ދެމުން އަންނަނީ އެސްޓީއޯ މެދުވެރިކޮށް، ކާޑުގެ އަގު ކޮންޓްރޯލް ކުރުމަށެވެ.

ކަރަންޓުގެ ސަބްސިޑީން ވެސް ވަނީ 50 ޕަސެންޓު ކުޑަކޮށްފަ އެވެ. މި އަހަރު އެ އަދަދު ހުރީ 795 މިލިއަން ރުފިޔާގަ އެވެ. އަންނަ އަހަރަށް ކަރަންޓު ސަބްސިޑީގެ ގޮތުގައި ކަނޑައާޅާފައި އޮތީ 379 މިލިއަން ރުފިޔާ އެވެ. އެ ސަބްސިޑީއަކީ ސްޓެލްކޯ އާއި ފެނަކަ އަށް ސަރުކާރުން ކަރަންޓުގެ އަގު ހެޔޮކުރުމުގެ ގޮތުން ދެމުން އަންނަ އަދަދެކެެވެ.

މަސްވެރިންނަށް މަސް ވަކި އަގެއްގައި ވިއްކުމަށް މިފްކޯ މެދުވެރިކޮށް ދެމުން އަންނަ ސަބްސިޑީ ވެސް ވަނީ ގާތްގަނޑަކަށް 50 ޕަސެންޓަށް ކުޑަކޮށްފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި އެ އެކަމަށް ހިމަނާފައި އޮތީ 210 މިލިއަން ރުފިޔާ އެވެ. މި އަހަރު މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި 413 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ދޯންޏަކަށް މުދާ އަރުވަނީ. އަންނަ އަހަރު ސީދާ ރައްޔިތުންނަށް ސަބްސިޑީ ދޭން ވަނީ ބަޖެޓުގައި 900 މިލިއަން ރުފިޔާ ހިމަނާފައި -- ފޮޓޯ: މިހާރު

ދޯންޏަކަށް މުދާ އަރުވަނީ. އަންނަ އަހަރު ސީދާ ރައްޔިތުންނަށް ސަބްސިޑީ ދޭން ވަނީ ބަޖެޓުގައި 900 މިލިއަން ރުފިޔާ ހިމަނާފައި -- ފޮޓޯ: މިހާރު

ބަޖެޓުން ދޭ ސަބްސިޑީތަކުގެ ތެރެއިން ހަމައެކަނި އަންނަ އަހަރު ބޮޑުވަނީ ކުނި މެނޭޖް ކުރުމަށް ދޭ ސަބްސިޑީ އެވެ. އަންނަ އަހަރު ކުނި މެނޭޖް ކުރުމަށް 67 މިލިއަން ރުފިޔާ ބަޖެޓުގައި ލިޔެފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 24 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާ ސަބްސިޑީއެއްގެ ގޮތުގައި ބަޖެޓުގައި ވަނީ ބޯހިޔާވަހިކަމުގެ އަގު ކޮންޓްރޯލް ކުރުމަށް އެޗްޑީސީ އަށް ދޭ ނުސީދާ ސަބްސިޑީގެ ގޮތުގައި ދޭ 154 މިލިއަން ރުފިޔާ އެވެ.

އެ ސަބްސިޑީތަކުގެ އިތުރުން ކައުންސިލްތަކަށް ދޭ ބްލޮކް ގަރާންޓާއި ކުންފުނިތަކަށް ދޭ އެހީތަކާ އެކު ޖުމްލަ އަންނަ އަހަރަށް ކަނޑައަޅާފައިވާ ސަބްސިޑީގެ އަދަދު ވަނީ ގާތްގަނޑަކަށް ތިން ބިލިއަން ކުޑަކޮށްފަ އެވެ. އަންނަ އަހަރު ޖުމްލަ ސަބްސިޑީތަކަށް ކުރާ ހޭދަ 8 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއަހަރު އެ އަދަދު ހުރީ 11 ބިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ.

ހަތަރު ސަބްސިޑީއެއް ސީދާ އާންމުންގެ އެކައުންޓަށް، އެކަމަށް 900 މިލިއަން ރުފިޔާ

ބަޖެޓު ފޮތުގެ ހިސާބުތައް ބަލައިލުމުން، ފާހަގަވާ އެއް ކަމަކީ އެންމެ ބޭނުން ޖެހޭ މީހުންނަށް ޑައިރެކްޓް ޓްރާންސްފާއެއްގެ ގޮތުގައި ސަބްސިޑީ ދިނުމަށް ކަނޑައަޅާފައިވާ އަދަދެވެ. އެކަމަށް ބަޖެޓުގައި 900 މިލިއަން ވަނީ ހަމަޖައްސާފަ އެވެ.

ޑައިރެކްޓް ޓްރާންސްފާ ކުރަނީ:

- ކާޑު

- ތެޔޮ

- ކަރަންޓު

- ނަރުދަމާ

މީގެ ކުރިން އެ ސަބްސިޑީތައް ދެމުން ދިޔައީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބްލޭންކެޓްކޮށް ދީގެންނެވެ.

އެންމެންނަށް އެއް ހަމައެއްގައި ސަބްސިޑީ ދިނުމުގެ ބަދަލުގައި އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ސަބްސިޑީ ދޭން ކަނޑައަޅާފައިވާ އެއް ސަބަބަކީ ސަރުކާރުގެ ފިސްކަލް ދެމެހެއްޓެނިވިކަން ގާއިމް ކުރުމެވެ. މިދިޔަ އަހަރުތަކުގައި ސަބްސިޑީތަކަށް ކުރާ ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހާއްސަކޮށް މިދިޔަ ތިން އަހަރު ވަނީ ރައްޔިތުންނަށް ސީދާ ދޭ ސަބްސިޑީގެ އަދަދު އެވްރެޖުކޮށް ހަތަރު ބިލިއަން ރުފިޔާ އަށް އަރަ އެވެ.

ޔުނިވާސަލް ސަބްސިޑީ ދޭ ނިޒާމު، އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދޭން ފަށަނީ ގޭބީސީތަކުގެ އާމްދަނީއަށް ބަލައިގެންނެވެ. އެ ނިޒާމަށް ބަދަލުވުމުން އަމަލު ކުރާގެ ގޮތުގެ ތަފްސީލު ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް، ބެލެވޭ ގޮތުގައި އެކަން ކުރާނީ ސަބްސިޑީ ބޭނުންވާ މީހުން އަމިއްލައަށް ރަޖިސްޓަރީ ވެވޭ ނިޒާމެއްގެ ތެރެއިންނެވެ. މިއީ ރައްޔިތުންނަށް ސީދާ ދޭ ސަބްސިޑީތައް ދިނުމުގައި އާންމުކޮށް ގިނަ ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ގޮތެވެ. ރަޖިސްޓަރީ ކުރުމުން އެ މީހެއްގެ މާލީ ހާލަތު ދަނެގަނެ، އެ މީހުންގެ އެކައުންޓުތަކަށް ދައުލަތުން ފައިސާ ޖަމާކުރާނެ އެވެ.

މި ބަދަލާ އެކު، އާބާދީގެ އެންމެ ފޯރުންތެރި މީހުން ފިޔަވައި އާބާދީގެ ބޮޑު ބަޔަކަށް ސަބްސިޑީ ލިބޭނެ އެވެ. އެންމެ ބޭނުން ޖެހިފައިވާ މީހުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މިހާރަށް ވުރެ ބޮޑު ލުޔެއް ލިބޭނެ އެވެ. އޭގެ ސަބަބުން، ހަަރަދުތައް ބޮޑުވާނީ މުއްސަދިންނަށެވެ.

ނިޒާމަށް އަވަހަށް ހޭލުންތެރި ކުރަންވީ

ސަރުކާރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުން އެނގޭ ގޮތުން ސަބްސިޑީ ދޭން ފަށާނީ އަހަރުގެ ކުރީކޮޅުގަ އެވެ. އެހެންވެ، ސީދާ ސަބްސިޑީ ދޭން ފެށުމުގެ ކުރިން އާންމުން އެ ނިޒާމަށް ހޭލުންތެރިކޮށް، އަހުލުވެރި ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުން ވަރަށް މުހިއްމެވެ.

އިގްތިސާދު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވީ، މިހާރު ރާއްޖޭގައި ސަބްސިޑީ ދޭ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމަކަށް ނުވާއިރު އާ އުސޫލުން ސަބްސިޑީ ދޭން ފެށުމަށް އާންމުން ހޭލުންތެރިކޮށް، ތައްޔާރު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، އާ އުސޫލުން ސަބްސިޑީ ދޭން ފަށާއިރު، ހުރި މައްސަލަތައް ފެންނަން ފަށާނީ، އެކަން ފެށުމުން ކަމަށެވެ. އެހެންވެ، ވީހާ ވެސް ރައްޔިތުންނަށް ފަސޭހަ އިން ހުރި މައްސަލަތައް ހުށަހެޅޭނެ ގޮތްތައް ވެސް ހުންނަން ވާނެ އެވެ.

"ފުޅާދާއިރާއެއްގައި މިކަމުގައި މަޝްވަރާ ކުރަން ޖެހޭ. ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކާ ވާހަކަ ދައްކަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ބަޔަކު ކާޑުގެ ބައެއް ބާވަތްތަށް ބަނދަރު ސަރަހައްދުގައި އޮތް ދޯންޏަކަށް އަރުވަނީ. ހަތަރު ސަބްސިޑީއެއް ސީދާ ރައްޔިތުންގެ އެކައުންޓަށް ފޮނުވަން ވަނީ ނިންމާފައި -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ބަޔަކު ކާޑުގެ ބައެއް ބާވަތްތަށް ބަނދަރު ސަރަހައްދުގައި އޮތް ދޯންޏަކަށް އަރުވަނީ. ހަތަރު ސަބްސިޑީއެއް ސީދާ ރައްޔިތުންގެ އެކައުންޓަށް ފޮނުވަން ވަނީ ނިންމާފައި -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އޭނާ ވިދާޅުވިގޮތުގައި، ފިސްކަލް ހާލަތު ދެމެހެއްޓުމަށް ސަބްސިޑީ ރިފޯމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އެ ކަން އަވަސް ކުރަން ސަރުކާރުން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ސަބްސިޑީ ދޭން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި އަހަރު ވެސް 600 މިލިއަން ރުފިޔާ އިތުރުކުރި އެވެ. އެކަމަކު އެކަމެއް ނުކުރެވުނެވެ. އާ ސަރުކާރުން ބުނީ، އެކަން ނުކުރެވުނީ، އެކަމަށް ބޭނުންވާ ތައްޔާރީތައް ވެފައި ނުވާތީ ކަމަށެވެ.

އުނދަގޫ ބަދަލެއްް ނަމަވެސް އަަންނަ އަހަރު ސަބްސިޑީ ކުޑަކުރުން ނޫން އިތުުރު ޗޮއިސްއެއް ނެތް ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެ އެވެ. މި ފިޔަވަޅު ނާޅައި، އިގްތިސާދު ކުރިއަށް ގެންދޭވެނެ މާގިނަ ގޮތްތަކެއް ނެތެވެ. މި އަހަރު ވެސް އެބަދަލުތައް ނުގެނައުމުގެ ސަބަބުން ބަޖެޓަށް އިތުރަށް ބުރަ ބޮޑުވީ އެވެ. މާލީ ހާލަތު އިތުރަށް ގޯސްވީ އެވެ. އެކަމަކު އަންނަ އަހަރު އެކަން ނުކޮށްފި ނަމަ މުޅި މާލީ ހާލަތު ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ. މިއީ އާ ފެށުމެއް ކަމަށް ބަލައި ނަތީޖާ ނެރުން ނޫން ގޮތެއް ނެތެވެ.