17 ނޮވެމްބަރ 2022
މި އަހަރަކީ މި ވެރިކަމުގެ މި ދައުރުގެ އެންމެ ފަހު ބަޖެޓެވެ. އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.6 ބިލިއަން ރުފިޔާ އަށް އެރި އިރު މިއީ ރާއްޖޭގައި މިހާތަނަށް ފާސްކުރާނެ އެންމެ ބޮޑު ބަޖެޓެވެ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ބަޖެޓަށް ވަނީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
މި އަހަރަކީ މި ވެރިކަމުގެ މި ދައުރުގެ އެންމެ ފަހު ބަޖެޓެވެ. އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.6 ބިލިއަން ރުފިޔާ އަށް އެރި އިރު މިއީ ރާއްޖޭގައި މިހާތަނަށް ފާސްކުރާނެ އެންމެ ބޮޑު ބަޖެޓެވެ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ބަޖެޓަށް ވަނީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އިގްތިސާދު ފުޅާވެ، ކުރިއަށްދާ ވަރަކަށް ކުރާ ހޭދަ ވެސް ބޮޑުވެގެންދާނެ އެވެ. ހަރަދު ވެސް ބޮޑުވާނެ އެވެ. އެކަން ފަސް އަހަރުގެ ބަޖެޓް ފޮތްތަކުން ފެންނަން އެބައޮތެވެ. އެކަމަކު، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ފަސް އަހަރުގެ ދައުރެއް ނިމުނު އިރު، އާމްދަނީ ލިބޭނެ ގޮތްތަކެއް ވެސް އޮންނަން ވާނީ ތަންފީޒު ކުރެވިފަ އެވެ. އާމްދަނީ އިތުރުކުރާނެ މަޝްރޫއުތަކެއް އޮންނަން ވާނީ ފެށިފަ އެވެ. އެކަން ހާސިލްވީ ކިހާ ވަރަކަށްތޯ އެއީ އެ ބޭފުޅުން އުފައްދަވާ ބޮޑު ސުވާލެކެވެ.
މި ސަރުކާރު ވެރިކަމަށް އައިސް، އެންމެ ފުރަތަމަ ވެސް ބަޖެޓްގައި ދިން، ބޮޑު އެއް ސަމާލުކަމަކީ، އިގްތިސާދީ ހަރަކާތްތަކަކަށް އިސްކަން ދިނުމެވެ. ބޭރު ފައިސާ ލިބޭނެ އިތުރު ގޮތްތައް މަގުފަހި ކުރުމެވެ. ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވެސް ދެކެވުނު މުހިންމު އެއް ވާހަކައަކީ "ނޫއިގްތިސާދު"ގެ ވާހަކަ އެވެ. އެކަމަކު، އެއިން އެއްވެސް ކަމެއް، މި ފަސް އަހަރުގެ ތެރޭގައި ހާސިލްވެފައެއް ނެތެވެ. އަދި އާމްދަނީ އިތުރުކުރަން ސަރުކާރުން ރޭވި ގާތްގަނޑަކަށް ހަމަ އެއްވެސް ކަމެއް ފެނުން މައްޗަށް ތިލަވެފައެއް ނެތެވެ.
ދައުލަތުގެ ފަސް އަހަރުގެ ބަޖެޓް ފޮތް ބަލާލުމުން އެނގޭ އެއްޗަކީ، މަޝްރޫއުތަކެއް ރޭވިޔަސް، އެ ކަންކަން ތަންފީޒުވެފައި ނެތް ކަމެވެ. އަދި ހަމަ އެހެންމެ، ޓޫރިޒަމް ފިޔަވައި، އާމްދަނީ ލިބޭނެ އެހެން ގޮތްތަކެއްގެ ހަރުދަނާ ޕްލޭންތަކެއް ރޭވިފައި ވެސް ނެތް ކަމެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ސަރުކާރަށް ދެއްކޭނެ ހަމައެކަނި ހުއްޖަތަކީ، ކޮވިޑެވެ. ކޮވިޑާ އެކު ވަރަށް ގިނަ ކަންކަން ބޮއްސުންލައިގެން ދިޔަ ވާހަކަ އާއި ހަރަދު ބޮޑުވި ވާހަކަ އެވެ.
ފަސް އަހަރުގެ ބަޖެޓު
ވޭތުވެދިޔަ ހަތަރު އަހަރުގެ އާމްދަނީ އަށް ބަލާ އިރު 2019 ވަނަ އަހަރަށް ވުރެ އަންނަ އަހަރަށް ބަޖެޓުކޮށްފައިވާ އާމްދަނީ އަށް އިތުރުވާނެ ކަމަށް ބެލެވެނީ، ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް އަށް ޕަސެންޓުގެ ކުރިއެރުމެކެވެ.
ފިނޭންސް މިނިސްޓްރީން ލަފާކުރި ވަރަށް ވުރެ ބާރު ސްޕީޑުގައި ރާއްޖޭގެ ޓޫރިޒަމް ކުރިއަރަމުން އަންނަ އިރު މި އަހަރު ނިމޭ އިރު ހިލޭ އެހީ ނުހިމަނައި، އާމްދަނީ ލިބޭނެ ކަމަށް ބަލަނީ 25 ބިލިއަން ރުފިޔާ އެވެ. އޭގެ މާނައަކީ، މި ފަސް އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި އިތުރުވަނީ އެންމެ ތިން ބިލިއަން ރުފިޔާ ކަމެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖެ އަށް 131.2 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، ހަތަރު އަހަރުން އާމްދަނީ އަށް ލިބުނީ 116.8 ބިލިއަން ރުފިޔާ އެވެ. އެއް އަހަރު ފިޔަވައި އެހެން ހުރިހާ އަހަރުތަކެއްގައި ވެސް، އާމްދަނީގެ އަންދާޒާތައް ދިމައެއް ނުވި އެވެ. އޭގެ ތެރޭގައި ކޮވިޑައި ހޭދަކުރ އެއް އަހަރުގެ މުއްދަތު ވެސް ހިމެނެ އެވެ. ހަތަރު އަހަރުގެ އަންދާޒާކުރި އާމްދަނީން 14.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައެއް ނުވެ އެވެ. އޭގެ މާނައަކީ 11 ޕަސެންޓް ދިމާނުވުމެވެ.
ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ބަޖެޓު ވަނީ ގާތްގަނޑަކަށް 30 ޕަސެންޓު އިތުރުވެފަ އެވެ. ބަޖެޓު ބޮޑުވި ނިސްބަތާ އަޅާ ބަލާއިރު ޖުމްލަ އާމްދަނީ އިތުރުވީ، ވަރަށް ކުޑަ މިންވަރަކަށެވެ.
ވޭތުވެދިޔަ ފަސް އަހަރު ދައުލަތުގެ ހަރަދުތަކަށް 163 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ފަސް އަހަރުގައި ހަރަދު ކުރަން 173 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެހެންވެ ޖުމްލަ ހަރަދުގެ ގާތްގަނޑަކަށް 90 ޕަސެންޓް ހޭދަކުރި އެވެ.
މި ފަސް އަހަރުގެ ތެރެއިން 2020 ވަނަ އަހަރު ފިޔަވައި އެހެން ހުރިހާ އަހަރެއްގައި ވެސް ބަޖެޓުގެ ޖުމްލަ ހޭދަ ވަނީ ބޮޑުވެފަ އެވެ. އާމްދަނީއާ އެއްގޮތަށް ހަރަދު ވެސް ބަޖެޓުގައި އަންދާޒަކުރި ވަރަށް ވުރެ އަހަރު ނިމުނު އިރު ކުރި ހޭދަ 10 ބިލިއަނެއްހާ ރުފިޔާ މަދެވެ. ހަރަދުކުރި ވަރު އެހާ ބޮޑުތަނުން މަދުވީ، 2020ގައި ކުރިމަތިވި ކޮވިޑާ އެކު ޕްރޮޖެކްޓްތައް މެދުކަނޑާލައި ހަރަދު ކުޑަ ކުރުމުންނެވެ.
ބަޖެޓުގެ ހިސާބުތަކަށް ބަލާއިރު ކޮންމެ އަހަރެއްގެ ވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ ރިކަރަންޓް ހަރަދަށް، ނުވަތަ މުވައްޒަފުންގެ މުސާރަ އާއި ހިންގުމުގެ ހަރަދަށެވެ.
ކޮންމެ އަހަރެއްގެ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސެންޓަކީ މުވައްޒަފުންނާއި ހިންގުމުގެ ހަރަދު ކަމަށްވާ އިރު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރެއިން 2020 ވަނަ އަހަރު ފިޔަވައި، ކޮންމެ އަހަރަކު ވެސް ރިކަރަންޓް ހަރަދުތައް އަންދާޒާކުރި ވަރަށް ވުރެ ވަނީ އިތުރުވެފަ އެވެ.
މި ފަސް އަހަރުގެ ތެރޭގައި މިހާތަނަށް ރިކަރަންޓް ހަރަދު އެންމެ ބޮޑަށް ބޮއްސުންލީ 2021 ވަނަ އަހަރު އެވެ. އެ އަހަރު އަންދާޒާ ކުރި ވަރަށް ވުރެ 2.4 ޕަސެންޓު ވަނީ އިތުރުވި އެވެ. ރިކަރަންޓް ހަރަދަށް އެ އަހަރު 24 ބިލިއަން ރުފިޔާ ހޭދަ ކުރިއިރު އެއީ އަންދާޒާކުރި ވަރަށް ވުރެ މާ މަތީ އަދަދެކެވެ.
ފަސް އަހަރުގެ ބަޖެޓުގެ ތަފްސީލު
މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތުން ރިކަރަންޓް ހަރަދަށް ހޭދަކޮށްފައި ވަނީ 22.5 ބިލިއަން ރުފިޔާ އެވެ. ބެލެވޭ ގޮތުގައި މި އަހަރު ވެސް ރިކަރަންޓް ހަރަދު ވަރަށް ބޮޑުވާނެ އެވެ.
ރިކަރަންޓް ހަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާ އިރު، ބަޖެޓުން ފެންނަ އަނެއް ކަމަކީ ކެޕިޓަލް ހަރަދުތައް ވެސް ދަށްވެފައި ހުއްޓަ އެވެ. އެއީ ޕީއެސްއައިޕީގެ މަޝްރޫއުތަކެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަކުރީ ބަޖެޓުގައި ޖަހާފައިވާ އަދަދުތަކަށް ވުރެ 11.4 ވަރަކަށް ބިލިއަން ރުފިޔާ މަދުންނެވެ. އަދި ޖުމްލަ ކެޕިޓަލް ހަރަދުން ކޮންމެ އަހަރަކު ވެސް ދެ ބިލިއަން ރުފިޔާ ވަރު ބޭނުމެއް ނުކުރެ އެވެ. އެހެންވެ، ކެޕިޓަލް ހަރަދުގެ 30 ޕަސެންޓް މި ދައުރުގެ ތެރޭގައި ހާސިލެއް ނުވެ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައެޅި ޖުމްލަ އަދަދު ހޭދަކޮށްފައި ނުވިޔަސް، ވޭތުވެދިޔަ ފަސް އަހަރު ޕީއެސްއައިޕީ އަށް ހަރަދުކުރި ޖުމްލަ އަދަދު މަދެއް ވެސް ނޫނެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްރަށުގައި ނަރުދަމާއި ފެނުގެ ހިދުމަތާއި ބަނދަރު ތަރައްގީ ކުރުމާއި އެއާޕޯޓު އެޅުމުގެ މަޝްރޫއުތައް ވެސް މިހާރު ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެހެންވެ، މި ސަރުކާރަކީ، ފަސް އަހަރުގެ ތެރޭގައި ރަށްރަށުގައި އެންމެ ގިނަ ކުދި މަޝްރޫއުތައް ހިންގި ސަރުކާރަށް ވުން އެކަށީގެން ވެ އެވެ.
ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ދަރަނި އެންމެ ބޮޑުތަކުން އިތުރުވީ، 2021 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ވަނީ 57 ބިލިއަން ރުފިޔާ އިން 82.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އެއީ 24 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ދަރަންޏަށް އެވްރެޖްކޮށް އަހަރަކު 11 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.
މިއީ ކުރާ ހޭދަ އާއި ލިބޭ އާމްދަނީ އަށް ބަލާއިރު، ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން ދައުލަތުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 59 ޕަސެންޓުގަ އެވެ. އެހެން ނަމަވެސް މިހާރު ދައުލަތުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 108 ޕަސެންޓުގަ އެވެ.
މިއީ ދުނިޔޭގެ މާލީ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ވެސް މަތީ މިންވަރެކެވެ. ގައުމެއްގެ ދަރަނި ހުންނަން ޖެހޭނެ ކަމަށް އައިއެމްއެފް އިން ކަނޑައަޅާފައިވާ އެންމެ މަތީ މިންގަނޑަކީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 ޕަސެންޓެެވެ.
ފަސް އަހަރުގެ ދަރަނި
މި ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ދަރަނި މިވަނީ ދެ ގުނައަށް ވުރެ މަތި ވެފަ އެވެ. އެއީ ފަސް އަހަރުން 58 ބިލިއަން ރުފިޔާ އެވެ. ކުރިއަށް އޮތް އަހަރު ވެސް ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
ދައުލަތުގެ ޑެފިސިޓް އެހާ ބޮޑުވަނީ ބަޖެޓުގައި އާމްދަނީ ހޯދަން ޖަހާ ކަންކަން ހާސިލު ނުވާތީ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އަދަދެއް ހާސިލު ނުވަނީ ބަޖެޓުގައި ޖަހާ ހިލޭ އެހީއިންނެވެ. ބަޖެޓުގައި މިދިޔަ ފަސް އަހަރު ހިލޭ އެހީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ހޯދަން ޖެހި އިރު، އަންނަ އަހަރުގެ ބަޖެޓްގައި ޖަހާފައިވާ 2.4 ބިލިއަން ރުފިޔާ ލިބުނަސް، ހިލޭ އެހީގެ ގޮތުގައި ޖުމްލަ ލިބޭނީ 5.8 ބިލިއަން ރުފިޔާ އެވެ. އެހެންވެ މިދިޔަ ފަސް އަހަރު ބަޖެޓުގައި ޖެހި ހިލޭ އެހީގެ ދެބައިކުޅައެއްބައި ވެސް ލިބިފައެއް ނުވެ އެވެ.
ޖުމްލަކޮށް ބަޖެޓް ކުރާ އަދަދުތަކުގެ 80 ޕަސެންޓް ހާސިލުވާ އިރު ކެޕިޓަލް ހަރަދާއި ދަރަނީގެ އަދަދުތައް އެއް އަހަރުން އަނެއް އަހަރަށް ބޮޑުވެ އެވެ. އަދި އަންދާޒާކުރާ ވަރަށް ވުރެ ބޮޑަށް ބަޖެޓް ޑެފިސިޓް ބޮޑުވެ އެވެ. ބަޖެޓުގެ 20 ޕަސެންޓް ހާސިލު ނުވުމަކީ ވެސް ބޮޑު އަދަދެކެވެ. ހާއްސަކޮށް އާމްދަނީ އެވެ.
ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި އެހެނިހެން މަޝްރޫއުތައް ނުހިންގޭ އެންމެ ބޮޑު އެއް ސަބަބަކީ ޕްލޭން ކުރާ ގޮތަށް ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ނުލިބުމެވެ. އަދި ބަޖެޓުގައި ކަނޑައަޅާ ގޮތުން ހަރަދު މަދުކުރަން ޖަހާ ކަންކަން ހާސިލު ނުވަނީ ވެސް އެ އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ހަރަދުތައް ކުރަން ޖެހޭތީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެކަމަކު ބަޖެޓުގައި ޖަހާ އަދަދުތައް، އަހަރު ނިމޭއިރު ދިމާކުރަން ނުވަތަ ރިއަލިސްޓިކް ކުރަން ގިނަ މަސައްކަތްތައް ކުރާ ކަމަށް އެ މިނިސްޓްރީން ބަޖެޓު ފޮތުގައި ބުނެފައިވެ އެވެ.
މަޖިލީހުގެ މެމްބަރަކު ބަޖެޓް ފޮތް ބައްލަވަނީ: ބޮޑު މައްސަލައެއް އުޅެނީ އާމްދަނީގެ -- ފައިލް ފޮޓޯ: މިހާރު
ވޭތުވެދިޔަ ފަސް އަހަރުގެ ތެރެއިން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް ވެސް އަންދާޒާކުރި ވަރަށް ވުރެ، ތިން ބިލިއަން ރުފިޔާ ވަރު ބޮޑެވެ. އެހެންވެ، އަންނަ އަހަރު ވެސް އަންދާޒާކުރާ ވަރަށް ވުރެ ޑެފިސިޓް ބޮޑުވާނެ ކަމަށް އެމްއެމްއޭ އިން ވެސް ލަފާކުރެ އެވެ.
ގައުމެއްގެ އެންމެ މުހިންމު އެއް ކަމަކީ، ހަރަދު ބޮޑުވާނެ ކަމަށް ބަލައި، ގައުމެއްގެ އުފެއްދުންތެރި ކަމުން އެ ފައިސާ ހޯދުމެވެ. ރާއްޖޭގެ އުފެއްދުންތެރި ކަމަކީ ޓޫރިޒަމަށް ވާއިރު، ވޭތުވެދިޔަ ފަސް އަހަރު ކުރި އެންމެ ހިތި ތަޖުރިބާއަކީ ވެސް، ޓޫރިޒަމަށް އެކަނި ބަރޯސާ ވެގެން ތިބެވެން ނެތް ކަމެވެ. ބަލިމަޑުކަމެއް ނުވަތަ ހަނގުރާމައެއް ފެށިގެން ހިނގައްޖެ ނަމަ ރާއްޖެ އަކީ، އޭގެ ހިތި ތަހަންމަލު ކުރަން ޖެހޭ އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމުކަން އަބަދު ވެސް ހަނދާން ބަހައްޓަން ޖެހޭ ކަމެވެ.
ފަސް އަހަރުގެ ބަޖެޓުން ވެސް ފެނުނީ އެ މަންޒަރެވެ. ހަރަދު ނުކޮށް ވާން ނެތް ކަމެވެ. އެކަމަކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކެއް ވެސް ނެތް ކަމެވެ.
ސަރުކާރުގެ ކުންފުނިތަކަށް 300 މިލިއަން ބަޖެޓުން ދީފި
ސަރުކާރުން ހުރިހާ ހަރަދެއް ކުރަން ވައުދުވާ މޫސުމެއް!
މިދިޔަމަހު ލިބުނީ 2 ބިލިއަން، 2.4 ބިލިއަން ހޭދަވި
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ
ބަޖެޓު ނުކުރާ ޕްރޮޖެކްޓްތަކަށް 73 މިލިއަން ހޭދަކުރި
ދަރަނިތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: އަމީރު
ބަޖެޓް ފައިނޭންސްގެ 38 ޕަސެންޓް ހޯދައިފިން: އަމީރު
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ބަޖެޓާ މެދު އެމްއެމްއޭގެ ބޮޑެތި ކަންބޮޑުވުންތަކެއް!