Roadha Mihaaru
ބަޖެޓު ނުކުރާ ޕްރޮޖެކްޓްތަކަށް 73 މިލިއަން ހޭދަކުރި

ކުރިން ބަޖެޓު ނުކުރާ މަޝްރޫއުތަކަށް 73 މިލިއަން ހޭދަކުރި: ފިނޭންސް

12 އޮކްޓޯބަރ 2023

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ނެތް އެކިއެކި މަޝްރޫއުތަކަށް 73 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ނެތް އެކިއެކި މަޝްރޫއުތަކަށް 73 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ފިސްކަލް ހިރާސްތަކުގެ ބަޔާން 2024-2026 ވަނަ ރިޕޯޓުގައިވާ ގޮތުން ބަޖެޓު ނުކުރާ ހަރަދުތައް މިނިސްޓްރީތަކުން ކުރަން ޖެހެނީ އެކަށީގެންވާ ޕްލޭނެއް ނެތި މަޝްރޫއުތައް ފުރިހަމަ އަށް ދަނެނުގަނެ ޕްރޮޖެކްޓްތައް ބަޖެޓު ކުރާތީ އެވެ.

ދައުލަތުގެ ސިޔާސަތުތައް ތަންފީޒު ކުރަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކޮންމެ އަހަރަކު ވެސް ބަޖެޓު ކުރެ އެވެ. ފާސްކޮށްފައިވާ ބަޖެޓަކަށް ބަދަލު ގެނެވޭނީ، ރައީސުލްޖުމްހޫރިއްޔާ އެކަމަށް އެދިވަޑައިގަތުމުންނެވެ. އެހެން ނޫނީ މަޝްރޫއެއް އިތުރު ކުރެވޭނީ ބަޖެޓު ފާސްކުރާ މަރުހަލާގަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބަޖެޓުގެ މަޝްރޫއުތަކަށް އެހާ ގިނައިން ބަދަލު ގެންނަން ޖެހެނީ މިނިސްޓްރީންތަކުން ބަޖެޓު އެކުލަވައިލާއިރު، އިސްފަސްކޮށް ސްޓްރީމްލައިން ކުރާތީ ކަމަށެވެ. ފޯރުންތެރިކަން ހުންނަ ވަރަކުން މަޝްރޫއުތައް ފެށުމުގެ ކުރިން އެ މަޝްރޫއެއް ރަނގަޅަށް ޕްލޭން ނުކުރެވުމަކީ ވެސް މައްސަލައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ބަޖެޓުގެ ބޭރުން އާ މަޝްރޫއުތައް ފެށުމުގެ ސަބަބުން އެ މަޝްރޫއަކަށް ކުރަން ޖެހޭ ހަރަދާއި ކުރިން ރާވާފައިވާ ގޮތަށް ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން ވެސް ދަތިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ އިމާރާތް. ބަޖެޓު ތަންފީޒު ކުރުމުގައި އާ ކަންކަން އަހަރުގެ މެދު ތެރެއިން އިތުރު ކުރާ މައްސަލަ ބޮޑު ކަމަށް އެ މިނިސްޓްރީން ބުނެފައިވޭ-- ފޮޓޯ: މިހާރު

ފިނޭންސް މިނިސްޓްރީގެ އިމާރާތް. ބަޖެޓު ތަންފީޒު ކުރުމުގައި އާ ކަންކަން އަހަރުގެ މެދު ތެރެއިން އިތުރު ކުރާ މައްސަލަ ބޮޑު ކަމަށް އެ މިނިސްޓްރީން ބުނެފައިވޭ-- ފޮޓޯ: މިހާރު

ރިޕޯޓުގައިވާ ގޮތުން، މަޝްރޫއުތައް އެކަށީގެންވާ ބަޖެޓެއް ކަނޑައަޅާފައި ނެތުމަކީ ވެސް ދިމާވާ މައްސަލައެކެވެ. އެހެން ދިމާވަނީ، ޕްރޮޖެކްޓްގެ އިމްޕްލިމެންޓޭޝަން ޕްލޭނާއި ފައިނޭންޝަލް ޕްލޭނަށް އަންނާނެ ބަދަލުތަކަށް ނުބަލައި ބަޖެޓު ކުރާތީ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އިތުރަށް ކުރަން ޖެހޭ ހަރަދުތައް މިނިސްޓްރީން ކުރަނީ، ބަޖެޓުގައި "އެހެނިހެން" ކަންކަމަކަށް ހާއްސަ ކޮށްފައިވާ ބަޖެޓު ކޯޑުންނެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވެސް އަންނަނީ ޕަބްލިކް އިންވެސްޓްމެންޓް ދާއިރާ ހަރުދަނާކޮށް، ވޯލްޑް ބޭންކާ އެކު މަސައްކަތްތައް ކުރަމުންނެވެ. "އޯވަ ބަޖެޓިން" މައްސަލަ އަށް ހައްލެއް ހޯދުމަށް ސްޓޭންޑަޑް ކޮސްޓިން މެކޭނިޒަމެއް އެކުލަވައިލުމުގެ މަސައްކަތް ވެސް އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ފިނޭންސް މިނިސްޓްރީން މިހާރު އަންނަނީ، އަންނަ އަހަރުގެ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތްތައް އަންނަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވާ އާ ސަރުކާރާ އެކު ކުރަމުންނެވެ. ގާނޫނުގައިވާ ގޮތުން މި މަސް ނިމުމުގެ ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮނުވަން ޖެހޭނެ އެވެ.