10 އޮކްޓޯބަރ 2021
އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ސްރީ ލަންކާއާ ދެކޮޅަށް މިއަދު ހަވީރު ރާއްޖެ ނުކުންނަ މެޗަކީ މުބާރާތުގައި ކުރިޔަށް ދިޔުމަށް ރާއްޖޭގެ އުންމީދުތަކާ ގުޅިފައިވާ މެޗެކެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ސްރީ ލަންކާއާ ދެކޮޅަށް މިއަދު ހަވީރު ރާއްޖެ ނުކުންނަ މެޗަކީ މުބާރާތުގައި ކުރިޔަށް ދިޔުމަށް ރާއްޖޭގެ އުންމީދުތަކާ ގުޅިފައިވާ މެޗެކެވެ.
ލަންކާއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ތާރީހު ބުރަވަނީ ރާއްޖެ ކޮޅަށެވެ. ރާއްޖެ އަތުން ސްރީ ލަންކާ އަށް އެންމެ ފަހުން މޮޅެއް ހޯދުނީ މީގެ 19 އަހަރު ކުރިންނެވެ. އެއީ 2002 ވަނަ އަހަރު ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗަކުންނެވެ. މެޗުން ރާއްޖެ ބަލިވީ، މެޗުގެ ދެވަނަ ހާފުގައި ލަންކާގެ ފުޓުބޯޅަ ލެޖެންޑް ކަސުން ޖަޔަސޫރިޔާ ޖެހި ހަމައެކަނި ލަނޑުންނެވެ.
ރާއްޖެ މި ވަގުތު ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެވެ. ފުރަތަމަ މެޗު ނޭޕާލާ ދެކޮޅަށް ކުޅެ ބަލިވިއިރު، ދެވަނަ މެޗުން ވަނީ ބަންގްލަދޭޝް ބަލިކޮށް އުންމީދު އާކޮށްފަ އެވެ. ތާވަލުގެ ދެވަނައިގައި ބަންގްލަދޭޝް އޮތީ ތިން މެޗު ކުޅެގެން ހޯދި ހަތަރު ޕޮއިންޓާ އެކު އެވެ. އަދި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ނޭޕާލް އޮތީ އެއްވަނައިގަ އެވެ. ދެ މެޗުން ލިބުނު ދެ ޕޮއިންޓާ އެކު އިންޑިއާ ހަތަރު ވަނައިގައި އޮތަސް އެ ޓީމަށް ވެސް ދެ މެޗު ބާކީ އެބައޮތެވެ. ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕުގައި ލަންކާ އަށް ރާއްޖެ ބަލިކުރެވިފައެއް އަދި ނުވެ އެވެ. މުބާރާތުގައި މި ދެޓީމު ހަތް ފަހަރު ބައްދަލުކުރިއިރު ރާއްޖެ ވަނީ ފަސް ފަހަރު މޮޅުވެފަ އެވެ. ބާކީ ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގައި އަޝްފާގު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: 10-0 އިން ރާއްކެ މޮޅުވި އެ މެޗުގައި އަޝްފާގު ވަނީ 6 ލަނޑު ޖަހައިފައި. -- ފޮޓޯ: ސަން އޮންލައިން
އެންމެ ފަހުން ބަންގްލަދޭޝްގައި 2018 ގައި ބޭއްވި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ލަންކާ އާއި ރާއްޖެ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ލަންކާ އާއި ރާއްޖޭގެ އިތުރުން އިންޑިއާއާ އެކު ތިން ޓީމު ހިމެނުނު ގުރޫޕުގެ ދެވަނަ އަދި ތިން ވަނައިގައި ރާއްޖެ އާއި ލަންކާ އޮތީ ޕޮއިންޓާއި ގޯލްގެ ތަފާތު އަދި ހެޑް ޓު ހެޑް ވެސް އެއްވަރު ވެފަ އެވެ. ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދާނެ ޓީމެއް ހޮވީ ގުރުލައިގެންނެވެ.
އޭގެ ކުރިން 2013 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ މެޗެއްގައި އެއް ޓީމަކުން އެންމެ ގިނަ ގޯލު ޖެހި ޓީމުގެ ރެކޯޑް ހަދައި، 10-0 އިން ރާއްޖެ ވަނީ ލަންކާ ބަލިކޮށްފަ އެވެ. އެ މެޗުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ހަ ގޯލު ޖަހައިފަ އެވެ. އެކަމަކު ލަންކާގެ ފުޓުބޯޅަ އޭރާ ބަލާއިރު މިހާރު ތަފާތެވެ.
ރާއްޖޭގެ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވެސް ވަނީ މި މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ފާހަގަކޮށްފަ އެވެ. އަކުރަމް ބުނީ، މިހާރުގެ ލަންކާ ޓީމަކީ މަސައްކަތުގެ ރޭޓް މަތި ޓީމެއް ކަމަށެވެ. އަދި ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން މޮޅަށް ކުޅުނު ލަންކާ ޓިީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާގެ ލީޑަޝިޕާއި ކުޅުމަށް ވެސް އަކޫ ވަނީ ތައުރީފްކޮށްފަ އެވެ.
ސްރީ ލަންކާ ޓީމުގެ ކީޕަރު ސުޖަން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން: އޭނާ ވަނީ މުބާރާތުގައި ލަންކާ ޓީމުގެ ޑިފެންސް އޮގަނައިޒް ކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
މީގެ އިތުރުން ރާއްޖޭގެ ކޯޗު އަލީ ސުޒޭން ވަނީ، ލަންކާ ޓީމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިން އެބަތިބި ކަމަށާއި ހާއްސަކޮށް ޓީމުގެ ޑިފެންސްގެ ވަރުގަދަކަން ފާހަކޮށްފަ އެވެ. އެހެން ނަމަވެސް އިންޑިއާ އަށް ލަންކާ ކޮޅަށް ގޯލެއް ނުޖެހުނަސް، ލަންކާއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގައި ރާއްޖޭގެ އެޓޭކިން އެޕްރޯޗް ތަފާތުވާނެ ކަމަށް ސުޒޭން ބުންޏެވެ.
ލަންކާ ގައުމީ ޓީމުގެ ކޯޗު އާމިރު އަލަގިޗް ވެސް ވަނީ މިއަދުގެ މެޗުގެ ކުރިން އޮތް ޕްރެސްގައި މިކަން ފާހަގަ ކޮށްފަ އެވެ.
މުބާރާތުގައި ވަރުގަދަ ބަންގްލަދޭޝް އަށް ލަންކާ އަތުން މޮޅުވެވުނީ ލިބުނު ޕެނަލްޓީއަކުންނެވެ. ދެވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު 3-2 އިން ބަލިވި ނަމަވެސް ލަންކާ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ވަރުގަދަ އިންޑިއާ ހުއްޓުވައިފަ އެވެ.
ސްރީ ލަންކާ ޓީމުގެ ކޯޗު އަދި ޓެކްނިކަލް ޑިރެކްޓަރު އާމިރު އަލަގިޗް. -- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
ބައެއް ޓީމުގެ ކޯޗުންނާއި ކުޅުންތެރިން، ލަންކާ ޓީމަކީ އެގްރެސިވް ކުޅުމެއް ކުޅޭ ބަޔެކޭ ބުނާއިރު އަނެއް ބަޔަކު ބުނާގޮތުގައި ލަންކާ ކުޅެނީ ވަރަށް ފިޒިކަލް، ވަރަށް ޓެކްލް ގިނަ ނުރައްކާތެރި ގޭމެކެވެ. ނަމަވެސް ލަންކާގެ ކޯޗު އާމިރު އަލަގިޗް ބުނީ، ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ކުޅުވަނީ ތަފާތު ސްޓައިލްތަކަށް ކަމާއި، ކުޅުންތެރިން ކުޅުމުގެ ތަފާތު ސްޓައިލްތަކަށް ފަރިތަވުމުން އޭގެ ފައިދާ ޓީމަށް ކުރާނެ ކަމަށެވެ.
"ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި އަހަރެމެން ކުޅޭ ގޮތާއި ފޯމޭޝަން ބަދަލުކުރިން ހަތް ފަހަރު. ހުނަރުގެ ގޮތުން މާ ފެންވަރު ނެތަސް ސިކުނޑިން މިއާ ކުޅެން (ފުޓުބޯޅަ ކުޅެން) އަހަރެން އެބަ ދަސްކޮށްދެން ކުޅުންތެރިންނަށް،" އިންޑިއާއާ އެއްވަރުކުރި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އަލަގިޗް ބުންޏެވެ.
"ހަތަރު ކުޅުންތެރިން ތިބި (އަލަގިޗް ލަންކާ ޓީމާ ހަވާލުވިއިރު)، އަހަރެން ބުނާ ޕޮޒިޝަންތަކަށް އެއްގޮތަކަށް ވެސް ނުކުޅެވޭ. އެހެންވެ އަހަރެން ޓޯޓަލް ފުޓްބޯޅަ ފެށީ ލަންކާގައި. ޓޯޓަލް ފުޓްބޯޅައިގައި ކުޅުންތެރިޔާ ކުޅޭނެ ހުރިހާ މަގާމަކަށް ވެސް."
ސްރީ ލަންކާ އާއި ދިވެހި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.
ލަންކާ ކައިރިން ފަހުވަގުތު ރާއްޖެ ފުއްދާލީ ޕޮއިންޓަކުން
ދިވެހި ސަޕޯޓަރުން އަހަރެން އަޖައިބުކޮށްލައިފި:ނަމާލް
ލަންކާ ބަލިކޮށް ރާއްޖެ ފައިނަލުގެ އުއްމީދު ބޮޑުކޮށްފި
ވާދަވެރި ކޯޗުން ބުނަނީ ރާއްޖޭގެ ގޭމް ވަރުގަދަ ކަމަށް
ލަންކާ ގަތަރަށް ދަތުރު ނުކުރުމުން ރާއްޖެއަށް ގެއްލުން
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ
ސާފުގެ ވާދަވެރި ތިން ގައުމުގައި ރާއްޖޭގެ ތަޖުރިބާ
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު