Roadha Mihaaru
ލަންކާ ގަތަރަށް ދަތުރު ނުކުރުމުން ރާއްޖެއަށް ގެއްލުން

ލަންކާ ޓީމު ގަތަރަށް ދަތުރު ނުކުރުމުން ރާއްޖެ އަށް ގެއްލުން

21 ސެޕްޓެމްބަރ 2021

އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން އަވަށްޓެރި ސްރީ ލަންކާގެ ގައުމީ ޓީމު ގަތަރަށް ކުރަން އޮތް ޓްރޭނިން ކޭމްޕް ކެންސަލްކޮށް، ސައުދީ އަރަބިއާ އަށް ބަދަލު ކުރުމުން ރާއްޖޭގެ ޓީމަށް ވެސް އެކަމުގެ ގެއްލުން ކުރިމަތި ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން އަވަށްޓެރި ސްރީ ލަންކާގެ ގައުމީ ޓީމު ގަތަރަށް ކުރަން އޮތް ޓްރޭނިން ކޭމްޕް ކެންސަލްކޮށް، ސައުދީ އަރަބިއާ އަށް ބަދަލު ކުރުމުން ރާއްޖޭގެ ޓީމަށް ވެސް އެކަމުގެ ގެއްލުން ކުރިމަތި ވެއްޖެ އެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން، "ފުޓްބޯލް ސްރީ ލަންކާ" އިން ކުރިން ހަމަޖައްސާފައި އޮތީ ޓްރޭނިން ކޭމްޕުގައި ގަތަރަށް ދަތުރު ކުރުމަށެވެ. އެފްއެސްއެލް އިން ހަމަޖައްސާފައި އޮތީ މި މަހު 10-27 އަށް ގަތަރުގައި ޓްރޭނިންތައް ކުރިއަށް ގެންދިއުމަށެވެ. އަދި މިހާރު ގަތަރުގައި ކޭމްޕުކޮށްފައިވާ ރާއްޖޭގެ ގައުމީ ޓީމާއެކު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ވެސް އޮތީ ހަމަޖައްސައިފަ އެވެ.

ލަންކާގެ ޓްރޭނިން ކޭމްޕު ގަތަރު ބާއްވަން ހަމަޖައްސާފައިވާކަން ހާމަކޮށް ފުޓްބޯލް ސްރީ ލަންކާއިން ކުރި ޕޯސްޓް

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ލަންކާ ޓީމު ވަނީ ޓްރޭނިން އަށް ސައުދީގައި ކޭމްޕްކޮށްފަ އެވެ. ލަންކާ ޓީމަށް ގަތަރަށް ނުދެވުމުން ރާއްޖެއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު ވެސް ވަނީ ކެންސަލްވެފަ އެވެ.

"ލަންކާއާ ދެކޮޅަށް މެޗު ކުޅެން އަޅުގަނޑުމެން ޓީމު އޮތީ ތައްޔާރަށް. އެންމެ ފަހު މިނެޓާ ހަމައަށް ވެސް އަޅުގަނޑުމެން އުންމީދު ކުރިން ލަންކާއާ އެކު މެޗު ކުޅެން. އެކަމަކު ގަތަރުގެ ވިސާ ނުލިބުމުން ލަންކާއިން ސައުދީ އަށް ކޭމްޕް ބަދަލުކުރީ. އެހެންވެ އަޅުގަނޑުމެންނަށް ލަންކާއާ ދެކޮޅަށް ނުކުޅެވުނީ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު "މިހާރު" އަށް ވިދާޅުވި އެވެ.

ލަންކާ އަކީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް ރާއްޖެއިން މެޗު ކުޅެން މަސައްކަތް ކުރި ދެ ވަނަ ޓީމެވެ. ޓްރޭނިން ކޭމްޕުގައި ގަތަރަށް ރާއްޖެ ޓީމު ފުރުމުގެ ކުރިން ވެސް އެފްއޭއެމުން ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ވެސް މެޗެއް ކުޅެން މަސައްކަތްކޮށްފަ އެވެ.

ރާއްޖެއާ އެކު މެޗުތަކެއް ކުޅެން ބަންގްލަދޭޝް އަށް ދިއުމަށް ދައުވަތު ލިބުނެވެ. ނަމަވެސް ބަންގްލަދޭޝްގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން އެ ގައުމަށް ދަތުރު ކުރުން ރައްކާތެރި ކަމަކަށް ނުވާތީ އެފްއޭއެމުން ނިންމީ މެޗު ކުޅެން އެ ގައުމަށް ދަތުރު ނުކުރުމަށެވެ. އޭގެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި މެޗެއް ކުޅުމަށް އެފްއޭއެމުން ހުށަހެޅި ކަމަށް، އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން (ބަންގްލަދޭޝް) އަށް ހުށަހެޅިން މެޗު ކުޅެން ރާއްޖެ އަންނަން. ނަމަވެސް ބަންގްލަދޭޝް (ފެޑެރޭޝަން) އިން ބޭނުންވީ އެ ގައުމުގައި ވެސް އެއް މެޗު ކުޅެފައި ރާއްޖެ ދާން. އެކަމަކު އެ ގައުމަށް އަޅުގަނޑުމެންގެ ކުޅުންތެރިން މި ހާލަތުގައި ފޮނުވަން ޖެހިލުންވާތީ އެކަމަށް އެއްބަސް ނުވެވި ދިޔައީ،" ބައްސާމް ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއް ކުޅެން ކުރި މަސައްކަތް ކާމިޔާބު ނުވުމުން، ޓްރޭނިން މެޗެއްގައި ގަތަރުގެ ދެ ކްލަބަކާ ދެކޮޅަށް މެޗުތަކެއް ކުޅެން އެފްއޭއެމުން ވަނީ ހަމަޖައްސައިފަ އެވެ. ރާއްޖެއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ދެ ކްލަބަކީ ގަތަރުގެ ދެ ވަނަ ޑިވިޝަން ލީގު "ގަތަރު ގޭސް ލީގު"ގައި ވާދަކުރާ ކްލަބު، ލުސައިލް ސިޓީ އެފްސީ އާއި ގަތަރުގެ އާމީ ނެޝަނަލް ފުޓްބޯލް ކްލަބެވެ. ފުރަތަމަ މެޗު މިއަދު ކުޅޭނެ އެވެ. ދެ ވަނަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ޓްރޭނިން ކޭމްޕް ނިންމުމަށް ފަހު ގައުމީ ޓީމު މާލެ އަންނާނީ މި މަހު 28 ވަނަ ދުވަހު އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 1 ވަނަ ދުވަހުގެ ރޭ ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ.