Roadha Mihaaru
އޭ ލެވެލްގެ ބަހުސް؛ މަތީ ސާނަވީ މުހިއްމުތަ؟

ގިނަ ތަޖުރިބާކާރުން ވިދާޅުވަނީ އޭލެވެލް ހެދުން މުހިންމު ކަމަށް!

28 ސެޕްޓެމްބަރ 2021

އޭ ލެވެލް ނިންމައިގެން މީގެ ވިއްސަކަށް އަހަރު ކުރިން އަބްދުﷲ އަލީ، 37، އެކި ވަޒީފާތަކަށް ކުރިމަތިލައިގެން ވެސް ނަސީބެއް ނުލިބުނެވެ. އެކި ދާއިރާތަކުން ޑިޕްލޮމާ ހަދާފައި ތިބި ކުދިންނާ ވާދަކޮށްގެން އޭނާ އަށް ކުރި ހޯދޭ ގޮތެއް ނުވި އެވެ. އެހެންވެ، އަމިއްލައަށް ކުރަންޖެހުނު ތަޖުރިބާގެ އަލީގައި އޭނާ މިހާރު ބުރަވަނީ އޭ ލެވެލްއަކީ މާ ފައިދާއެއް ހުރި އެއްޗެއް ނޫން ގޮތުގަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭ ލެވެލް ނިންމައިގެން މީގެ ވިއްސަކަށް އަހަރު ކުރިން އަބްދުﷲ އަލީ، 37، އެކި ވަޒީފާތަކަށް ކުރިމަތިލައިގެން ވެސް ނަސީބެއް ނުލިބުނެވެ. އެކި ދާއިރާތަކުން ޑިޕްލޮމާ ހަދާފައި ތިބި ކުދިންނާ ވާދަކޮށްގެން އޭނާ އަށް ކުރި ހޯދޭ ގޮތެއް ނުވި އެވެ. އެހެންވެ، އަމިއްލައަށް ކުރަންޖެހުނު ތަޖުރިބާގެ އަލީގައި އޭނާ މިހާރު ބުރަވަނީ އޭ ލެވެލްއަކީ މާ ފައިދާއެއް ހުރި އެއްޗެއް ނޫން ގޮތުގަ އެވެ.

"އޯ ލެވެލް ނިންމާފައި ވަކި ފީލްޑެއް އިހުތިޔާރުކޮށްފައި ޑިޕްލޮމާއިން ކުރިއަށް ދިއުން އެންމެ ރަނގަޅީ،" އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ގެ ދާއިރާއިިން މަތީ ތައުލީމު ހާސިލްކުރަމުން އަންނަ އަބްދުﷲ ބުންޏެވެ.

ނަމަވެސް އަވަށްޓެރި ގައުމެއްގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ 25 އަހަރުގެ ޒުވާނަކު ބުނީ އޭ ލެވެލްގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންކަން އެނގި، މަތީ ތައުލީމަށް ދިއުމަށް ލޯ ހުޅުވިގެން ދިޔަ އެވެ. އެކަމާ ގުޅިގެން އޭ ލެވެލް ހަދައިގެން އެއްވެސް ގެއްލުމެއް އަދި ދެރައެއް ވެސް ނެތް ކަމަށް އެ ދަރިވަރު ބުނެ އެވެ.

ރާއްޖޭގައި އަހަރަކު އޯ ލެވެލް ހަދާ ހަ ހާހެއްހާ ދަރިވަރުންގެ ތެރެއިން އެވްރެޖުކޮށް 50-60 ދަރިވަރުން އޭ ލެވެލްއާ ގުޅެ އެވެ. އެކަމަކު ކޮވިޑު-19 ގެ ސަބަބުން ތައުލީމީ ދާއިރާ އަށް ބަދަލުތަކާ ގުޅިގެން މި ފަހަރު މަތީ ސާނަވީ އަށް ވަތް ދަރިވަރުންގެ އަދަދު މަދުވެ، ކޮލެޖު/ޔުނިވާސިޓީތަކުގެ ފައުންޑޭޝަން ޕްރޮގްރާމަށް ވަރަށް ބާރު ބޮޑުވެފައިވެ އެވެ.

މިއާ އެކު، އޭ ލެވެލްގެ ބޭނުންތެރިކަމުގެ ބަހުސް މި ވަނީ ފެށިފަ އެވެ. އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އޭ ލެވެލްއަކީ މުހިއްމު އެއްޗެއް ނޫނެވެ. ދެ އަހަރު ބޭކާރު ކުރުމަށްވުރެ، ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑައަޅައި ފައުންޑޭޝަން ޕްރޮގްރާމް ކުރިއަށްގެންދިއުން މާ ބުއްދިވެރި ކަމަށް އަނެއްބަޔަކު ގަބޫލުކުރެ އެވެ.

އިމްތިހާނެއް ކުރިއަށްދާކަން އަންގައިދޭ ނޯޓިސް ބަހައްޓާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިމްތިހާނެއް ކުރިއަށްދާކަން އަންގައިދޭ ނޯޓިސް ބަހައްޓާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު ސްކޫލުތައް ހިންގުމުގައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރެއްވުމަށް ފަހު، މަތީ ތައުލީމު ދާއިރާގައި، އަދި މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ ރަޝީދު ގަބޫލުކުރައްވާ ގޮތުގައި އޭ ލެވެލް ހެދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުން އޯ ލެވެލް ހަދަނީ އޯޑިނަރީ ލެވެލްގައި ކަމަށާއި އޭގެ އެޑްވާންސްކޮށް ކިޔެވުމުން އެ ދަރިވަރުގެ މައުލޫމާތާއި އެ ސްޓްރީމަށް ލޯ ހުޅުވިގެން ދާނެ އެވެ. ރަނގަޅު ފާހަކާ އެކު އޭ ލެވެލް ނިންމުމުން، ޑިގްރީގެ ވަރަށް ގިނަ ޕްރޮގްރާމްތަކަށް ޝަރުތު ހަމަވާއިރު، ސްކޮލަޝިޕްގެ ފުރުސަތުތަކަށް ވެސް ފުރުސަތު ލިބޭ ކަމަށް ޑރ. ރަޝީދު ވިދާޅުވި އެވެ.

ފައުންޑޭޝަނަކީ ގޯސް އެއްޗެއްގެ ގޮތުގައި ނުބެލިއަސް، އެއީ އޭ ލެވެލްއާ އަޅާކިޔޭނެ އެއްޗެއް ކަމަށް ކަމަށް ޑރ. ރަޝީދު ގަބޫލެއް ނުކުރައްވަ އެވެ.

"ފައުންޑޭޝަނަށް މި ހޭދަކުރަނީ ވެސް އެއް އަހަރު ކިޔަވަން. ނަމަވެސް އެއް އަހަރުގައި ކިޔަވާ ކިޔެވުމާ، ދެ އަހަރުގެ ތެރޭގައި ކުއްޖަކު ކިޔަވާ ކިޔެވުން ވަރަށް ތަފާތު. ފައުންޑޭޝަން ހެދީމަ އެ ކުއްޖަކު ޑިގްރީ އަށް މި ޝަރުތު ހަމަވަނީ އެ ކިޔެވި ދާއިރާގެ ޕްރޮގްރާމުން. ހަޔަ އެޑިއުކޭޝަން ދާން ލިމިޓްވޭ އެބަ [އޭ ލެވެލް ނުހަދަންޏާ]،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ރިކޮމެންޑެއް ނުކުރަން އޯ ލެވެލްގެ ނަތީޖާ ރަނގަޅު، ކިޔެވުމަށް ޝައުގުހުރި އެކަޑެމިކް ޕްޓެންޝަލް ހުރި ކުއްޖެއް އޭ ލެވެލް ދޫކޮށްލާފައި ފައުންޑޭޝަން ހަދާކަށް."

ތާޖުއްދީން ސްކޫލުގެ ދަރިވަރުންތަކެއް، މިދިޔަ މެއި/ޖޫން މަހު ބޭއްވި އޯ ލެވެލް އިމްތިހާނުގައި ޕޭޕަރެއް ހަދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތާޖުއްދީން ސްކޫލުގެ ދަރިވަރުންތަކެއް، މިދިޔަ މެއި/ޖޫން މަހު ބޭއްވި އޯ ލެވެލް އިމްތިހާނުގައި ޕޭޕަރެއް ހަދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި އަހަރު އޭ ލެވެލް އަށް ވަތް ކުދިންގެ އަދަދު މަދުވި ކަމަށް ލަފާ ކުރެވެނީ، ކޮލެޖު/ޔުނިވާސިޓީތަކުން ފައުންޑޭޝަން ޕްރޮގްރާމްތައް ޕްރޮމޯޓުކުރެވޭ ވަރާ، މަތީ ސާނަވީގެ ދެ އަހަރުގެ މުހިއްމުކަން ދަރިވަރުންނަށް ބުނެދެވޭ ވަރު މަދުވުމެވެ.

އޭ ލެވެލްގެ ފުރިހަމަ ތަޖުރިބާ ވަރަށް މުހިއްމު

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވި ގޮތުގައި ޑިގްރީ އަށް ދިއުމަށް އޭ ލެވެލްއަކީ މުހިއްމު މަރުހަލާއެކެވެ.

އޭނާ ވިދާޅުވީ އޭ ލެވެލް ނިމޭއިރު ވެސް ކުއްޖާގެ ސިކުނޑި ޅަވާނެ ކަމަށެވެ. އޭ ލެވެލްގެ ދެ އަހަރުގެ ތެރޭގައި ފިލާވަޅުތަކާ އެކު ކުއްޖާ ކަންކަން ދަސްކުރަން ވެސް ވަގުތު ލިބޭ ކަމަށާއި ލީޑަޝިޕް ފަދަ ހުނަރުތައް ދަސްކުރަން އެ ލިބޭ ވަގުތަކީ ދޫކޮށްލާ ވަގުތަށް ވުރެ އަގުހުރި ވަގުތު ކަމަށް ސައީދު ވިދާޅުވި އެވެ.

"އޭ ލެވެލްގެ ފުރިހަމަ ތަޖުރިބާ ވަރަށް މުހިއްމު ކަމަށް ގަބޫލުކުރެވެނީ."

މާލޭގެ ތިން ސްކޫލަކަށް ފާއިތުވި ފަސް އަހަރު ގްރޭޑު 11 އަށް ވަތް ދަރިވަރުންގެ އަދަދު.

މާލޭގެ ތިން ސްކޫލަކަށް ފާއިތުވި ފަސް އަހަރު ގްރޭޑު 11 އަށް ވަތް ދަރިވަރުންގެ އަދަދު.

"ފައުންޑޭޝަނަކީ އޭ ލެވެލްއަށް ދާން ފުރުސަތު ނުލިބުނު ކުއްޖާ އަށް ވެސް ޑިގްރީ އަށް ގެންދިއުމަށްޓަކައި އަސްލު ކްރިއޭޓްކުރި އެއްޗެއް. އެއީ ކޮންމެހެން އޭލެވެލްގެ ބަދަލުގައި ދޭން އޮތް އެއްޗެއް ނޫން. އޭ ލެވެލް ލިބުނު ކުއްޖާ އަށް އޮތް އެއްޗެއް އަސްލު ފައުންޑޭޝަނަކީ،" 600 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި އޭ ލެވެލްއަކީ ޑިގްރީ ހެދުމުގެ ކުރިން މުހިއްމު އެއްޗެއް. އެއީ މުޅި ވޯކްފޯސްގެ ފެންވަރަށް ހެޔޮ ބަދަލެއް އަންނާނެ ސަބަބެއް ކަމަށް ދެކެނީ."

ވަޒީފާގެ މާހައުލުގައި ވެސް ތަފާތު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި އޯ ލެވެލް ނިންމާ ގޮތަށް ފައުންޑޭޝަނަށް ވަންނަ ކުދިންނަށް ވުރެ އޭ ލެވެލް ހަދައިގެން ޔުނިވާސިޓީ އަށް ވަންނަ ކުދިންގެ މަސައްކަތުގައި ވެސް ތަފާތު ހުރެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މައި މަރުކަޒު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މައި މަރުކަޒު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ، ސަރުކާރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ޑރ. ޝަރީފް ހިންގެވި އަމިއްލަ ކޮންސަލްޓެންސީ ފާމުން ލިބިވަޑައިގަތް ތަޖުރިބާ އެވެ.

"ކަމެއް ހަވާލުކޮށްލަން ކަމެއް ދަސްކޮށްދޭން ވެސް މާ ފަސޭހަ އޭ ލެވެލް ހަދާފައި ތިބޭ ކުދިންނަށް. އޭރު އުޅުނު ޔުނިވާސިޓީގައި ކިޔަވަން އުޅުނު ދެ ތިން ކުއްޖަކާ އޯ ލެވެލް ހަދާފައި ޔުނިވާސިޓީ އަށް ނުވަދެެ ތިބި ކުދިން ވެސް ތިިބި. އަޅުގަނޑަށް ގަބޫލުކުރެވެނީ އޭ ލެވެލް ހެދުން އެއީ ވަރަށް މުހިއްމު ކަމެއްހެން،" ޑރ. ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައުންޑޭޝަން ހަދާ ކުދިންނަށް ފިލާވަޅުތައް ޖެހެނީ "ސްޕޫން ފީޑް" ކުރާށެވެ. އެއާ ހިލާފަށް އޭ ލެވެލް ހަދާ ކުދިންގެ ފޮތް ކިޔުމުގެ ބައި އިތުރުވުމާއެކު، ބަހަށް މޮޅުވެ ފިލާވަޅުތައް ދަސްކުރަން ފަސޭހަވާ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ގިނަ ދުވަހުގެ ތަޖުރިބާ ދެއްތޯ އެއީ އޭ ލެވެލް ހަދަން ބާރުއަޅާފައި ހުންނާނީ. އެހެންވެ، އަޅުގަނޑު ގަބޫލުކުރާ މުހިއްމު ކަމެއް އޭ ލެވެލް ހެދުމަކީ."

އޭ ލެވެލް އަށް ދެވޭ ވަރަށް ދަރިވަރުން ފާސްނުވިޔަސް ކުރިއަށްދެވޭނެ މަގު ހުޅުވިފައި ހުރިކަން ފާހަގަކުރައްވައި ޑރ. ޝަރީފް ވަނީ އެ ފުރުސަތުތަކުގެ ބޭނުން ނުހިފައި ނުހުރުމަށް އެދިވަޑައިގެންފަ އެވެ.

"ބޭކާރުވެގެެންދާ މީހެއްގެ ގޮތުގައި ނުދައްޗޭ، ކޮންމެ ވެސް ކަމެއް ކުރައްޗޭ ކޮންމެ ކުއްޖަކު ވެސް،" އޭނާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި ވަޒީފާގެ މާހައުލުގައި ކުރިހޯދަން އޭ ލެވެލް މުހިއްމެވެ. އެކަމަކު، އޯ ލެވެލްގައި ރަނގަޅު ފާހެއް ނުލިބުނަސް މުސްތަގުބަލާ މެދު ކުރާ އުއްމީދުތައް ކަނޑާލާކަށް ނުޖެހެ އެވެ. މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖު/ ޔުނިވާސިޓީތަކުގައި އެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.