11 އޯގަސްޓް 2024
ރާއްޖޭގެ ކޮލެޖެއްގައި ކިޔަވަން ފަށައި އެޑްވާންސް ސެޓްފިކެޓް ވެސް ނުނިންމާ ހުރި މީހަކަށް ޑިޕްލޮމާ ފުރިހަމަކުރި ކަމުގެ ސެޓްފިކެޓެއް ދީ، ޑިގްރީ ޕްރޮގްރާމްގައި ބައިވެރި ކުރުވި އެވެ. ހަމައެކަނި އެ ކަމަށް ބަލާލިޔަސް ރާއްޖޭގައި މަތީ ތައުލީމު ފުޅާކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި މިހާރު ވެސް އެ ކަމަށް ޝައުގުވެރިކަން ހުންނެވި ޑރ. ހަސަން ހަމީދުގެ ހިތުގައި އުފެދެނީ ބައިވަރު ސުވާލުތަކެކެވެ. ހިލޭ ޑިގްރީ ޕްރޮގްރާމާ އެކު، ކޯސްތަކުގެ ފެންވަރު އިންތިހާ އަށް ބޮޑަށް ވެއްޓުމެވެ. ޑިގްރީއަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ބަދަލުވުމެވެ.
ރާއްޖޭގެ ކޮލެޖެއްގައި ކިޔަވަން ފަށައި އެޑްވާންސް ސެޓްފިކެޓް ވެސް ނުނިންމާ ހުރި މީހަކަށް ޑިޕްލޮމާ ފުރިހަމަކުރި ކަމުގެ ސެޓްފިކެޓެއް ދީ، ޑިގްރީ ޕްރޮގްރާމްގައި ބައިވެރި ކުރުވި އެވެ. ހަމައެކަނި އެ ކަމަށް ބަލާލިޔަސް ރާއްޖޭގައި މަތީ ތައުލީމު ފުޅާކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި މިހާރު ވެސް އެ ކަމަށް ޝައުގުވެރިކަން ހުންނެވި ޑރ. ހަސަން ހަމީދުގެ ހިތުގައި އުފެދެނީ ބައިވަރު ސުވާލުތަކެކެވެ. ހިލޭ ޑިގްރީ ޕްރޮގްރާމާ އެކު، ކޯސްތަކުގެ ފެންވަރު އިންތިހާ އަށް ބޮޑަށް ވެއްޓުމެވެ. ޑިގްރީއަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ބަދަލުވުމެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު އަދި ތައުލީމީ ދާއިރާގައި 40 އަހަރު ހޭދަކުރައްވާފައިވާ ޑރ. ހަސަންގެ މި ކަންބޮޑުވުންތައް އެއީ މިހާރު އެންމެ އާދައިގެ މީހާ ވެސް ދައްކާ ވާހަކައެވެ. މަތީ ތައުލީމަށް ކުރެވޭ އިތުބާރު ކުޑަވުމެވެ. ކޮންމެ މީހަކަށް ހިލޭ ޑިގްރީ އަށް ކިޔެވޭނެ ފުރުސަތު ދިނުމުން އޭގެ ނާޖާއިޒު ފައިދާ ނަގާ ވާހަކަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި ފްރީ ޑިގްރީ ޕްރޮގްރާމް ކޮލެޖް/ޔުނިވާސިޓީތަކަށް ހުޅުވައިލީ ރަނގަޅު ނިޔަތެއްގައި، ފެންވަރު ރަނގަޅު، ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށެވެ. އެކަމަކު، ނަތީޖާއާ މެދު ބައެއް މީހުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. މިދިޔަ މަހު ވެސް ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހުއްދަ ނުހޯދައި ކޯސް ހިންގައި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ހިލާފުވުމުން ދެ ކޮލެޖަކަށް ފިޔަވަޅު އަޅައިފަ އެވެ.
މާލެ ސެޕްޓެމްބަރު 24، 2021: ވިލާ ކޮލެޖުގައި މިއަދު ބޭއްވި ގްރެޖުއޭޝަން ހަފުލާގެ ތެރެއިން .-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ރާއްޖޭގައި ހިންގާތާ 15 އަހަރު ވެފައިވާ ކޮލެޖްތަކަށް ވެސް ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުމަށް މަޖިލީހުގެ ކޮމިޓީގައި ހުރިހާ މުއައްސަސާތަކަކުން ވެސް ދެއްކި މައިގަނޑު ވާހަކައަކަށް ވީ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށްޓަކައި މުއްދަތަށް ވުރެ ބޮޑަށް ބަލަންވީ ކޮލިޓީއަށް ކަމެވެ. އެ ބޭފުޅުންގެ ވެސް ކަންބޮޑުވުމަކީ ފެންވަރެވެ.
ރާއްޖޭގައި މިހާރު ކިޔަވައިދޭ ބައެއް ކޮލެޖުތަކުން ފެންވަރު ދަށްކޮށް ކިޔަވައިދޭ ކަމާއި އެ ތަންތަނުން ކިޔަވާ ދަރިވަރުން އެސައިންމެންޓް ހެދުން ފަދަ ކަންކަން އަގަށް ކުރުވާ ކަމަށާއި އެހެން މީހުން ލައްވައި ވެސް ކުރުވާކަން އެ ކޮމިޓީގައި ބައެއް އިދާރާތަކުންނާއި ކޮމިޓީގައި ބައިވެރިވެވަޑައިގެނެންވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ވިދާޅުވި އެވެ.
އެހެންވެ، މިހާރު އުފެދޭ ސުވާލަކީ މަތީ ފާސްލިބިފައިވާ މީހުން ގިނަވިޔަސް އެ މީހުންގެ ފެންވަރަކީ ކޮބައި ހެއްޔެވެ؟ އެ ލިބޭ ސެޓްފިކެޓްގައި ފެންވަރެއް ހުރި ތޯ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތެއް ކަމަށްވާ އަފްރާހު އިސްމާއިލް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި އެދިގެން ދޫކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ޑިގްރީ ސްކީމަށް ސަރުކާރުން ވަނީ 695 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. އެއީ 20،337 ދަރިވަރުންނަށް ހަރަދުކުރި އަދަދެވެ.
ސަރުކާރުން ވަނީ ހިލޭ ޑިގްރީގެ ދަށުން ކިޔެވުމަށް ރާއްޖޭގެ ދެ ޔުނިވާސިޓީ އަށާއި ނުވަ ކޮޖެލަކަށް ފައިސާ ދޫކޮށްފަ އެވެ.
އެހާ ބޮޑު ހަރަދެއް ޑިގްރީ ޕްރޮގްރާމަށް އެކަނި މިދިޔަ ފަސް އަހަރުގައި ކޮށްފައިވާކަން ފާހަގަ ކުރައްވައި ޑރ. ހަސަން ވިދާޅުވީ އޭގެން ފައިދާވީ ކިޔެވި ދަރިވަރުންނަށް ވުރެ ބޮޑަށް ކޮލެޖު/ޔުނިވާސިޓީތަކަށް ކަމަށެވެ.
ހިލޭ ޑިގްރީ އަށް މިދިޔަ ފަސް އަހަރު ސަރުކާރުން ކުރި ހޭދަ.
"ހިލޭ ޑިގްރީ ތައާރަފު ކުރުމާ ގުޅިގެން، ބައެއް ތަންތަނުން ހެދި ގޮތަކީ، އޯލެވެލް ދަރިވަރުން ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރި ކުރީ. އެއީ އެއް އަހަރު ދުވަހުގެ ތެރޭގައި ކޮލެޖްގެ ހަރަދުގައި ފައުންޑޭޝަން ހަދައި، ޑިގްރީ އަށް ކިޔަވައިދޭ ގޮތަށް، ޑިގްރީއާ ގުޅިގެން ލިބޭ ފައިސާގެ ބޭނުމުގައި،" އޭނާ ވިދާޅުވި އެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމުން އެދެވޭ ނަތީޖާއެއް ނުލިބުނު ކަމަށް ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކުގައި މަސައްކަތް ކުރި ޑިގްރީ ހެދި ބައެއް މީހުންނަށް ދިވެއްސާއި އިނގިރޭސި މާއްދާ އިން ވެސް ފުރިހަމަ ޖުމުލައެއް ލިޔެލާނެ ފެންވަރު ވެސް ނެތް ކަމަށެވެ.
އޭނާ ދެން ފާހަގަ ކުރެއްވި ކަމަކީ ކޯސްތައް ހަދާއިރު ކްލާހަށް ގޮސްގެން ކިޔެވުމާއި އޮންލައިންކޮށް ކިޔެވުމުގެ ތަފާތެވެ. ގިނައިރު ކިޔަވައި ދޭން (ޓީޗަރުން/ލެކްޗަރާއިން) ޖެހޭ ނަމަ ބައެއް މީހުން މަކަރު ހަދާ ކަމަށާއި ތިން ގަޑިއިރުގެ ފިލާވަޅެއް ނަމަ ބައިގަޑިއިރު ފަހުން ހާޒިރުވެ، އެތައް އިރެއް ވަންދެން އަމިއްލަ ވާހަކަ ދެއްކުމުގައި ހޭދަކުރާ ކަމަށް ހަސަން ވިދާޅުވި އެވެ.
ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު.-- ފޮޓޯ: އެމްއެންޔޫ
"ކިޔަވައިދޭނީ ބައި ގަޑިއިރު. ދެން އަވަހަށް ކްލާސް ނިންމާލާނެ. ޓެސްޓްގައި މަތީ މާކްސްތައް ދިނުމުން ދަރިވަރުން ތިބޭނީ ހެވިފައި. މައްސަލަ ޖައްސާނެ ބަޔަކު ނޫޅޭނެ،" އޭނާ ވިދާޅުވި އެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމަށް ދައުލަތުން މިލިއަނުން ހަރަދު ކުރާއިރު، އުޅެން ޖެހިފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ވެސް އެކަށީގެންވާ ޓީޗަރުން ނުލިބިގެންނެވެ. ނުކުންނަ މަދު ޓީޗަރުންގެ ފެންވަރު ވެސް ދަށްކަމުގެ ޝަކުވާ އިންތިހާ އަށް ބޮޑެވެ.
ކަންބޮޑުވުމާ އެކު ހަސަން ވިދާޅުވި ގޮތުގައި، ކިޔަަވައި ނިންމައި ވަޒީފާ ދިނުމުގައި ވެސް ހަރުދަނާ ނިޒާމެއް ނެތެވެ. ބައެއް ފަހަރު ވަޒީފާ ދިނުމުގައި ސިޔާސީ ސަބަބުތަކަށް ބަލައި، ގާތްތިމާގެ ނުވަތަ ރައްޓެހި ނުވަތަ އެހެން ވެސް ގޮތަކުން މީހަކު ބުނާ މީހަކަށް ވުމުން ވަޒީފާ ދޭ ކަމަށް ވިދާޅުވެ، ހަސަން ކަންބޮޑުވުން ފަޅުުކުރެއްވި އެވެ.
ކޯސްތަކުގެ ފެންވަރު ދަށް މައްސަލަ މުޅި ދުނިޔެ އަށް ވެސް ވަނީ ކުރިމަތިވެފަ އެވެ. ރާއްޖޭގެ މަތީ ތައުލީމާ ބެހޭ އިދާރާ އިން ބޭއްވި ކަމާ ބެހޭ މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ތަޖުރިބާކާރު ބޭފުޅެއްގެ ވާހަކައަކަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވީ، ކޮލެޖުތަކާއި ސަރުކާރުގެ މަރުކަޒީ އިދާރާތައް ފެއިލް ވެފައިވާ ކަމަށެވެ.
ކޮލެޖެއްގެ ގްރެޖުއޭޝަން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރާއްޖޭގައި މަތީ ތައުލީމަށް ކިޔަވައި ނިންމާ ދަރިވަރުންގެ ފެންވަރާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ބޮޑުވެފައި ވާއިރު އެކަމަށް ހައްލެއްގެ ގޮތުގައި ހަސަން ވިދާޅުވީ ސްކޫލު ނުވަތަ ކޮލެޖް/ޔުނިވާސިޓީ ތަކުގައި ކިޔަވާ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންނާއި ލެކްޗަރާ އިން އެ ވަޒީފާ އަށް ލުމުގެ ކުރިން ފެންވަރު ބެލޭނެ ޓެސްޓެއް ދިނުމެވެ.
"މިކަމެއް މެދުވެރިއެއް ނުވާނެ މެޑިސިން އަދި ހެލްތު ދާއިރާގައެއް. އެހެން މެދުވެރި ނުވާ ސަބަބަކީ މިނިސްޓްރީން އެބަ އޮވޭ ދާއިރާ އަށް ވަންނަ ކުދިންނަށް ޓެސްޓެއް ދޭ ގޮތަށް ހަދާފައި. އެ އިން ފާސްވެގެން ނޫނީ [ކޯހަށް] ނުވަދެވޭނެ. ބައެއް މީހުން އެބަހުރި އެ ޓެސްޓު 11 ފަހަރަށް ވެސް ހަދާފައި،" އޭނާ ވިދާޅުވި އެވެ.
އެ ކަންތައްތައް ރަނގަޅު ކުރުމަށް ސަރުކާރަށް ކުރެވިދާނެ ކަމަކީ ހަސަން ވިދާޅުވި ގޮތުގައި، މައްސަލަތައް ކުޑަކުރުމަށް ސަރުކާރުގެ އޮނިގަނޑުގައި އެ ބުނާ 150 ދުވަހާއި ގަޑި އަދި އޮއްޓަރު ފުރިހަމަކުރޭތޯ ދާހިލީ ނިޒާމެއް ކޮލެޖުތަކުގައި ގާއިމް ކުރުމެވެ.
ސްކޫލެއްގެ ޓީޗަރަކު އޮންލައިންކޮށް ދަރިވަރުންނަށް ކިިޔަވައިދެނީ.-- ފޮޓޯ: މިހާރު
"ކަރުދާހުގައި އެ ކަންކަން ކުރާ ކަމަށް ވަރަށް ރީތި އަކުރުތަކުން ލިޔެފައި ހުއްޓަސް ތަންފީޒެއް ނުވޭ. ދަރިވަރުން މި ވާހަކަ ނުދައްކަނީ، އެކަމުގައި ދަރިވަރުންގެ މަސަލަހަތު އޮންނާތީ. ކާކުތޯ ބުނާނީ ތިމާ އަތުގައި އޮތް ސެޓިފިކެޓަކީ ރަނގަޅަށް ނުކިޔަވައިދީ ދީފައިވާ ސެޓްފިކެޓެއް ކަމަށް،" ހަސަން ވިދާޅުވި އެވެ.
"ވަކި ކަމެއް ބުނާ ނަމަ، އެންމެ މުހިއްމުކަމަކީ މަދްރަސާތަކަށް ވެސް އަދި ކޮލެޖު/ޔުނިވަރސިޓީތަކަށް ވެސް ފެންވަރު ރަނގަޅު މުދައްރިސުން އައްޔަން ކުރުން. ހިތާމައަކީ މިކަމަކީ އެ މީހުންގެ އަތުގައި އޮންނަ ފާސްތަކަކުން ވަޒަން ކުރެވޭނޭ ކަމެއް ނޫން ކަން. ހުނަރުވެރިކަން ބަލަންޖެހޭނީ ޓެސްޓުންނާއި އަމަލު ކުރުވައިގެން."
ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވީ ކޮލެޖް/ޔުނިވާސިޓީތަކުގެ އެންމެ މުހިންމު އެއް ބަޔަކީ ފެންވަރު ކަމަށެވެ. ކޯހުގެ ފެންވަރު ރަނގަޅު ކުރުމަކީ އެ ތަންތަނުން ބޭނުން ވެއްޖެ ނަމަ ކުރެވޭނެ ކަމެއްކަން ފާހަގަ ކުރައްވައި އަންވަރު ވިދާޅުވީ ކޮލެޖުތަކުގައި ހިންގާ ކޯސްތަކުގެ ފެންވަރު ބެލެހެއްޓުމަށް މީހަކު ލުން ފަދަ ކަންކަން ކުރެވިދާނެ ކަމަށެވެ.
"ކޮންމެ ކޮލެޖެއްގައި ވެސް ހުންނަން ޖެހޭނެ މިހާރު ކޮލިޓީ ބަލާ މީހެއް. އެންމެ ފުރަތަމަ ކަމަކީ ކޮލެޖުތަކުން އެ ކޮލެޖެއްގައި ކިޔަވައިދޭ ކޯސްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން. އެކަމަކު އެއީ އެކަމަށް އެ މީހުން ބޭނުންވުން. ކޮލެޖުތަކުން އެ މީހުން އަމިއްލަ އަށް ބޭނުން ވެގެން އެކަންކަން ކުރެވޭނީ،" އަންވަރު ވިދާޅުވި އެވެ.
ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މިހާރު އަމަލުކުރާ ރެގިއުލޭޓަރީ ސިސްޓަމް ރަނގަޅު ނަމަވެސް ކޮލެޖުތަކަށް ނުކުރެވޭ ވަރުގެ ކަމަކަށް އަމަލުކުރަން ބުނެފި ނަމަ ނުކުރެވިދާނެ ކަމަށް އަންވަރު ވިދާޅުވި އެވެ.
ރާއްޖޭގައި އަމަލުކުރަނީ ކޮލެޖް/ޔުނިވާސިޓީތައް މޮނީޓާ ކުރެވޭނެ ރަނގަޅު ސިސްޓަމެއް ކަމަށް އަންވަރު ވިދާޅުވި އެވެ. އެކަމަކު ދާއިމީކޮށް މޮނިޓާ ކުރެވޭނެ ސިސްޓަމަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރަމުން އަންނައިރު ރަނގަޅަށް ރެގިއުލޭޓަ ކުރުމެވެ.
މަތީ ތައުލީމުގެ ދާއިރާގެ ތަޖުރިބާކާރުންގެ އަނެއް ކަންބޮޑުވުމަކީ ކިޔަވައިދޭ ލެކްޗަރާއިންގެ ފެންވަރު ދަށްވުމެވެ. މިހާ ބޮޑަށް ކުރިއަރާފައިވާ ޒަމާނެއްގައި ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ދެވޭ ފެންވަރަށް ވެސް ބައެއް ލެކްޗަރާއިން ތައްޔާރު ނޫން ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.
ޑިގްރީ ނުވަތަ އެ އަށް ވުރެ މަތީ ސެޓްފިކެޓް ލިބިފައިވާ މީހުން ރާއްޖޭގައި އިތުރު ކުރަން ގެންގުޅޭ ސިޔާސަތުގެ ބަދަލުގައި ރާއްޖޭގައި ދޭ މަތީ ތައުލީމުގެ ކޮލިޓީ އަށް ސަރުކާރުން މިހާރު ވަނީ ވިސްނަން ޖެހިފަ އެވެ. އެހެން ނޫން ނަމަ ތައުލީމީ ފެންވަރު ނެތް ޖީލެއް އުފެދި ގައުމުގެ ކަންކަން ރަނގަޅު ނުވާނެ ހިސާބަށް ދިއުން އޮތީ މާ ދުރަކު ނޫން ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.
އެސަސްމަންޓްތަކުން 50 ޕަސެންޓް ހޯދުން ލާޒިމް ކޮށްފި
"ފޭކް" ބިދޭސީ ޓީޗަރުން އުޅުނަސް ނުދައްކާ ވާހަކައަކަށް
އޮންލައިން ޓީޗިން ކޯސް ހިންގޭ އަމުރު އިސްތިއުނާފަށް
ޓީޗިން ކޯސްތައް އޮންލައިންކޮށް ނުގެންދެވޭނެ: އެމްކިއުއޭ
އޭ ލެވެލްގެ ބަހުސް؛ މަތީ ސާނަވީ މުހިއްމުތަ؟
ހިލޭ ޑިގްރީގެ ފުރުސަތު 10،000 ދަރިވަރަކަށް
"އެސައިންމަންޓް ވިޔަފާރި" ހުއްޓުވަން މަޝްވަރާކޮށްފި
ކޮވިޑަށް ފަހު މަތީ ތައުލީމަށް އަންނާނީ ކޮން ބަދަލެއް؟
ސްކޫލުތަކާއި ކޮލެޖު/ޔުނިވާސިޓީތައް އަންނަ މަހު ހުޅުވަނީ
ވަޒީފާގެ ބާޒާރަށް ފަންނީ މީހުން ނެރުމަށް މަޝްވަރާކޮށްފި