Roadha Mihaaru
ދަރިވަރަކަށް ޓޭލާގެ ފަރާތުން 30،000 ޑޮލަރު

ދަރިވަރަކަށް ޓޭލާ ސްވިފްޓްގެ ފަރާތުން 30،000 ޑޮލަރު

22 އޯގަސްޓް 2020

އިނގިރޭސިވިލާތުގެ ލަންޑަނުގައި ކިޔަވާ ޕޯޗްގަލްގެ ދަރިވަރެއްގެ ކޯހުގެ ފީ ދައްކަން ދަތިވެގެން އެ ވާހަކަ ސޯޝަލް މީޑިއާގައި ހާމަކުރުމުން، އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އެހީގެ ގޮތުގައި 30،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ލަންޑަނުގައި ކިޔަވާ ޕޯޗްގަލްގެ ދަރިވަރެއްގެ ކޯހުގެ ފީ ދައްކަން ދަތިވެގެން އެ ވާހަކަ ސޯޝަލް މީޑިއާގައި ހާމަކުރުމުން، އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އެހީގެ ގޮތުގައި 30،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

ލަންޑަނުގެ ވޯވިކް ޔުނިސިޓީގައި ހިސާބުން ޑިގްރީ އަށް ކިޔަވަން ފުރުސަތު ލިބުނު 18 އަހަރުގެ ދަރިވަރު ވިޓޯރިއާ މާރިއޯ އަށް ޓޭލާގެ ފަރާތުން އެހީ ލިބުނީ އޭނާ އަށް ދިމާވެފައިވާ ދަތިތަތަކުގެ ވާހަކަ އެހީ ހޯދަން ގޯފަންޑްމީ ޕޭޖްގައި ހިއްސާކުރުމުންނެވެ. މީގެ ހަތަރު އަހަރު ކުރިން ކިޔަވަން ލަންޑަނަށް ބަދަލުވި ދަރިވަރު އަދި އެންމެ ފަހުން ބޭއްވި އޭ ލެވެލް އިމްތިހުނުގައި ތިން މާއްދާ އިން އޭ ސްޓާ ހޯދި ދަރިވަރު ބުނީ އޭނާ ލޯނަކަށް ވެސް ޝަރުތު ހަމަނުވާތީ ފައިސާ ލިބޭނެ ގޮތެއް ނެތި ވަރަށް ދަތިވެފައިވާ ކަމަށެވެ. އެގޮތުން ކޯހުގެ ފީ އާއި ހުންނަ ތަނުގެ ހަރަދާއި އެތަނުގެ ކުއްޔާއި ޔުޓިލިޓީ ބިލްތަކާއި ކިޔެވުމަށް ބޭނުންވާ އަސާސީ ބައެއް ތަކެތި ވެސް ހޯދަން ދަތިވެފައިވާ ކަމަށް ބުންޏެވެ. އަދި އޭނާގެ އާއިލާގައި މާ ބޮޑު ތަނަވަސްކަމެއް ނެތް ކަމަށް ވެސް ބުންޏެވެ.

ވިޓޯރިއާގެ މި ވާހަކަ އާންމުކޮށް ހިއްސާކުރީ ހަރަދުރައް ފޫބައްދަން އެންމެ މަދުވެގެން ވެސް 40،000 ޕައުންޑް (53،000 ޑޮލަރު) ބޭނުން ކަމަށް ބުނެ އެވެ. މި ވާހަކަ ޓޭލާ އަށް ފެނިގެން ވިޓޯރިއާ އަށް އެހީވުމުން ބޮޑު އުފަލެއް ލިބިފައިވާ ކަމަށް ބުންޏެވެ.

"މާލީ ގޮތުން ދަތިވެ އަހަރެން ވަރަށް ބޮޑު ނުތަވަސްކަމެއްގެ ތެރޭގައި އުޅުނީ. ވަޒީފާއެއް ހޯދާނެ ގޮތަކާ ދޭތެރޭ ވެސް ފިކުރު ބޮޑުވެ، ހަދާނެ ގޮތް ހުސްވީމަ އާންމުންގެ އެހީ އަށް އެދުނީ،" ވިޓޯރިއާ ބުންޏެވެ. "ޓޭލާގެ ފަރާތުން އެހީ ލިބުމަކީ ވަރަށް ބޮޑު އުފަލެއް. މިއީ ކުރިން އުންމީދު ވެސް ކުރި ކަމެއް ނޫން. އޭނާގެ އެހީގެ ސަބަބުން މެތެމެޓިޝަންއަކަށްވާން ދެކޭ ހުވަފެން ހަގީތަކަށްވާނެ."

ދަރިވަރަށް އެހީ ދޭން ނިންމައި ޓޭލާ ފޮނުވި މެސެޖްގައި ބުނީ އޭނާގެ ވާހަކަ އެނގުނީ އޮންލައިންކޮށް ކަމަށާއި ވިޓޯރިއާ އަށް ކިޔެވުމަށް ދޭ ސަމާލުކަން އިހުސާސްކުރެވުނު ކަމަށެވެ. އަދި އޭނާ އަކީ އިންސްޕިރޭޝަނެއްގެ ގޮތުގައި ދެކޭ ކަމަށާއި ހުވަފެނެއް ހަގީގަތަކަށް ހަދަން ބޭނުންވާ މީހަކަށް ދުވަހަކު ވެސް ގޮތެއް ހުހެއް ނުވާނެ ކަމަށް ބުންޏެވެ.

"އެހެންވީމަ ކާމިޔާބީ އަށް ވެސް އެދެން. ވަރަށް ލޯބިވޭ." ޓޭލާގެ މެސެޖްގައި ބުންޏެވެ.

ޓޭލާ، 30، އަކީ އަބަދު ވެސް އެކި ކަންކަމާ ގުޅިގެން މީސްމީހުންނަށް ފައިސާގެ އެހީ ދޭ ފަންނާނެކެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ހަމަ މިފަދަ ގޮތަކަށް ފޭނެއްގެ ޓިއުޝަން ފީ އާއި ހުންނަ ތަނުގެ ކުލި ދައްކަން ހުނަރުވެރި ލަވަކިޔުންތެރިޔާ 4,828 ޑޮލަރު ހަދިޔާކޮށްފައިވެ އެވެ.