Roadha Mihaaru
ސިލަބަސް ބަދަލުކުރީ އިތުރު ފަސޭހައަކަށް: އެޑިއުކޭޝަން

އޭ ލެވެލްގެ ސިލަބަސް ބަދަލުކުރަން ނިންމީ ދަރިވަރުންނަށް އިތުރު ފަސޭހައަކަށް: މިނިސްޓްރީ

24 އޯގަސްޓް 2022

އޭ ލެވެލްގައި މިހާތަނަށް ކިޔަވައިދެމުން އައި އެޑެކްސެލްގެ ބަދަލުގައި ކެމްބްރިޖް ސިލަބަހަށް ބަދަލުކުރަން ނިންމީ ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދޭން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭ ލެވެލްގައި މިހާތަނަށް ކިޔަވައިދެމުން އައި އެޑެކްސެލްގެ ބަދަލުގައި ކެމްބްރިޖް ސިލަބަހަށް ބަދަލުކުރަން ނިންމީ ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދޭން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ދަށުން ހިންގާ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "މިހާރު" އަށް ވިދާޅުވީ، އޯ ލެވެލްގައި ކެމްބްރިޖު ސިލަބަސް ކިޔެވުމަށް ފަހު އޭ ލެވެލްގައި އާ މަންހަޖަކަށް ބަދަލުވުމުގައި ދަރިވަރުންނަށް އުނދަގޫތައް ދިމާވާ ކަމަށެވެ.

އޭގެ ސަބަބުން އޭ ލެވެލްގެ މެދު ތެރެއިން ކިޔެވުން ހުއްޓާލާ ދަރިވަރުން ގިނަ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން، ކެމްބްރިޖާއި އެޑެކްސެލް އަކީ ތަފާތު ދެ ޔުނިވާސިޓީއަކަށް ވުމުން ދަރިވަރުންނަށް ނުގުޅޭ ކަންކަން އަދި އުނދަގޫވާ ކަންކަން ހުންނަ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެހެންވެ، މި ބަދަލު ގެނައީ އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އެއާއެކު، އޭ ލެވެލްގެ ކިޔެވުން ދޫކޮށްލާ ކުދިން ވަރަށް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭ ލެވެލްގައި ދޭ އިމްތިހާނު ކެމްބްރިޖަށް ބަދަލުކުރަން ނިންމިއިރު، އެ ޔުނިވާސިޓީން ދެމުން އަންނަ އިމްތިހާނުގެ ފެންވަރު ދަށްކަމާ މެދު އަބަދު ވެސް އާއްމުން ސުވާލު އުފައްދަ އެވެ. ދަރިވަރުންގެ ނަތީޖާ ރަނގަޅުވުމަކީ އޭގެ އެއް ސަބަބު ކަމަށް އެ މީހުން ދެކެ އެވެ.

އެކަމަކު، އިހުސާން ވިދާޅުވީ ދަރިވަރުންގެ ނަތީޖާ ރަނގަޅުވުމަކީ އިމްތިހާނުގެ ފެންވަރު ދަށްވުމެއް ނޫން ކަމަށެވެ. އެހެން ޔުނިވާސިޓީތަކުން ކެމްބްރިޖާއި އެޑެކްސެލްގެ ސެޓްފިކެޓު ބަލައިގަތުމުގައި ތަފާތެއް ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބަދަލުގެ ސަބަބުން ދަރިވަރުންނަށް އިތުރު ފަސޭހަ އަދި ފައިދާތަކެއް ވާނެ،" އިހުސާން ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރު ގްރޭޑު 11 އަށް ވަންނަ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަސް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އެ ދަރިވަރުންނަށް ކެމްބްރިޖުގެ އިމްތިހާނު ދީ، ގްރޭޑު 12 ގެ ދަރިވަރުންނަށް 2024 ވަނަ އަހަރު އާ ސިލަބަހަށް ކިޔަވައިދޭން ފަށާނެ ކަމަށް ބުންޏެވެ.

ނަމަވެސް މި އަހަރު އޭ ލެވެލް އަށް ކިޔަވަން ފަށާ ދަރިވަރުންގެ އިމްތިހާނަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.