Roadha Mihaaru
ރާއްޖޭގައި އޭ ލެވެލް އިމްތިހާނު ބާއްވަން ނިންމައިފި

އަންނަ މެއި/ޖޫންގައި އޭ ލެވެލް އިމްތިހާނު ބާއްވަން ނިންމައިފި

03 މާޗް 2021

އަންނަ މެއި/ޖޫން މަހު ރާއްޖޭގައި އޭ ލެވެލް އިމްތިހާނު ބާއްވަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މެއި/ޖޫން މަހު ރާއްޖޭގައި އޭ ލެވެލް އިމްތިހާނު ބާއްވަން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މެއި/ޖޫންގައި އެޑެކްސެލް އިމްތިހާނު ނުބާއްވަން އިނގިރޭސިވިލާތުގެ ޕިއާސަން އިން ވަނީ ނިންމައިފަ އެވެ. ނަމަވެސް ރާއްޖެއިން ކުރި މަސައްކަތާ އެކު، އަންނަ މެއި/ޖޫންގައި އެޑެކްސެލް އިމްތިހާނު ބޭއްވުމުގެ ފުރުސަތު އެ ތަނުން ރާއްޖެއަށް ދިނީ އެވެ.

އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ހަމަޖައްސާފައިވާ ތާވަލާ އެއްގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ގްރޭޑު 11 އަދި 12 ގެ ދަރިވަރުންގެ އިމްތިހާނު އޮންނާނެ ކަމަށެވެ.

"މިހާރު ހަމަޖެހިފައިވާ ގޮތުން ދިވެހިރާއްޖޭގައި އެގްޒާމް ބާއްވާ ގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދަން ރާވާފައި އޮތީ. އެގޮތުން، މި އަހަރު މެއި/ޖޫންގައި މިހާރު ކިޔަވަމުން ދާ ހުރިހާ ކުދިން އޭ އެލް އެގްޒާމާއި އޭ އެސް އެގްޒާމުގައި ސިޓްކުރާނެ. އެ ކުދިންގެ ޕޭޕަރުތައް އެޑެކްސެލް އިން މާކްކުރާނީ. ސެޓްފިކެޓް ވެސް ހަމަ އެޑެކްސެލް އިން ދެއްވާގޮތަށް ހަމަޖެހިފައި އޮތީ،" އޮންލައިންކޮށް ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ.

އިމްތިހާނުގެ ނަތީޖާ ލިބޭނީ އަންނަ އޮގަސްޓް 10ގަ އެވެ.

ޑިޕާޓްމަންޓް އޮފް އެގްޒަމިނޭޝަން ހިންގެވުމާ ހަވާލުވެހުންނެވި، އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އެޑެކްސެލް އިން ގެންދާ އިމްތިހާނު، އަންނަ މެއި/ޖޫންގައި ނުބާއްވާނެ ކަމަށް މިދިޔަ މަހުގެ ތިނެއްގައި އަންގާފައިވާ ކަމަށެވެ. އެކަމަކު ދަރިވަރުންގެ އެސެސްމަންޓް ކޮންމެ ވެސް ގޮތަކަށް ކުރިއަށްގެެންދާނެ ކަން އޭރު ހާމަކުރި އެވެ.

އިހުސާން ވިދާޅުވީ އެޑެކްސެލްގެ އެންގުމާއެކު ހަމަ އެ ދުވަހު އެ ފަރާތާ މަޝްވަރާކުރަން ފެށި ކަމަށެވެ. އޭނާ ވިދާޅުވީ އެ ގޮތަށް މަޝްވަރާކުރަން ނިންމީ ވެސް، އެ ކަހަލަ ބޮޑު އިމްތިހާނެއް ރާއްޖޭގެ ޓީޗަރުން އެސެސްކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރައްވާތީ އެވެ.

"އަޅުގަނޑުމެން ވަކާލާތުކުރަމުން ދިޔައީ ރާއްޖޭގައި، ކުދިންނަށް ނުފެންނެ ސުވާލު ކަރުދާސް، ކުދިންނާ ހަމައަށް ފޯރުކޮށްދީގެން ހަމަ ކުރިން ވެސް އިމްތިހާނު ބާއްވަމުން އައި ގޮތަށޭ ދިވެހިރާއްޖޭގައި އިމްތިހާނު ބާއްވަން ވާނީ. އެ ގޮތަށް އަޅުގަނޑުމެން ވަކާލާތުކޮށް، އެ ގޮތަށް އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދިޔައީ އެޑެކްސެލްއާ ވާހަކަދައްކަމުން،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޑެކްސެލްއާއެކު ފަސް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އިމްތިހާނު ބާއްވަން ނިންމުމާއެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ ހަފުތާގެ ބުރާސްފަތީގެ ކުރިން ފޯމު ހުށަހަޅަން އެދިފަ އެވެ. އޭރުން، ރާއްޖެއަށް އިމްތިހާން ކަރުދާސްތައް ގެނެސް ސްކޫލުތަކަށް ފޮނުވުމަށް މުއްދަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.