Roadha Mihaaru

ދެ ސީއެޗްއެސްއީން 1،300 އަށް ވުރެ ގިނަ ކުދިންނަށް ފުރުސަތު ދޭން ނިންމައިފި

މާލެ އާއި ހުޅުމާލެ ސީއެޗްއެސްއީގައި އޭ ލެވެލް ކިޔަވަން ފޯމު ހުށަހެޅި 1،300 އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދެ ސީއެޗްއެސްއީގައި 1،300 ކުދިން މިއަހަރު ކިޔަވާނެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

09 ސެޕްޓެމްބަރ 2025

މާލެ އާއި ހުޅުމާލެ ސީއެޗްއެސްއީގައި އޭ ލެވެލް ކިޔަވަން ފޯމު ހުށަހެޅި 1،300 އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އޭ ލެވެލްއަށް ވަންނަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހު އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު"އަށް ވިދާޅުވީ ހުޅުމާލެ ސީއެޗްއެސްއީއަށް ވަންނަން ފޯމު ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވީ 826 ކުދިން ކަމަށެވެ. އޭގެ ތެރެއިން 780 ކުދިން ރަޖިސްޓްރީކޮށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މާލޭގައި ހުންނަ ސީއެޗްއެސްއީއަށް ވަންނަން ބޭނުންވި ކުދިންގެ ތެރޭގައި ޝަރުތު ހަމަވީ 502 ކުދިން ކަމަށާއި އޭގެ ތެރެއިން 495 ކުދިން ރަޖިސްޓާކޮށް ނިންމާފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބާކީ ތިބި ކުދިން ވެސް މި ހަފުތާގެ ތެރޭގައި ރަޖިސްޓްރީކޮށް ނިމޭނެ އެވެ.

އޭ ލެވެލް އަށް ކިޔަވާ ކުދިންގެ އަދަދު އިތުރުކުރަން މި ސަރުކާރުން ވަނީ ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އެ ބަދަލާ އެކު އޭ ލެވެލްގެ ތަރުހީބު ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ އޭ ލެވެލްއަށް ކުދިން އިތުރު ކުރުމަށް އޭގެ މުހިންމު ކަމުގެ ވާހަކަ އާއި މައުލޫމާތުދީ ދަރިވަރުން ހޭލުންތެރިކުރުމުން ކަަމަށެވެ.

އޭ ލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރުވީ ކްރައިޓީރިއާ މި އަހަރު ދަށްކުރުމުން ކަމަށް ބައެއް މީހުން ބުނާތީ މިނިސްޓަރު ވަނީ ޖަވާބު ދެއްވައިފަ އެވެ.

"މިސާލަކަށް ކުރިން އަޅުގަނޑުމެންނަކަށް ޖާގައެއް ނުދެވޭ ހިސާބުން އޭ އެއް، ކެމިސްޓްރީން އޭ އެއް، ބަޔޯއިން އޭ އެއް އޮތް ދަރިވަރަކަށް. އަދި ކުރިން ޖާގައެއް ނުދެވޭ ހިސާބުން އޭ ސްޓާއެއް، އެކައުންޓުން އޭ އެއް، އިކޮނޮމިކްސް އިން އޭ އެއް އޮތް ދަރިވަރަކަށް،" އިސްމާއިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކުރާ ކަމަކީ މި ދަރިވަރުންނަށް އަލުން ޖާގައެއް ދީގެން އެ ކުދިން އަތުގައި ދިވެހި/އިސްލާމް ފާހެއް ނެތަސް ޖާގަ ދީގެން އަލުންބަލުން އެ ކުދިން ލައްވާ ދިވެހި އިސްލާމް ކިޔަވައިދޭން މި އުޅެނީ."

އެގޮތަށް ބަލައިގެން މާލެ ސަރަހައްދުން ޖާގަ ލިބުނު ކުދިންގެ އަދަދު 10 ޕަސެންޓް އިތުރުވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭ ލެވެލްގެ ކިޔެވުން ފަށާ ގޮތަށް ނިންމާފައި ވަނީ މި މަހުގެ 14 ގަ އެވެ.