Roadha Mihaaru
ތިން މާއްދާއިން ފާސްވިޔަސް 11،12 އިން ޖާގަ ލިބޭނެ

ތިން މާއްދާ އިން ފާސްވިޔަސް އޭ ލެވެލަށް ކިޔެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

18 ޖުލައި 2024

އޯލެވެލް އިމްތިހާނުގައި ތިން މާއްދާ އިން ފާސްވެފައިވާ ނަމަ ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލު ބަދަލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އޯލެވެލް އިމްތިހާނުގައި ތިން މާއްދާ އިން ފާސްވެފައިވާ ނަމަ ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލު ބަދަލުކޮށްފި އެވެ.

ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔަވަން މިހާރު ފުރުސަތު ދެނީ އޯލެވެލް އިމްތިހާނުގައި މަޖުބޫރު ހަތަރު މާއްދާ އާއި އިތުރު އެއް މާއްދާއަކާ އެކު، ޖުމުލަ ފަސް މާއްދާ އިން ދަށްވެގެން ސީ ފާސް ލިބިގެންނެވެ.

މިނިސްޓްރީން މިއަދު ހުރިހާ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ގްރޭޑް 11،12 ގައި ކިޔެވުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާކަން އަންގައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެ އުސޫލުގައި ގެނެސްފައިވާ މައިގަނޑު ބަދަލަކީ ކުރިން ގްރޭޑް 11،12 އަށް ވަދެވޭ ކްރައިޓީރިއާގެ އިތުރުން ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ. އެ ބަދަލު ގެނައީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ސްކޫލްތަކުގައި ޖާގަ ހުރި ނަމަ ވީހާ ވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމަށެވެ.

އޭލެވެލަށް ކިޔެވުމުގެ ކްރައިޓީރިއާ އަށް ގެނައި ބަދަލު (ކޮންމެވެސް އެއް ޝަރުތެއް ފުރިހަމަވުމުން ޖާގަ ލިބޭނެ)

1. އޯލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމް މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އެ އިމްތިހާނުގެ ކޮންމެވެސް އެއް ސްޓްރީމަކުން [ސައިންސް ނުވަތަ ބިޒްނަސް] މަދުވެގެން ދެ މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އިތުރު އެއް މާއްދާ އިން ދަށްވެގެން ސީ ފާހެއް ހޯދުން.

2. އޯލެވެލް އިމްތިހާނުގައި ތިން މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

3. އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއްގެ ދަށުން [އައިއީޕީ] އިމްތިހާނު ހަދާ ދަރިވަރުން ނިންމާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

4. ކުދިން ކިޔަވަން ބޭނުންވާ މާއްދާ ނުވަތަ މާއްދާތަކުން ސާނަވީ ނިންމައި އިމްތިހާނަކުން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

ދަރިވަރަކު ސްކޫލަށް ދަނީ --ފޮޓޯ: ނިޝާން އަލީ / މިހާރު

ދަރިވަރަކު ސްކޫލަށް ދަނީ --ފޮޓޯ: ނިޝާން އަލީ / މިހާރު

އޭލެވެލަށް ކިޔެވުމަށް ފުރުސަތު ދިނުމުގައި ބަލާނީ އޭގެ ކުރީގެ ދެ އަހަރު ނަތީޖާ އަށް ކަމަށާއި ފުރުސަތު ދޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 18 އަހަރު ނުފުރޭ ދަރިވަރުންނަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ވަނީ ގްރޭޑް 11 އަށް ވަނުމަށް ހުށަހަޅާފައިވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތް ނަމަ އެ ސްކޫލުގައި ޖާގަ އޮތް އަދަދަށް ބަލައި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށް ފުރުސަތު ދިނުމަށް އެދިފަ އެވެ.

އޭގެ އިތުރުން ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އަދި ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 އެކްސްޓެންޑެޑް ޑިޕްލޮމާ ކޯހަށް ވަނުމުގެ ޝަރުތުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެއީ:

1. ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ ކޯހުން ދަށްވެގެން “PASS” ލިބިފައިވުން ނުވަތަ

2. އޯލެވެލް އިމްތިހާނުގެ ކޮންމެވެސް ހަތަރު މާއްދާއަކުން [ކޯހާ ގުޅޭ 2 މާއްދާ ހިމެނޭ ގޮތަށް] ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

ސްކޫލު ކުދިންތަކެއް ރިޕޯޓް ފޮތް ބަލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްކޫލު ކުދިންތަކެއް ރިޕޯޓް ފޮތް ބަލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ގްރޭޑް 10 ނިންމައި އޭ ލެވެލް އިމްތިހާނު ހަދާ ކުދިންގެ އަދަދު މަދުވާތީ އެ އިމްތިހާނުގައި ބައިވެރިވާ ކުދިންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މީގެ ކުރިން ވެސް އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުން ބޭއްވި އޭ ލެވެލް އިމްތިހާނުގައި، ރާއްޖޭގެ 45 ސެންޓަރެއްގައި އޭލެވެލް އިމްތިހާނު ހެދި އެވެ. އެއީ މާލޭގެ ތިން ސެންޓަރެއްގެ އިތުރުން، އަތޮޅު ތެރޭގެ 42 ސެންޓަރެއްގަ އެވެ. އެ އިމްތިހާނުގައި ބައިވެރިވީ 3،268 ދަރިވަރުންނެވެ.