Roadha Mihaaru

އޭ ލެވެލް ކިޔަވަން ބޭނުންވާ ކުދިން އިތުރު، ހުރިހާ ކުދިންނަށް ޖާގަ ދެވޭނެ: މިނިސްޓަރު

އޭ ލެވެލްއަށް ކިޔަވަން ބޭނުންވާ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށާއި ސަރުކާރު ސްކޫލްތަކުން ހުރިހާ ކުދިންނަށް ޖާގަ ދެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

އޭލެވެލް ކިޔަވަން ބޭނުން ހުރިހާ ކުދިންނަށް ޖާގަ ދެވޭނެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

28 އޯގަސްޓް 2025

އޭ ލެވެލްއަށް ކިޔަވަން ބޭނުންވާ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށާއި ސަރުކާރު ސްކޫލްތަކުން ހުރިހާ ކުދިންނަށް ޖާގަ ދެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން އަމިއްލަ ސްކޫލުތަކުގައި އޭ ލެވެލް ކިޔަވާ ދަރިވަރުންނަށް ވެސް ފީ ދައްކަމުން ދިޔައީ އެޑިޔުކޭޝަން މިނިސްޓްރީންނެވެ. ނަމަވެސް މި އަހަރު ވަނީ އަމިއްލަ ތަންތަނުގައި ކިޔަވާ ނަމަ ދެން މިނިސްޓްރީން ފީ ނުދައްކާނެ ކަން ޕްރައިވެޓް ސްކޫލުތަކަށް އަންގައިފަ އެވެ.

އެ ބަދަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ މިދިޔަ އަހަރު އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އޭ ލެވެލް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް ސަރުކާރު ސްކޫލުތަކުން ޖާގަ ދެވޭނެ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ ސީއެޗްއެސްއީން ފުރުސަތު ނުދެވިއްޖެ ނަމަ ޕްރައިވެޓް ސްކޫލުތަކުން އެ ދަރިވަރުންނަށް ޖާގަ ހޯދައި، ފީ ވެސް މިނިސްޓްރީން ދައްކައިދޭނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"އެ ދަރިވަރަކު ކިޔަވާ ރަށެއްގައި އޭ ލެވެލް ކިޔަވައިދޭ ސްކޫލަކުން ޖާގަ ނުލިބޭ ހާލަތެއްގައި މިނިސްޓްރީން އެ ކުއްޖާ ޕްރައިވެޓް ސްކޫލަށް ވައްދައިގެން ޖާގަ ހޯދައިދޭނެ. މިއީ އެއްވެސް ގޮތަކަށް ކަންބޮޑުވާންވީ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ލަފާކުރަނީ 1500 ކުދިން ޖުމްލަ، ދެ ސީއެޗްއެސްއީއަށް ވަންނަން ހުށަހަޅާނެ ކަމަށް. އެ އަދަދަށްވުރެ އިތުރަށް ވެސް ޖާގަ އެބަހުރި، ކުދިން ތިބިއްޔާ ވެއްދޭނެ. ދެ ސީއެޗްއެސްއީން ޖާގަ ނުދެވިއްޖެނަމަ އަމިއްލަ ސްކޫލުތަކަށް ވައްދައި، ފީ މިނިސްޓްރީން ދައްކައިދޭނަން."

އޭ ލެވެލް އަށް ކިޔަވާ ކުދިންގެ އަދަދު އިތުރުކުރަން މި ސަރުކާރުން ވަނީ ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އޭގެ އިތުރުން މިނިސްޓްރީން ވަނީ އިތުރު 23 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ ހުއްދަ ވެސް ދީފަ އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ ދިރާސީ އަހަރާއެކު އިތުރު ހަތް ސްކޫލަކަށް އޭލެވެލް ކިޔެވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ބަދަލުތަކާ އެކު އޭ ލެވެލް ކިޔަވަން ބޭނުންވާ ދަރިވަރުންގެ އިތުރުވެފައިވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.