Roadha Mihaaru

ޓީޗަރުން ނުލިބެނީ މި ދާއިރާއަށް އަޅާނުލައި އިހުމާލުވެފައި އޮތުމުން: މިނިސްޓަރު

ތައުލީމީ ދާއިރާގައި ޓީޗަރުން ނުލިބެނީ މި ދާއިރާއަށް ވަރަށް ބޮޑަށް އަޅާނުލައި އިހުމާލުވެފައި އޮތުމުން ކަމަށާއި މިހާރު އޮތް ހާލަތަކީ "ކާރިސާ"އެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސިފަކުރައްވައިފި އެވެ.

ޓީޗަރުން ނުލިބެނީ މި ދާއިރާއަށް އިހުމާލުވެފައި އޮތުމުން
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

07 އޯގަސްޓް 2025

ތައުލީމީ ދާއިރާގައި ޓީޗަރުން ނުލިބެނީ މި ދާއިރާއަށް ވަރަށް ބޮޑަށް އަޅާނުލައި އިހުމާލުވެފައި އޮތުމުން ކަމަށާއި މިހާރު އޮތް ހާލަތަކީ "ކާރިސާ"އެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސިފަކުރައްވައިފި އެވެ.

ތައުލީމީ ދާއިރާގައި ކިޔަވައިދޭނެ ދިވެހި ޓީޗަރުން ނުލިބުމަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ދައްކަމުން ދިޔަ ވާހަކަ އެކެވެ. އެކަމަށް ހައްލެއް ހޯދަން މިދިޔަ ސަރުކާރުގައި ޓީޗަރުންގެ މުސާރަތައް ވަރަށް ބޮޑުކުރި އެވެ.

އެކަމަކު އޭގެ ސަބަބުން މާބޮޑު ބަދަލެއް ނުފެނުނު ކަމަށް ތައުލީމީ ދާއިރާގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް ކުރިމަތިލާން ޖެހިފައި ވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއަކާ ކަމަށެވެ. އެއީ، "ސިޔާސީ ގޭސް އެނބުރުމަށް ވުރެ ހައްސާސީ ކަމެއް" ކަމަށް ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި މިނިސްޓަރު ދެއްކެވީ، މީގެ ކުރިން ޓީޗަރުންގެ ދުޅަހެޔޮކަމާއި ވަޒީފާގެ ރައްކާތެރިކަމަށް ބަލާފައި ނުވުމުވެ.

"އާ ޓީޗަރުން ތަމްރީނުކުރަން ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތެއް ފާއިތުވެދިޔަ ކައިރި މާޒީގައި ކޮށްފައި ނުވެ އެވެ. ނަތީޖާއަކީ 2023ވަނަ އަހަރު ނިމުނުއިރު، އުގެނުމުގައި ހާއްސައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންވާ 600 އަށް ވުރެ ގިނަ ޓީޗަރުން ނެތި ދަރިވަރުން ބިކަވެފައި ތިބުމެވެ،" އިސްމާއިލް ވިދާޅުވި އެވެ.

"މާލޭގައި ދިރިއުޅުމުގެ އަގާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އެތުރިފައިވާ ގޮތަށް ރިއާޔަތްކޮށް ޓީޗަރުން ފަސޭހައިން ކިޔެވޭގޮތަށް ކަންކަންފަހިކޮށް، މިދާއިރާއަށް ސްކޫލްތަކުން ނުކުންނަ ދަރިވަރުން ކިޔެވުމަށް ބާރުއަޅާފައިވާ މިންވަރުކުޑަ އެވެ."

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓީޗަރުންގެ ދަތިކަން ހައްލުކުރަން އެއްވެސް ތަމްރީނެއް ލިބިފައިނުވާ ބަޔަކު، ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށްމަށް ވުރެ، އެ ދާއިރާއިން އެއް އަހަރު ދުވަހުގެ ޑިޕްލޮމާއަކާ އެކު ތަމްރީނުވެގެން ތިބި ޓީޗަރުން ގަބޫލުކުރުން މާ ރަނގަޅުވާނެ އެވެ.

ކުޑަހުވަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާހެއްގައި ކިޔަވައިދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޑަހުވަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާހެއްގައި ކިޔަވައިދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއް އަހަރުގެ ޑިޕްލޮމާއާ އެކު ޓީޗަރުންނަށްވި އެތައް ބަޔަކު މި ގައުމުގައި ތިބޭނެ ކަމަށާއި އެ މީހުންނަކީ ދަށް ބައެކޭ ނުބުނެވޭ ވަރުގެ މޮޅު ޓީޗަރުންގެ ގޮތުގައި ފާހަގަކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ.

"2022 ވަނަ އަހަރު އެކުލަވާލި ޓީޗަރުންގެ ޖޮބް މެޓްރިކްސްގައި ލެވަލް 5ގެ ޑިޕްލޮމާ [1 އަހަރުގެ] ސެޓްފިކެޓަކަށް ސެން ކުލާސްތަކުގައި ކިޔަވައިދޭނެ މުދައްރިސެއްގެ ދާއިމީ ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ވަނީ ލިޔެފަ އެވެ. ދެން މި އޮނިގަނޑަށް ފެތޭ ގޮތަށް މުދައްރިސުން ތަމްރީނުކުރުން ގޯސްވާނީ ސީދާ އިދިކީލި ސިޔާސީ ބަޔަކަށެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

"ޓީޗަރެއްގެ އަތުގައި ފުރަތަމަ ޑިގްރީގެ ސަނަދެއް އޮތުން މުހިއްމުވީ ނަމަވެސް، ސްކޫލެއްގައި ކިޔަވައިދެވޭނީ ހަމައެކަނި 3 ނުވަތަ 4 އަހަރުގެ ސަނަދެއް ހޯދުމަށް ފަހު ކަމުގައި ހެދުމަކީ ރާއްޖޭގެ ހާލަތު ތަންދޭ ކަމެއް ނޫނެވެ."

އިސްމާއިލް ވިދާޅުވީ، އެއީ ޓީޗަރުން ނުލިބޭ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތް ނޫން ކަމަށާއި އެ ވިސްނުމަށް އަމަލުކޮށްގެން ދުވަހަކު ވެސް ރާއްޖެއަށް ދިމާވެފައި އޮތް ޓީޗަރުން މަދުވުމުގެ ހާލަތު ބަދަލެއް ނުވާނެ ކަމަށެވެ.

ޓީޗަރުންގެ ދަތިކަން ހައްލުކުރަން، ތަފާތު މަގުތައް ތައާރަފުކޮށް މުޖުތަމައުގައި ޓީޗަރުންނަށް އިހުތިރާމާއި ގަދަރު ލިބޭ، ޓީޗަރުންގެ ދެކެ ލޯބިވާ މުޖުތަމައެއް އުފައްދައި ދާއިރާއަށް ވަނުމަށް ހިތްވަރު ދޭންޖެހޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.