Roadha Mihaaru

ސްކައުޓް އޮފީސް ހިންގަން އިމާރާތެއް ހަމަޖައްސައިދޭނަން: މިނިސްޓަރު

ކުރީގެ އަރަބިއްޔާ ސްކޫލުގައި ހިންގަމުން އައި ސްކައުޓް އެސޯސިއޭޝަންގެ އޮފީސް ހިންގުމަށް އިމާރާތެއް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ސްކައުޓް އޮފީސް ހިންގަން އާ އިމާރާތެއް ހަމަޖައްސައިދެނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

12 ސެޕްޓެމްބަރ 2025

ކުރީގެ އަރަބިއްޔާ ސްކޫލުގައި ހިންގަމުން އައި ސްކައުޓް އެސޯސިއޭޝަންގެ އޮފީސް ހިންގުމަށް އިމާރާތެއް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އަރަބިއްޔާ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ވެފައި ހުރުމުން 2022 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ވަނީ އެ އިމާރާތުގައި ކިޔަވައިދިނުން ހުއްޓާލައިފަ އެވެ. އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފެށުމަށް މިހާރު އިމާރާތުގައި ހުރި މުދާތައް ހުސްކުރަން ފަށައިފަ އެވެ.

އެހެންވެ ސްކައުޓްގެ އިދާރާ ބަންދުކޮށް، ހުސްކުރަން ވެސް ވަނީ އަންގައިފަ އެވެ. އަދި އެ އިމާރާތުގައި ގުދަން ކޮށްފައިހުރި މިނިސްޓްރީގެ ސާމާނުތަކާއި އިލެކްޝަން ކޮމިޝަންގެ ސާމާނުތަކުގެ އިތުރުން ކެޑޭޓް އޮފީސް ވެސް ހުސްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހިންގާ ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަނީ ސްކައުޓްގެ އޮފީހުގައި ހުންނަ ފިހާރައިން ކަމަށް ވެފައި އެތަން ބަންދު ކުރުމަކީ ގިނަ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ.

މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ "މިހާރު" އަށް ވިދާޅުވީ ސްކައުޓާއި ކެޑޭޓަކީ ވެސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ދެ ތަން ކަމުން އެ ދެތަނަށް ވެސް އޮފީސް އިމާރާތެއް މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށެވެ.

އަންނަ މަހު 10 ވަނަ ދުވަހުގެ ނިޔަލަށް އެ އިމާރާތުގައި ހުރި ހުރިހާ މުދަލެއް ހުސްކުރަން އަންގާފައިވާއިރު އެ މުއްދަތާ ހަމައަށް އޮފީސް އިމާރާތެއް ހަމަޖައްސައި ދެއްވާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

އެ ތަން ހުސްކުރުމަށް ސްކައުޓް އިދާރާ އާއި ފިހާރަ ވަގުތީ ގޮތުން ބަންދުކުރި ނަމަވެސް އޮންލައިންކޮށް ތަކެތި ލިބޭނެ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އޮންލައިންކޮށް ގަތުމަށްފަހު އެތަކެއްޗާ ހަވާލުވާން އަންނަންވީ ވަގުތު އެ ތަކެތި ގަންނަ ފަރާތްތަަކަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.