Roadha Mihaaru

އަރަބިއްޔާ ކުރިން ހިންގި އިމާރާތް ތަޅާލަން މުދާ ހުސްކުރަނީ

ޗާންދަނީ މަގުގައި އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލަން، އެތަން ހުސްކުރަން ފަށައިފި އެވެ.

އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅާލަން މުދާ ހުސްކުރަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

11 ސެޕްޓެމްބަރ 2025

ޗާންދަނީ މަގުގައި އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލަން، އެތަން ހުސްކުރަން ފަށައިފި އެވެ.

އެ އިމާރާތުގައި ދަރިވަރުން ކިޔެވުން ރައްކާތެރި ނޫން ކަމަށް ކަނޑައަޅައި އެހެން ތަނަކަށް ބަދަލުކުރީ، ޖެނުއަރީ، 2023ގަ އެވެ. މީގެ 10 އަހަރު ކުރިން 2013 ގައި ބޭނުންކުރަން ފެށި އެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ވަނީ ރެނދުލައިފަ އެވެ.

ދަރިވަރުން ބަދަލުކުރުމަށް ފަހު، އެ އިމާރާތުގެ އެއްބައި ބޭނުން ކުރަމުން އައީ އިލެކްޝަން ކޮމިޝަނާއި އެޑިޔުކޭޝަން މިނިސްޓްރީގެ މުދާ ބަހައްޓާ ގުދަނެއްގެ ގޮތުގަ އެވެ. އަނެއް ބައި ބޭނުން ކުރީ ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓް އޮފީސް ހިންގުމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، އެ ތަނުގައި އިމާރާތް ހުރުން ވެސް ރައްކާތެރި ނޫން ކަމަށް ބެލެވޭތީ އިމާރާތް ތަޅާލުމަށް މުދާތައް ހުސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަރަބިއްޔާ ސްކޫލު ހިންގި އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައި.--

އަރަބިއްޔާ ސްކޫލު ހިންގި އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައި.--

"ރައްޔިތުންނާއި އެތަނަށް ވަދެ އުޅޭ މީހުންގެ ރައްކާތެރިކަމަށް ބަލާފައި ތަން ހުސްކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީން އެންގުމާ އެކު އެތަނުގައި ހުރި ހުރިހާ މުދާތަކެއް ނަގައި، ސްކައުޓާއި ކެޑޭޓްގެ އޮފީސް ވެސް ހުސްކޮށް މުދާތައް ނެރެމުން މިދަނީ،" އިސްމާއިލް ވިދާޅުވި އެވެ.

އަންނަ މަހު 10ގެ ނިޔަލަށް އެ އިމާރާތުގައި ހުރި ހުރިހާ މުދަލެއް ހުސްކުރަން އަންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މުދާތައް ހުސްކޮށް ނިމުނުހާ އަވަހަކަށް އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށަން ވަނީ ނިންމައިފަ އެވެ.

އެ އިމާރާތުން އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށެވެ. އޭގެ ފަހުން ދުވަސްތަކެއް ވަންދެން އެ ތަނުގައި ކިޔަވައިދިނުމަށް ފަހު އަރަބިއްޔާގެ ކުދިން މިހާރު ތިބީ ދަރުމަވަންތަ ސްކޫލް ކުރިން ހިންގި އިމާރާތުގަ އެވެ.

އަަރަބިއްޔާ ސްކޫލް ހިންގި އިމާރާތުގެ ތަނބުތަކުގައި ރެނދުލާފައި.-- ފަޔާޒް މޫސާ/މިހާރު

އަަރަބިއްޔާ ސްކޫލް ހިންގި އިމާރާތުގެ ތަނބުތަކުގައި ރެނދުލާފައި.-- ފަޔާޒް މޫސާ/މިހާރު

ގާތްގަނޑަކަށް 900އެއްހާ ދަރިވަރުން ކިޔަވާ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް އާ އިމާރާތެއް ނުލިބި، އެއް ތަނުން އަނެއް ތަނަށް ބަދަލުވުން އާންމުވުމުން އެ ސްކޫލްގެ ބެލެނިވެރިންގެ ޝަކުވާ މިދިޔަ ސަރުކާރުގައި ވަރަށް ބޮޑުވި އެވެ. އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިންގައި ދެއްވި އެންމެ ބޮޑު އެއް ޔަގީން ކަމަކީ އެ ކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާގެ އިމާރާތް އަޅަން ދިނީ ބާ ޖަމާލުއްދީން ހުރި ބިމެވެ. ނަމަވެސް މި ސަރުކާރު ބަދަލުވެ އެ ސްކޫލުގެ ބެލެނިވެރިން އެދުނު ގޮތަށް، ކުރީގެ ކުނިކޮށި ހުރި ބިމުގައި މިހާރު ވަނީ އެ އިމާރާތް އަޅަން ފަށައިފަ އެވެ. އަދި އެއީ، އަރަބިއްޔާގެ ދާއިމީ ބިން ކަމަށް އެ މަނިކުފާނު ވަނީ ނިންމަވައިފަ އެވެ.

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަނާ އެވެ. އެ ތަނުގައި މިހާރު ކުރަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ.