Roadha Mihaaru
އިންޑޯ ބޭނުންނުކުރެވޭތީ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުން

އިންޑޯ ކޯޓު ބޭނުންނުކުރެވޭތީ އެސޯސިއޭޝަންތަކުން ކަންބޮޑުވެއްޖެ

06 ސެޕްޓެމްބަރ 2021

މާފަންނު ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓު ބޭނުން ނުކުރެވޭތީ އެތަން އާންމުކޮށް ބޭނުންކުރާ ހަތަރު އެސޯސިއޭޝަނުން ކަންބޮޑުވުންތައް ޔޫތު ސްޕޯޓްސް މިނިސްޓްރީއާ ހިއްސާކޮށްފި އެވެ.

މާފަންނު ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓު ބޭނުން ނުކުރެވޭތީ އެތަން އާންމުކޮށް ބޭނުންކުރާ ހަތަރު އެސޯސިއޭޝަނުން ކަންބޮޑުވުންތައް ޔޫތު ސްޕޯޓްސް މިނިސްޓްރީއާ ހިއްސާކޮށްފި އެވެ.

މި އަހަރު ފެބްރުއަރީ މަހުން ފެށިގެން ކޮވިޑް-19 ގެ ވެކްސިން ސެންޓަރެއްގެ ގޮތުގައި، އިންޑޯ ކޯޓް ދަނީ ބޭނުން ކުރަމުންނެވެ. އެ މަސައްކަތް ހިނގަމުން ދަނީ އެ ތަނުގެ ފްލޯރިންގައި ހަރު މެޓެއް އަޅައިގެންނެވެ.

ވޮލީ، ބާސްކެޓް، ނެޓްބޯލް އަދި ޓީޓީގެ ބައެއް މުބާރާތްތައް ބޭއްވުމަށް އިންޑޯ ބޭނުން ކުރެ އެވެ. ބައެއް އެސޯސިއޭޝަންތަކުން ވަނީ މިދިޔަ ހަފުތާގައި ސްޕޯޓްސް މިނިސްޓްރީގެ ވެރިންނާ ބައްދަލުކޮށް އެތަން ހުސްކޮށް ކުޅިވަރު މުބާރާތްތަކަށް ތައްޔާރުވުމަށް ފުރުސަތު ވެސް ފަހިކޮށްދިނުމަށް އެދިފަ އެވެ.

ރާއްޖޭގައި ރަނގަޅު ފެންވަރަކަށް ހަދާފައި ވަނީ ސޯޝަލް ސެންޓަރުގައި ހުރި އިންޑޯ އެކަންޏެވެ. ޖުލައި މަހު ވީއޭއެމުން ވަނީ، އިންޑޯ ކޯޓް އޮތް ހާލަތު ދެނެގަތުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.

އިންޑޯ ހޯލްގައި ކުޅުނު ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ

އިންޑޯ ހޯލްގައި ކުޅުނު ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ

ގައުމީ ބާސްކެޓްބޯޅަ ޓީމުން، މިހާރު ތައްޔާރުވަމުން އަންނަނީ ސާބާ ޗެމްޕިއަންޝިޕަށެވެ. އިންޑޯގައި ކުޅެން ޖެހޭ އެ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުން ޕްރެކްޓިސް ކުރަމުން ދަނީ އައުޓްޑޯ ކޯޓުގަ އެވެ. އިންޑޯ ކޯޓުގައި ކުޅޭ މުބާރާތަކަށް އައުޓްޑޯ ކޯޓުގައި ޕްރެކްޓިސް ކުރުމުން ޓެކްނިކަލީ ތަފާތުތަކެއް ހުންނާނެ އެވެ.

އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތް ރާއްޖޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ސެންޓްރަލް ޒޯން މުބާރާތުގައި އެންމެ ފަހުން ރިހި މެޑަލް ހޯދި އަންހެން ޓީމަށް، މި ފަހަރުގެ މުބާރާތަށް ޕްރެކްޓިސްތައް ފެށޭނެ ގޮތެއް ނެތެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް، ވިިދާޅުވީ މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތައް ދިޔައީ ވަރަށް ޕޮޒެޓިވްކޮށް ކަމަށެވެ.

"އަޅުގަނޑަށް މިހާރު އެނގިފައިވާ ގޮތުގައި މިނިސްޓްރީން ވަނީ އެޗްޕީއޭ އަށް ދަންނަވާފައި އިންޑޯ ހުސްކުރުމާ ބެހޭގޮތުން. މާނައަކީ އެކަން މިހާރު އެބަހިނގައޭ،" ރަނޭ ވިދާޅުވި އެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހްމަދު އާދަމް ވިދާޅުވީ، ގައުމީ ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމަށް އިންޑޯ ބޭނުން ނުކުރެވޭތީ ހުރި ދަތިތައް ފާހަގަ ކޮށްފައިވާނެ ކަމަށެވެ. މިނިސްޓްރީން އެކަމަށް އިޖާބަދިން ގޮތް އޭނާ ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.