Roadha Mihaaru

ވޮލީ ސީޒަން ފަސްކުރަން ޖެހުމުން ހިނގާނެ ހަރަދުތައް ސަރުކާރުން ދެނީ

މި ހަފުތާގައި ފަށާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް ފިރިހެން ޑިވިޝަނުގެ ވޮލީ ސީޒަން މި މަހު ފަހުކޮޅަށް ފަސް ކުރުމުން އިތުރަށް ހިނގާނެ ހުރިހާ ހަރަދުތަކާ ސަރުކާރުން ހަވާލުވެއްޖެ އެވެ.

ސީޒަން ފަސްކުރަން ޖެހުމުން، ސަރުކާރުން ބަދަލު ދެނީ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

10 ޖޫން 2025

މި ހަފުތާގައި ފަށާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް ފިރިހެން ޑިވިޝަނުގެ ވޮލީ ސީޒަން މި މަހު ފަހުކޮޅަށް ފަސް ކުރުމުން އިތުރަށް ހިނގާނެ ހުރިހާ ހަރަދުތަކާ ސަރުކާރުން ހަވާލުވެއްޖެ އެވެ.

ހަތަރު މުބާރާތް ހިމެނޭ ވޮލީ ސީޒަން ފަސް ކުރަން ޖެހުނީ މުބާރާތްތައް ކުޅެން ހަމަޖައްސާފައިވާ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ސަރުކާރުގެ އެހެން ހަފުލާ އަކަށް ދޫކުރަން ޖެހުމުންނެވެ.

ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭގޮތަށް ރާއްޖޭގައި ހުރި ހަމައެކަނި އިންޑޯ ހޯލް ފަސް ކުޅިވަރަކުން ބޭނުން ކުރެ އެވެ. އެއީ ވޮލީގެ އިތުރުން ބާސްކެޓްބޯޅަ، ނެޓްބޯޅަ އަދި ޓޭބަލް ޓެނިސް އަދި ބޮޑީބިލްޑިން އެވެ. ޓީޓީ އާއި ބޮޑީބިލްޑިންގެ އިންޓަނޭޝަނަލް މުބާރާތްތައް އިންޑޯ ހޯލްގައި ބާއްވަ އެވެ. ކުޅިވަރާ ނުގުޅޭ ބޭނުންތަކަށް ވެސް ދޭތެރެދޭތެރެއިން ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ވެސް އެ ހޯލް ދޫކުރެ އެވެ.

ވޮލީ ސީޒަން ފަސް ކުރަން ޖެހުނު އިރު ކްލަބްތަކުން ވެސް ވަނީ މި ހަފުތާ އަށް އަމާޒުކޮށް ހަރަދުތަކެއް ކޮށްފަ އެވެ. މުބާރާތް ފަސް ކުރަން ޖެހުމަކީ ޓީމުތަކާ ކުޅުންތެރިންނަށް ކުރިމަތިވާނެ ބޮޑު ގެއްލުމެއް ކަމަށް ވީއޭއެމްގެ ނައިބު ރައީސް މުހައްމަދު ސާޖިދު (ކާއްޓޭ) ބުންޏެވެ.

ކުރިން ގައުމީ ކޯޗުކަން ވެސް ކުރި ސާޖިދު ބުނީ އޭގެ ސަބަބުން ކްލަބްތައް ވެސް ދަރަނިވެރިވެގެންދާނެ ކަމަށެވެ.

ސީޒަން ފަސް ކުރިކަން ހާމަކޮށް ވީއޭއެމުން ނެރުނު ސާކިއުލާގައި ބުނެފައި ވަނީ ސީޒަން ފަސް ކުރަން ޖެހުމުން ކުރިމަތިވާނެ ދަތިތައް ސްޕޯޓްސް މިނިސްޓްރީއާ ހިއްސާކޮށްފައި ވާނެ ކަމަށެވެ.

މިނިސްޓްރީގެ އޮފިޝަލް "މިހާރު" އަށް ބުނީ ވީއޭއެމްގެ ކަންބޮޑުވުންތަކުގެ ވާހަކަ އަހައި ހައްލުތަކެއް ހޯދައި ދިނުމުގެ ގޮތުން އިތުރަށް ހިނގާ ހަރަދުތައް ކޮށްދޭން މިނިސްޓްރީ ނިންމާފައިވާ ކަމަށެވެ.

"ޓޯނަމެންޓް [ވޮލީ ސީޒަން] ފަސް ކުރަން ޖެހުމުން އެކަމާ ވީއޭއެމްގެ އިސްވެރިންނާ އެކަމާ މަޝްވަރާ ކުރެވުނު. އަދި އެންމެ ބެސް ޕޮސިބަލް ސޮލިއުޝަނެއް ހޯދަން ވަނީ ޑިސްކަސް ކުރެވިފައި. ހުރިހާ ކަމެއް ތަފުސީލުކޮށް ހިއްސާ ކުރެވިފައިވާނެ. ޓޯނަމެންޓް ޑިލޭ ކުރާތީ ހުރިހާ އެޑިޝަނަލް ކޯސްޓެއް ކަވާ ކުރާނެކަން ވެސް ވީއެއެމަށް އަންގާފައި ވާނެ،" ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލް ބުންޏެވެ.

ވީއޭއެމްގެ ސާކިއުލާގައި ބުނެފައި ވަނީ ސީޒަން ފަސް ކުރަން ޖެހުމުން ހައްލުތަކެއް ހޯދައިދޭން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އިސްވެ މަސައްކަތް ފެއްޓެވި ކަމަށެވެ.

މިނިސްޓްރީގެ ބޭނުމަކަށް އިންޑޯ ހޯލް ނަގާފައިވާ ދުވަސްތަކުގެތެރެއިން ދެ ދުވަސް ވެސް ވީއޭއެމަށް މިނިސްޓްރީން ހަމަޖައްސާ ދީފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އެއީ އަންނަ މަހުގެ 22 އަދި 23 އެވެ.

ވީއޭއެމް ކަޕާއި ގައުމީ ލީގާއި ގައުމީ މުބާރާތް އަދި ކާވާ ޗެމްޕިއަންސް ލީގު ހިމެނޭ ވޮލީ ސީޒަން މިހާރު ފަށަން ހަމަޖައްސާފައި ވަނީ، މަހު 24 އަށެވެ. ވޮލީ ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ، ކާވާ ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗު ކުޅެން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހަށެވެ.