Roadha Mihaaru

އެހެން ހަފުލާއަކަށް ޖާގަ ދޭން ވޮލީ ސީޒަން ފަސްކުރަން ޖެހުން؛ "މިއީ ބޮޑު ގެއްލުމެއް"

މި ހަފުތާގައި ފަށަން ކުރިން ހަމަޖައްސާފައި އޮތް ފިރިހެން ޑިވިޝަންގެ ވޮލީ ސީޒަން، ފަސްކޮށްފި އެވެ.

އެހެން ހަފުލާއަކަށް ޖާގަ ދޭން ވޮލީ ސީޒަން ފަސްކޮށްފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

08 ޖޫން 2025

މި ހަފުތާގައި ފަށަން ކުރިން ހަމަޖައްސާފައި އޮތް ފިރިހެން ޑިވިޝަންގެ ވޮލީ ސީޒަން، ފަސްކޮށްފި އެވެ.

އިންޑޯ ހޯލްގައި އެހެން ހަފުލާއެއް ބާއްވަން ޖެހޭތީ، މުބާރާތް ފަސް ކުރި އެވެ.

ވީއޭއެމް ކަޕާއި ގައުމީ ލީގާއި ގައުމީ މުބާރާތް އަދި ކާވާ ޗެމްޕިއަންސް ލީގު ހިމެނޭ ވޮލީ ސީޒަން ދެން ފަށާނީ މި މަހު 24 ގަ އެވެ.

ވީއޭއެމްގެ ސީނިއާ ނައިބުރައީސް އަދި ކުރީގެ ގައުމީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ވޮލީ ސީޒަން ފަސް ކުރަން ޖެހުމަކީ ޓީމުތަކަށާއި ކުޅުންތެރިންނަށް ލިބޭ ގެއްލުމެއް ކަމަށެވެ.

އޭނާ ބުނީ މުބާރާތް ކުރުގަޅުވާލުމުން ކުޅުންތެރިންނަށް ވެސް އެންމެ ރަނގަޅު ޕާފޯމަންސެއް ނުދެއްކޭނެ ކަމަށެވެ.

"މިހެންވެ ކްލަބްތައް ދަރަނިވެ، މުބާރާތް ކުރުކޮށްލާފަ ދުވާލަކު ތިން މެޗު ކުޅުނީމަ ކުޅުންތެރިން އިންޖަރީވެފަ އެންމެ ރަނގަޅު ޕާފޯމަންސެއް ނުދެއްކޭނެ،" ސޯޝަލް މީޑީއާގައި ސާޖިދު ލިޔުނެވެ.

އޭނާ ބުނީ މިފަހަކަށް އައިސް ވޮލީ މުބާރާތްތަކާ ދިމާކޮށް، އިންޑޯ ހޯލް އެހެން ކަންކަމަށް ބޭނުން ކުރަން ޖެހިގެން ސީޒަންގެ މެދުތެރެއިން މެދުކަނޑާލަން ޖެހޭ ކަމަށެވެ.

ވީއޭއެމަށް ދޫކޮށްފައި އޮންނަ މުއްދަތުގެތެރޭގައި މުބާރާތުގެ މެދުތެރެއިން ވެސް އެހެން ކަންކަމަށް ހޯލް ދޭން ޖެހި އެންމެ ފަހުން ބޭއްވި އަންހެން ޑިވިޝަނުގެ ވޮލީ ސީޒަން ވެސް މެދުކަނޑާލަން ޖެހުނު ކަމަށް ސާޖިދު ބުންޏެވެ.

ވީއޭއެމުން ޓީމުތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައި ވަނީ މުބާރާތް ފަސް ކުރަން ޖެހުމުން ޓީމުތަކަށް ދިމާވެދާނެ ދަތިތައް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ހިއްސާކޮށްފައި ވާނެ ކަމަށެވެ.

މިނިސްޓްރީގެ ބޭނުމަކަށް އިންޑޯ ހޯލް ނަގާފައިވާ ދުވަސްތަކުގެތެރެއިން ދެ ދުވަސް ވީއޭއެމަށް މިނިސްޓްރީން ހަމަޖައްސާ ދީފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އެއީ އަންނަ މަހުގެ 22 އަދި 23 އެވެ.

އެހެންވެ ވޮލީ ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ، ކާވާ ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗު ކުޅެން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހަށެވެ.