Roadha Mihaaru
އިންޑޯ ހުސްކުރަން ހެލްތުން ފެހި ސިގުނަލެއް

އިންޑޯ ހުސްކުރަން ހެލްތުން ފެހި ސިގުނަލެއް

21 ސެޕްޓެމްބަރ 2021

އިންޓަނޭޝަނަލް މުބާރާތްތަކަށް ރާއްޖޭގެ ގައުމީ ޓީމުތައް ތައްޔާރުވާން އިންޑޯ ކޯޓް ވަރަށް އަވަހަށް ހުސްކުރާނެކަމުގެ ފެހި ސިގްނަލް ހެލްތު މިނިސްޓްރީން ދީފިކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިންޓަނޭޝަނަލް މުބާރާތްތަކަށް ރާއްޖޭގެ ގައުމީ ޓީމުތައް ތައްޔާރުވާން އިންޑޯ ކޯޓް ވަރަށް އަވަހަށް ހުސްކުރާނެކަމުގެ ފެހި ސިގްނަލް ހެލްތު މިނިސްޓްރީން ދީފިކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވެއްޖެ އެވެ.

އެޑަމް ވިދާޅުވީ، އަންނަ ހަފްތާއަށް އިންޑޯ ހޯލް ހުސްކުރާނެކަމަށް މައުލޫމާތު ލިބިފައިވާއިރު، އެންމެ ފަހުގެ ޖަވާބެއް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ ލިބޭނެ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިންޑޯ ކޯޓު ބޭނުންކުރަމުން އަންނަނީ ކޮވިޑް-19 ގެ ވެކްސިން ސެންޓަރެއްގެ ގޮތުގައެވެ. މީގެ ސަބަބުން ރާއްޖޭގައި ވޮލީ، ބާސްކެޓް، ނެޓްބޯޅަ އަދި ޓީޓީގެ ގައުމީ ފެންވަރުގެ މުބާރާތްތައް ވެސް ހުއްޓުމަކަށް އައިސްފައިވާއިރު، ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމް ސާބާ ޗެމްޕިއަންޝިޕަށް ފަރިތަކުރުންތައް ކުރިޔަށް ގެންދަނީ އައުޓްޑޯގަ އެވެ. އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތަށް ގައުމީ ޓީމު ފަރިތަކުރުންތައް ފެށޭނެ ގޮތެއް ނެތެވެ.

މާފަންނު ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓަކީ ހާއްސަ ފްލޯރިންއެއް އަޅައި، އިންޑޯ ކުޅިވަރުތައް ކުޅެވެން ރާއްޖޭގައި ހުރި ހަމައެކަނި ތަނެވެ. ވޮލީ އާއި ބާސްކެޓްގެ އިތުރުން ނެޓްބޯޅަ އާއި ޓީޓީ މުބާރާތްތަކުގެ އިތުރުން ގައުމީ ޓީމުތަކުގެ މެޗްތަކާއި ފަރިތަކުރުންތައް ވެސް ކުރިޔަށް ގެންދަން ހުރި ހަމައެކަނި ތަނަކީ އެއީ އެވެ.

އިންޑޯ ކޯޓު ބޭނުންނުކުރެވޭތީ، މިމަހުގެ ކުރީކޮޅު އެތަން އާންމުކޮށް ބޭނުންކުރާ ހަތަރު އެސޯސިއޭޝަނުން ޔޫތު މިނިސްޓްރީގައި ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު، އެތަން ހުސްކުރާނެކަމުގެ ފެހި ސިގުނަލާއެކު އެސޯސިއޭޝަންތައް އެކުގައި ވަނީ ކޯޓު ބަހާނެގޮތާމެދު މިހާރު މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިކަމަށް ވެސް "މިހާރު" އާ ވާހަކަ ދައްކަވަމުން އެމްބީއޭގެ ރައީސް އެޑަމް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އެސޯސިއޭޝަންތަކުގެ އިސްވެރިން ބައްދަލުކޮށް، ކުޅިވަރުތަކަށް ކޯޓު ބަހާނެގޮތް ވެސް މިހާރު ވާނީ މަޝްވަރާ ކުރެވިފައި." އޭނާ ވިދާޅުވި އެވެ.

އިންޑޯގައި ކުޅެންޖެހޭ މުބާރާތަކަށް އައުޓްޑޯ ކޯޓެއްގައި ފަރިތަކުރުމުން ޓެކްނިކަލީ ތަފާތުތަކެއް ހުރި ނަމަވެސް، ނޮވެމްބަރު 15 ގައި ބަންގްލަދޭޝްގައި ފަށާ ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ބާސްކެޓްބޯޅަ ޓީމު މިހާރު ތިބީ ހުޅުމާލޭގައި ކޭމްޕް ކޮށްގެންނެވެ.