Roadha Mihaaru

އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ އޭއެފްސީ ބީ ލައިސެންސް ކޯޗިން ކޯސް ދުވާފަރުގައި

މާލޭން ބޭރުގައި ބޭއްވި ރާއްޖޭގެ އެންމެ ފުރަތަމަ އޭއެފްސީ ބީ ލައިސެންސް ކޯސް ރ. ދުވާފަރުގައި ކުރިއަށް ގެންގޮސްފި އެވެ.

އަތޮޅުތެރޭގެ ފުރަތަމަ ބީ ކޯޗިން ކޯސް ދުވާފަރުގައި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

02 ސެޕްޓެމްބަރ 2025

މާލޭން ބޭރުގައި ބޭއްވި ރާއްޖޭގެ އެންމެ ފުރަތަމަ އޭއެފްސީ ބީ ލައިސެންސް ކޯސް ރ. ދުވާފަރުގައި ކުރިއަށް ގެންގޮސްފި އެވެ.

އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީގެ ދަށުން ހިންގާ ސްޕޯޓްސް އެޑިއުކޭޝަން އިންސްޓްޓިޔުޓް (އެމްއެންއައިއެސް) އަދި ޓީސީ ސްޕޯޓްސް ގުޅިގެން ހިންގި ކޯހުގެ ބައިތައް ނަގައި ދިނީ ޝާޒްލީ މުހައްމަދު (ޝާޒް) އެވެ. އޭނާ އަކީ އޭއެފްސީ ބީ ލައިސެންސް ކޯޗިން ކޯސް ކިޔަވައިދިނުމަށް ރާއްޖޭން އެންމެ ފުރަތަމަ ހުއްދަ ލިބުނު ކޯޗެވެ.

ރަށްރަށުގައި އޭއެފްސީ ޑީ އަދި ސީ ލައިސެންސް ކޯޗިން ކޯސް މީގެ ކުރިން ވެސް އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީ އަދި ކައުންސިލުތައް ގުޅިގެން ބާއްވާފައިވެ އެވެ.

އެކަމަކު މިއީ ރާއްޖޭގައި ބޭއްވި އޭއެފްސީ ބީ ލައިސެންސް ކޯޗިން ކޯހެއް މާލެއިން ބޭރުގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. މާލެއިން ބޭރުގައި އޭފްސީ ކޯޗިން ކޯހެއް އެންމެ ފުރަތަމަ ބޭއްވީ މީގެ އަހަރުތަކެއް ކުރިން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އަދަކުރި މެލޭޝިއާގެ ލިމް ކިމް ޗޮންގެ ބެލުމުގެ ދަށުން ފުވައްމުލަކުގަ އެވެ. އޭނާ ކިޔަވައިދިން އެ ކޯހަކީ އޭއެފްސީ ސީ ލައިސެންސް ލެވަލްގެ ކޯހެކެވެ.

ދުވާފަރުގައި ކުރިއަށް ގެންދިޔަ ކޯޗިން ކޯހުގެ ބައިވެރިންނަށް ޝާޒް އިރުޝާދު ދެނީ: ކޯހުގައި އިންޑިއާ އާއި ޕާކިސްތާނުގެ ތަޖުރިބާކާރުން ބައިވެރިވި. --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ދުވާފަރުގައި ކުރިއަށް ގެންދިޔަ ކޯޗިން ކޯހުގެ ބައިވެރިންނަށް ޝާޒް އިރުޝާދު ދެނީ: ކޯހުގައި އިންޑިއާ އާއި ޕާކިސްތާނުގެ ތަޖުރިބާކާރުން ބައިވެރިވި. --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ދުވާފަރުގައި ކޯސް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު އީސާ (މޯ) އެވެ.

އެ ރަށުގައި މީގެ ކުރިން ވަނީ އޭއެފްސީ ޑީ އަދި ސީ ލައިސެންސް ކޯޗިން ކޯސް ބާއްވާފަ އެވެ. މިފަހަރު އެ ރަށުގައި ބޭއްވި ބީ ލައިސެންސް ކޯހުގައި އިންޑިއާ އާއި ޕާކިސްތާނުގެ ކޯޗުން ވެސް ބައިވެރިވެ ތަމްރީނުވި އެވެ.

ޖުމުލަ 16 ބައިވެރިނާ އެކު ފެށި ކޯސް ފުރިހަމަ ކުރީ 11 ބައިވެރިންނެވެ. ދުވާފަރުގެ އިތުރުން އެ އޮތޮޅު އަލިފުއްޓާއި މީދޫ އަދި ހދ. ނޭކުރަންދޫ. ޅ. ނައިފަރު ލ. ގަން އަދި ގދ. ހޯޑެއްދޫ އަށް ނިސްބަތްވާ ކޯޗުން ވެސް ބައިވެރިވި ކަމަށް މޯ ބުންޏެވެ.

އޭނާ ބުނީ މީގެ ކުރިން ފުޓްސަލް ރެފްރީ އަދި މެޗު ކޮމިޝަނަރުން ތަމްރީނު ކުރުމުގެ ކޯސްތައް ވެސް އެ ރަށުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޔޫތު އެޓޯލް ޗެމްޕިއަންޝިޕްގެ ނަމުގައި ހަތަރު އޮތޮޅަށް ހުޅުވާލައިގެން އެ ރަށުގައި މި މަހު މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ މުބާރާތް ހުޅުވާލާފައި ވަނީ ށ އޮތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ރަށްތަކަށެވެ.