ރާއްޖެ ފުޓްބޯޅަ ސަސްޕެންޑް ވިޔަ ނުދީ ސަލާމަތް ކުރުން އޮތީ ކްލަބްތަކުގެ އަތްމަތީގައި ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
22 އެޕްރީލް 2025
ރާއްޖެ ފުޓްބޯޅަ ސަސްޕެންޑް ވިޔަ ނުދީ ސަލާމަތް ކުރުން އޮތީ ކްލަބްތަކުގެ އަތްމަތީގައި ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ދިރުވާނީތޯ ނުވަތަ ސަސްޕެންޑް ވާނީތޯ، މި ސުވާލުތަކުގެ ޖަވާބު އޮތީ އެފްއޭއެމްގެ ކޮންގްރެސްގެ މެންބަރު ކްލަބްތަކުގެ އަތްމަތީގައި ކަމަށެވެ.
"ފުޓްބޯޅަ ރާއްޖޭގައި ކުރިއަރުވާނީތޯ؟ ސަސްޕެންޝަނަކާ ހަމައަށް ދާނީތޯ، މިއޮތީ ކްލަބްތަކުގެ އަތްމަތީގައި،" ރާފިއު ވިދާޅުވި އެވެ.
"(އެފްއޭއެމްގެ) މެންބަރު ކްލަބްތަކުގެ ޒިންމާއެއް މިއީ މިހާރު. އަޅުގަނޑު ދެކޭގޮތުގައި މިކަން ކޮޅަށް ޖަހަން އެންމެ ބޮޑު އެފަޓް ލެވެން އޮތީ މެންބަރު ކްލަބްތަކަށް."
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ސްޕޯޓްސް މިނިސްޓަރު ރާފިއު
މިނިސްޓަރު އެގޮތަށް ވާހަކަ ދެއްކެވީ އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރާ ކޮންގްރެސް ބޮއިކޮޓް ކުރުމުގެ ވިސްނުންތައް ބައެއް ކްލަބްތަކުން ގެންގުޅެމުންދާ ދަނޑިވަޅެއްގަ އެވެ. ގަވާއިދަށް ބަދަލު ގެންނަ ކޮންގްރެސްގެ ކޯރަމް، ތިން ބައިކުޅަ ދެބައިގެ ނެތް ނަމަ އެ ކޮންގްރެސް ކުރިއަކަށް ނުގެންދެވޭނެ އެވެ.
އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ވެސް އެ އަދަދު ހަމައެއް ނުވެ އެވެ. އެކަމަކު ގަވާއިދަށް ބަދަލު ގެންނަން އެޖެންޑާގައި ހިމަނާފައި ނުވާތީ އެންމެ ދަށް ކޯރަމާ އެކު ކޮންގްރެސް ކުރިއަށް ގެންދެވެ އެވެ.
މިދިޔަ މަހު ބޭއްވި އެ ކޮންގްރެސްގައި އޮތީ އެފްއޭއެމް އޮޑިޓް ކުރާނެ ފާމް ކަނޑައެޅުމާއި އެތެރޭގެ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރުމެވެ.
އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބަކުން ހޮވަން ފެށި ފަހުން، މިހާރު އޮތް ނޯމަލައިޒޭޝަނަކީ ފީފާއިން އެ ހާލަތަށް ރާއްޖެ ގެންދިޔަ ދެވަނަ ފަހަރެވެ.
މިނިސްޓަރު ވިދާޅުވީ ނޯމަލައިޒޭޝަން ހާލަތަށް ގޮސްފައި އޮތުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށެވެ.
އެފްއޭއެމްގެ ކޮންގްރެސްގައި ރާފިއު އާއި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީވެ ޗެއާމަން އަހްމަދު މުއިއްޒު --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އެސޯސިއޭޝަނަކަށް ދިމާވާނެ އެންމެ ބޮޑު ހިތްދަތިކަމަކީ މި ސިޓްއޭޝަނަށް އައުން. ނޯމަލައިޒް ކުރަން ޖެހުން،" ރާފިއު ވިދާޅުވި އެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރާ ކޮންގްރެސް އަންނަ މަހު ބާއްވަން، ނޯމަލައިޒޭޝަން ކޮމިޓީން ދަނީ ތައްޔާރު ވަމުންނެވެ.
ޖުލައި 23 ގައި ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވުމުގެ ކުރިން އަސާސީ ގަވާއިފު ފާސްކޮށް އާ އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ. އެ މުއްދަތުގައި އެކަން ނުވެއްޖެނަމަ ފީފާއިން ރާއްޖެ ސަސްޕެންޑް ކުރުން ކައިރި އެވެ.
އެންމެ ފަހުން ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަށް (ޕީއެފްއެފް) އަށް ފީފާއިން ކުރިމަތި ކުރި ސަސްޕެންޝަނުގެ ވާހަކަ މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އަސާސީ ގަވާއިދު ފާސް ކުރަން ޕީއެފްއެފްގެ ކޮންގްރެސްގެ މެންބަރުން ބޭނުން ނުވުމުން ފީފާއިން ތިންވަނަ ފަހަރަށް އެ ގައުމު ސަސްޕެންޑް ކުރި އެވެ. އަލުން ސަސްޕެންޝަން އުވާލީ ފީފާއިން ދިން މުއްދަތުގެ ތެރޭގައި އަސާސީ ގަވާއިދު ފާސް ކުރުމުންނެވެ.
އެކަމަކު ރާއްޖެ ސަސްޕެންޝަނަކާ ހަމައަށް ހިނގައްޖެނަމަ މާ ނުރައްކާ ހަލަތަކަށް ދާނެ ކަމަށް ފުޓްބޯޅައިގެ ގަވާއިދުތަކަށް އަހުލުވެރި ބޭފުޅުން ވިދާޅުވެ އެވެ. އެފްއޭއެމްގައި 150 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ދަރަންޏެއް އެބައޮތެވެ. ސަސްޕެންޑް ވުމުން ފީފާ އާއި އޭއެފްސީގެ އެއްވެސް މާލީ އެހީތެރިކަމެއް ނުލިބޭނެ އެވެ.
ފަހަރެއްގައި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ލިކްއިޑިޓޭޝަނަކަށް ގޮސް އެއްކޮށް އުވާލަން ނިންމާ ހިސާބަށް ވެސް ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މިނިސްޓަރު ވެސް ވިދާޅުވީ އެހާހިސާބަށް ރާއްޖޭގެ ފުޓްބޯޅަ ގޮސްފިނަމަ އެފްއޭއެމްގެ މެންބަރު ކްލަބްތަކަށް އޮތް ހައިސިއްޔަތު ވެސް ގެއްލިގެން ދާނެ ކަމަށެވެ.
"އެއަށް ވުރެ ބޮޑަށް މި އޮންނަނީ އެއްކޮށް ސަސްޕެންޑް ވެގެން [އުވިގެން] ދއުން. އެހެންވެއްޖެއްޔާ ހުރިހާ ކްލަބްތަކެއް ޑިޒޯލްވެގެން ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތުކުރާތީ ނުރުހުން
ކްލަބްތަކަށް ސަރުކާރުން ނުވަ މިލިއަން ރުފިޔާ ދީފި
އެފްއޭއެމްގެ ދަރަންޏާ މެދު ކުންފުނިތަކާއެކު މަޝްވަރާއަށް
ފުޓްބޯޅައިގައި މުޅި ރާއްޖެ ތަމްސީލް ކުރަނީ
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ޕޮޑޮލްސްކީއަށް ކިޔައިދީފި
"ބައިވެރިނުވީ އަމާޒެއް ނެތް މުބާރާތަކަށް ވާތީ"
ފައިސާ ދިނަސް މުބާރާތް ކުޅެން ޝައުގެއް ނެތް
ސްޕޯޓްސް މެޑިސިން މީހުން ތަމްރީންކުރަން ޗައިނާގެ އެހީ
ބްރިޖް ޕްލެޓްފޯމް ރޫޅާލައި ސާފިން ސްޓޭޑިއަމެއް ހަދަނީ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ