Roadha Mihaaru

ކްލަބްތަކުގެ ވެރިންގެ ތަހުގީގު: ފައިސާ ތަފުސީލު ހިއްސާކުރަން ތޮލާލް އެފްއޭއެމަށް އަންގަވައިފި

އެފްއޭއެމުން ކްލަބްތަކަށް ދިން ފައިސާގެ ތަފްސީލު ހިއްސާކޮށްދޭން، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެ އެސޯސިއޭޝަނަށް އަންގަވައިފި އެވެ.

ކްލަބްތަކުގެ ފައިސާގެ ތަފުސީލު ދޭން ތޮލާލް އަންގަވައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

23 ޖޫން 2025

އެފްއޭއެމުން ކްލަބްތަކަށް ދިން ފައިސާގެ ތަފްސީލު ހިއްސާކޮށްދޭން، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެ އެސޯސިއޭޝަނަށް އަންގަވައިފި އެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު މުއިއްޒަށް އެޑްރެސްކޮށް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެފްއޭއެމުން ކްލަބްތަކަށް ދިން ފައިސާ އަށް ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

"މީގެ އިތުރުން ވެސް ކްލަބްތަކަށް ދޫކުރެވުނު ފައިސާ ކްލަބްތަކުން ނުވަތަ ކްލަބްތަކުގައި ހިމެނޭ މެންބަރުން އަމިއްލައަށް ބޭނުންކޮށް އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލަ ވެސް ތަހުގީގު ކުރެވެމުންދާކަމަށް އެ ސާވިސްއިން [ފުލުހުން] ވަނީ މައުލޫމާތު ދެއްވާފަ އެވެ،" ތޮލާލް ސޮއި ކުރައްވައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.

އެހެންވެ، 2018 އިން 2023 އަށް އެފްއޭއެމުން ކްލަބްތަކަށް ފޮނުވި ފައިސާގެ ހުރިހާ ތަފްސީލަކާއި ކްލަބްތަކުން އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލު ވެސް ހިއްސާ ކުރުމަށް ތޮލާލް ވަނީ އެދިވަޑައިގެންފަ އެވެ.

އެފްއޭއެމުން ތަފުސީލު ފޮނުވަން ތޮލާލް އެންގެވި ކަންކަން

- އެފްއޭއެމުން 2018 އިން 2024 އަށް ކްލަބްތަކަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލު

- އެ ފައިސާ އެފްއޭއެމުން ޖަމާކުރި އެކައުންޓްތަކުގެ ތަފްސީލު

- ކްލަބްތަކުން އެ ފައިސާ ހަރަދު ކުރިގޮތުގެ ތަފުސީލު

ތޮލާލް އެދިވަޑައިގެންނެވީ އެ ތަފުސީލު އެފްއޭއެމަށް ލިބިފައިވާނަމަ ވީ އެންމެ އަވަހަކަށް ފޮނުވުމަށެވެ.