Roadha Mihaaru

ފަލަސްތީނުގެ ކޭމްޕް ރާއްޖޭގައި ބާއްވަން ފުރިހަމަ ސަޕޯޓް ދޭނަން: މިނިސްޓްރީ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޓްރެއިނިން ކޭމްޕް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމަށް ފުރިހަމަ އެއްބާރުލުން ދޭން މިނިސްޓްރީ އޮފް ސްޕޯޓްސް އިން މިއަދު ނިންމައިފި އެވެ.

ފަލަސްތީން ކޭމްޕަށް ފުރިހަމަ ސަޕޯޓް ދޭނަން: މިނިސްޓްރީ
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

02 ސެޕްޓެމްބަރ 2025

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޓްރެއިނިން ކޭމްޕް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމަށް ފުރިހަމަ އެއްބާރުލުން ދޭން މިނިސްޓްރީ އޮފް ސްޕޯޓްސް އިން މިއަދު ނިންމައިފި އެވެ.

އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ފަލަސްތީނުގެ ކޭމްޕް ރާއްޖޭގައި ބާއްވައިދޭން އެދުނީ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޓީމުތަކަށް އެ ގައުމުގެ ފަސްގަނޑުގައި މުބާރާތް ކުޅެ ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބެ އެވެ. އެހެންވެ، ފަލަސްތީނުން ތަމްރީނު ހަދަނީ ވެސް އެހެން ގައުމުތަކުގަ އެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެކަމަށް އެދުމުން އެފްއޭއެމުން ނިންމީ މިނިސްޓްރީ އާއި އެހެން ސްޕޮންސާތަކާ ގުޅިގެން އެ އިންތިޒާމު ހަމަޖައްސައިދޭށޭވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ، އެކަމުގައި އެފްއޭއެމަށް އެހީތެރިކަން ދޭން ނިންމިކަން ހާމަކުރައްވައިފަ އެވެ.

"މިއީ ފަލަސްތީނާއި ރައްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ކުރެވޭ މުހިންމު ނިންމުމެއް،" މިނިސްޓްރީން ބުންޏެވެ.

ޓޮމް ވެސް ވިދާޅުވީ ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕްކުރުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންވަނީ ލިބިގެންގޮސްފައިވާ ކަމަށެވެ.

އަންނަ ނޮވެމްބަރު 8 އިން 19 އަށް ބާއްވާ މި ކޭމްޕުގައި ފަލަސްތީނުގެ ޓީމުން ރާއްޖޭގެ ޒުވާން ޓީމާ އެކު އެކުވެރިކަމުގެ ދެ މެޗު ކުޅޭނެ އެވެ. މި ކޭމްޕް ބާއްވާނެ ތަނެއް އެފްއޭއެމުން ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.

ކޮލިފައިންގައި ފަލަސްތީން ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގަ އެވެ. މި ގްރޫޕުގައި ފަލަސްތީނާއި އިންޑިއާގެ އިތުރުން ހިމެނެނީ އީރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.