Roadha Mihaaru

ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވައި ދޭން އެދިއްޖެ

އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވާ، ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވައިދޭން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެފްއޭއެމްގެ ކިބައިން އެދިއްޖެ އެވެ.

ފަލަސްތީނު ޓީމުގެ ތަމްރީނު ރާއްޖޭގައި ބާއްވަން އެދިއްޖެ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

31 އޯގަސްޓް 2025

އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވާ، ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވައިދޭން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެފްއޭއެމްގެ ކިބައިން އެދިއްޖެ އެވެ.

ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޓީމުތަކަށް އެ ގައުމުގެ ފަސްގަނޑުގައި މުބާރާތް ކުޅެ ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބެ އެވެ. އެހެންވެ، ފަލަސްތީނުން ތަމްރީނު ހަދަނީ ވެސް އެހެން ގައުމެއްގަ އެވެ.

އެފްއޭއެމުން ބުނީ ފަލަސްތީނުގެ އެސޯސިއޭޝަނުގެ އެގޮތަށް އެދިފައިވުމުން އެކަމަށް ސަރުކާރުގެ އެހީތެރިކަމަށް އެދުމަށް ނިންމާފައިވާ ކަމަށެވެ.

ތަމްރީނު ހަދަން، ޓީމު ރާއްޖެ އަންނާނީ އަންނަ ނޮވެމްބަރު 8 އިން 19 އަށެވެ.

އެ މުއްދަތުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުން، ފަލަސްތީނާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.

މިއަދު ބޭއްވި އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމުގައި ނިންމީ ފަލަސްތީނުގެ ޓީމު ރާއްޖޭގައި ތިބުމުގެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދެން ކަމަށް އެ އިދާރާ އިން ބުންޏެވެ. އަދި ފަލަސްތީނުގެ ޓީމާ ދެކޮޅަށް ރާއްޖޭން ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ސްޕޮންސަރުންގެ އެހީ އަށް އެދުމަށް އެކްސްކޯގެ ބައްދަލުވުމުން ނިންމި ކަމަށް އެފްއޭއެމުން ބުންޏެވެ.

"[ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު] ދިވެހިރާއްޖޭގައި ކޭމްޕްކޮށް ތިބުމުގެ އިންތިޒާމް ހަމަޖެއްސުމުގައި ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެހީތެރިކަމަށް އެދިފައިވާތީވެ، ނޮވެމްބަރު އަށަކުން 19 އަށް އަށް ދިވެހިރާއްޖޭގައި ތިބުމާއި އެހެނިހެން އިންތިޒާމް ހަމަޖައްސުމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދުމަށާއި [އެކުވެރިކަމުގެ] ދެ މެޗަށް ސްޕޮންސަރުން ހޯދަން ފާސްކުރުން،" އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމުން ނިންމިކަން ހާމަކޮށް އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވެ އެވެ.

އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގަ އެވެ. އަންނަ ނޮވެމްބަރު 22 އިން 30 އަށް ކުޅޭ ކޮލިފައިންގެ ގުރޫޕްގައި ހިމެނެނީ ފަލަސްތީނާއި އިންޑިއާގެ އިތުރުން އިރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.

ތަމްރީނު ކޭމްޕަށް ފަހު، ފަލަސްތީނުގެ ޓީމު އިންޑިއާ އަށް ދާނީ ރާއްޖޭގެ މަގުންނެވެ. މެޗުތައް ކުޅޭނީ އިންޑިއާގެ އަހްމަދު އާބާދުގަ އެވެ.

ކޮލިފައިންގައި އެއްވަނަ ހޯދާ ޓީމު، ކޮލިފައި ވާނީ އަންނަ އަހަރު މެއި މަހު ސައުދީ އަރަބިއާގައި ބާއްވާ މުބާރާތަށެވެ. މި އަހަރުގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ވެސް ބޭއްވީ ސައުދީގަ އެވެ.