Roadha Mihaaru
އިންޑޯ ކޯޓް ހުސްކުރަން އެދުމުން ހެލްތުން އަޅައެއް ނުލި

ގައުމީ ޓީމުތަކަށް އިންޑޯ ކޯޓް ހުސްކުރަން އެދުމުން ހެލްތުން އަޅައެއްނުލި

07 ސެޕްޓެމްބަރ 2021

އިންޓަނޭޝަނަލް މުބާރާތްތަކަށް ރާއްޖޭގެ ގައުމީ ޓީމުތަކުން ތައްޔާރުވާން ޖެހޭތީ، ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓް ހުސްކުރަން އެދުމުން ހެލްތު މިނިސްޓްރީން ޖަވާބު ނުދިން މައްސަލަ، ޔޫތު މިނިސްޓްރީން ފާހަގަކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އިންޓަނޭޝަނަލް މުބާރާތްތަކަށް ރާއްޖޭގެ ގައުމީ ޓީމުތަކުން ތައްޔާރުވާން ޖެހޭތީ، ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓް ހުސްކުރަން އެދުމުން ހެލްތު މިނިސްޓްރީން ޖަވާބު ނުދިން މައްސަލަ، ޔޫތު މިނިސްޓްރީން ފާހަގަކޮށްފި އެވެ.

ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް، ގައުމީ ޓީމުން މިހާރު ދަނީ އައުޓްޑޯ ކޯޓުގައި ޕްރެކްޓިސް ކުރަމުންނެވެ. ނަމަވެސް މުބާރާތް ކުޅެން ޖެހޭނީ ހާއްސަ ފްލޯރިންއަކާ އެކު ތައްޔާރުކޮށްފައިވާ އިންޑޯ ހޯލްގަ އެވެ. އެ ފެންވަރަށް ރާއްޖޭގައި ހުރި ހަމައެކަނި ތަން ބޭނުން ކުރުމުގެ ފުރުސަތު ނުލިބޭތީ އެސޯސިއޭޝަންތަކުން ވަނީ އެކަމުގެ ކަންބޮޑުވުން މިދިޔަ ހަފުތާގައި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ.

ހާއްސަ ފްލޯރިންއެއް އަޅައި އިންޑޯ ކުޅިވަރުތައް ކުޅެވެން ރާއްޖޭގައި ހުރި ހަމައެކަނި ތަނަކީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް އެވެ. ފެބްރުއަރީ މަހުން ފެށިގެން އެތަން ބޭނުން ކުރަމުން ދަނީ ކޮވިޑް-19 ގެ ވެކްސިން ސެންޓަރެއްގެ ގޮތުގަ އެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓަކީ ހަތަރު ކުޅިވަރަކުން މުބާރާތްތައް ބޭއްވުމަށް ބޭނުން ކުރާ ތަނެކެވެ. ވޮލީބޯޅަ، ބާސްކެޓްބޯޅަ، ނެޓްބޯޅަ އަދި ޓީޓީގެ މުބާރާތްތައް ބޭއްވުމަށް އިންޑޯ ކޯޓް ބޭނުންކުރެ އެވެ. ވޮލީ އާއި ބާސްކެޓް އަދި ނެޓްބޯޅައިގެ ގައުމީ ޓީމުގެ ޕްރެކްޓިސްތައް ވެސް ކުރިއަށް ގެންދަން ހުރި ހަމައެކަނި ތަނަކީ އެ އިންޑޯ ކޯޓު އެކަންޏެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ އެދުމުގެ މަތިން، އިންޑޯ ހުސްކޮށް ދިނުމަށް އެދި، ޔޫތު މިނިސްޓްރީން ފޮނުވި ސިޓީއަށް ހެލްތުން ޖަވާބު ދީފައި ނުވާކަން ޔޫތު މިނިސްޓްރީން ވަނީ އެސޯސިއޭޝަންތަކަށް އަންގައިފަ އެވެ.

ޔޫތު މިނިސްޓްރީން އެސޯސިއޭޝަންތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކެއް ކުރިމަތީގައި ވަނިކޮށް އެ މުބާރާތްތަކަށް ތައްޔާރު ވުމަށާއި ލޯކަލް މުބާރާތްތައް ބޭއްވުމަށް އިންޑޯ ހޯލް ހުސްކޮށް ދިނުމަށް ހެލްތު މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.

އިންޑޯ ހޯލް ފިޔަވައި ބާސްކެޓްބޯޅަ، ވޮލީބޯޅަ އަދި ނެޓްބޯޅަ ކުޅުމަށް އެހެން ފެސިލިޓީއެއް ނެތްކަން ޔޫތު މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ގައުމީ ބާސްކެޓް ޓީމު ޕްރެކްޓިހުގައި

ގައުމީ ބާސްކެޓް ޓީމު ޕްރެކްޓިހުގައި

"ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް މިހާރު ތާވަލުކޮށްފައި ވުމުން އެ މުބާރާތްތަކަށް ދިއުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށާއި އެސޯސިއޭޝަންތަކުގެ މުބާރާތްތައް ބޭއްވުމަށް އިންޑޯ ހޯލް ހުސްކޮށް ދެއްވުމަށް އެދި މިނިސްޓްރީ އޮފް ހެލްތުގައި ވާނީ ދަންނަވައިފަ އެވެ.،" އެސޯސިއޭޝަންތަކަށް ޔޫތު މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

"ނަމަވެސް އެ ފަރާތުން (ހެލްތު މިނިސްޓްރީން) މިހާތަނަށް މި މިނިސްޓްރީން ފޮނުވާފައިވާ ސިޓީ އަށް ޖަވާބު ދީފައެއް ނުވެ އެވެ."

އިންޑޯ ކޯޓުގައި ކުޅޭ މުބާރާތަކަށް އައުޓްޑޯ ކޯޓުގައި ޕްރެކްޓިސް ކުރުމުން ޓެކްނިކަލީ ތަފާތުތަކެއް ހުންނާނެ އެވެ. ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ އިތުރުން ގައުމީ އަންހެން ވޮލީ ޓީމަށް ވެސް ސަރަހައްދީ މުބާރާތް ކުރިމަތީގައި އެބައޮތެވެ.

އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތް ރާއްޖޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ސެންޓްރަލް ޒޯން މުބާރާތުގައި އެންމެ ފަހުން ރިހި މެޑަލް ހޯދި އަންހެން ޓީމަށް، މި ފަހަރުގެ މުބާރާތަށް ޕްރެކްޓިސްތައް ފެށޭނެ ގޮތެއް ނެތެވެ.