Roadha Mihaaru

ވަސީލަތެއް ނެތް ކަމަށް ބުނެ އީރާން ކޯޗު ރާއްޖެ ދޫކޮށް ފުރައިފި

ރާއްޖޭގައި އޭނާ ވަރަށް މަސައްކަތް ކުރާ ހިތްވާ ކަމަށާއި ނަމަވެސް ރާއްޖޭގައި އެކަށީގެންވާ ވަސީލަތެއް ނެތް ކަމަށް މިއަދު ރާއްޖޭން ފުރި ވޮލީބޯޅަ ކޯޗު އަލީ ޕޫރު އަރޫޖީ ބުނެފި އެވެ.

ވަސީލަތެއް ނެތް ކަމަށް ބުނެ އީރާން ކޯޗު ފުރައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

13 މެއި 2025

ރާއްޖޭގައި އޭނާ ވަރަށް މަސައްކަތް ކުރާ ހިތްވާ ކަމަށާއި ނަމަވެސް ރާއްޖޭގައި އެކަށީގެންވާ ވަސީލަތެއް ނެތް ކަމަށް މިއަދު ރާއްޖޭން ފުރި ވޮލީބޯޅަ ކޯޗު އަލީ ޕޫރު އަރޫޖީ ބުނެފި އެވެ.

އެފްއައިވީބީގެ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ އެހީގައި އެ އިދާރާއިން މުސާރާ ދޭގޮތަށް އީރާންގެ ތަޖުރިބާކާރު އަރޫޖީ ރާއްޖޭގައި މަސައްކަތް ފެށީ އަށް މަސް ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ.

އެކަމަކު ރާއްޖޭގެ 23 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ދެ މަސް ހޭދަކުރުމަށް ފަހު އޭނާ ވަނީ މަގާމު ދޫކޮށްލައިފަ އެވެ.

ރާއްޖޭން ފުރުމުގެ ކުރިން "މިހާރު" އާ ވާހަކަ ދައްކަމުން ތަޖުރިބާކާރު ބުނީ އޭނާ ރާއްޖެ އައީ ޒަމާނީ ވޮލީބޯޅައެއް ކުޅޭ ގައުމީ ޓީމެއް ރާއްޖޭގައި ބިނާ ކުރަން ކަމަށެވެ. އެކަމަކު އެކަމަށް އެކަށީގެންވާ ވަސީލަތެއް ރާއްޖޭގައި ނެތް ކަމަށެވެ.

"ރާއްޖޭގައި އަހަރެން ވަރަށް މަސައްކަތް ކުރާ ހިތްވޭ. އެކަމަކު އަހަރެން މިތަނުގައި ކިތަންމެ މަސައްކަތް ކުރަން ބޭނުން ވިޔަސް އެކަށީގެންވާ ވަސީލަތެއް ނެތް،" ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ވެސް ކުރިން އަދާކުރި އަރޫޖީ ބުންޏެވެ.

ރާއްޖޭގައި ވޮލީ އަށް ވެސް ވަކި ހާއްސަ އިންޑޯއެއް ނެތެވެ. ވޮލީން ވެސް ބޭނުން ކުރަނީ ހަތަރު ކުޅިވަރަކުން ވެސް ހިއްސާ ކުރާ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލެވެ.

އަރުޖީ ބުނީ އޭނާ ރާއްޖެ އައިސް މަސައްކަތް ފެށި ފުރަތަމަ ދުވަސްކޮޅު އެ ހޯލްގައި ޕްރެކްޓިސް ކުރެވުނު ކަމަށެވެ. އެ ހޯލްގެ ފެންވަރާ މެދު އޭނާ ހިތްހަމަޖެހެ އެވެ.

އެކަނަކު ފަހުން ތަމްރީނުތައް ހަދަން ޖެހުނީ އައުޓްޑޯގައި ކަމަށް އޭނާ ބުންޏެވެ. އީރާންގެ ގައުމީ ޓީމަށް ވެސް ކުރިން ކޯޗު ކޮށްދީ ކާމިޔާބު ހޯދައިދިން އަރޫޖީ ބުނީ ޒަމާނީ ވޮލީއެއް ކުޅޭނަމަ އިންޑޯގައި ދާއިމީކޮށް ޕްރެކްޓިސް ކުރަން ޖެހޭ ކަމަށެވެ.

"އަހަރެންގެ ކޯޗިން އެޑިއުކޭޝަންގައި އަހަރެން ހާއްސަވީ ވެސް ޒަމާނީ ވޮލީގެ ގޭމް ކުޅުވަން. އެކަމަކު އައުޓްޑޯގައި ޕްރެކްޓިސްކޮށްގެން އެ ގޭމް ނުކުޅެވޭނެ. ގޭމްގެ ފެންވަރު މައްޗަކަށް ނުޖެއްސޭނެ،" ފިޒިކަލް އެޑިއުކޭޝަން ދާއިރާއިން ޕީއެޗްޑީ ވެސް ހާސިލުކޮށްފައިވާ އަރޫޖީ ބުންޏެވެ.

"މިހާރު ހުރި [ސޯޝަލް ސެންޓަރުގެ] އިންޑޯ ވަރަށް ރަނގަޅު. އެކަމަކު ދާއިމީކޮށް އެތަން ބޭނުން ކުރެވޭކަށް ނޯވޭ. އަހަންނަށް އެނގިފައި އޮތީ އިތުރު ކުޅިވަރުތަކުން ވެސް ބޭނުން ކުރަނީ އެތަނޭ."

އީރާންގެ ޔުނިވަސިޓީ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ވެސް ކުރިން އަދާކުރި އަރޫޖީ ބުނީ މުބާރާތް ކުޅޭނެ ވަކި އިންޑޯއެއް ނެތް ނަމަވެސް ޕްރެކްޓިސް ކުރަން ހޯލެއްގެ ގޮތުގައި ހެދިފައި ހުރި އިންޑޯއެއް ވެސް ރާއްޖޭގެ ވޮލީބޯޅަ އަށް މުހިންމު ކަމަށެވެ.

"ސަޕޯޓަރުންނަށް ވަދެވޭނެ ގޮތަށް ވޮލީ އަށް ވަކި އިންޑޯއެއް ނެތަސް އަހަންނަށް އެންމެ ރަނގަޅު. އެކަމަކު ދާއިމީކޮށް ޕްރެކްޓިސްކޮށްލަން ހަމައެކަނި ހޯލެއް ގޮތަށް އިންޑޯއެއް ހަދާފައި އެ މެޓް އަޅާފައޮތް ތަނެއް ލިބުނަސް އަހަންނަށް ފުދޭ. ބޭނުންވަނީ ދާއިމީކޮށް އިންޑޯގައި ވޮލީ ޕްރެކްޓިސް ކުރެވޭނެ ތަނެއް،" އޭނާ ބުންޏެވެ.

"ބީޗް ވޮލީގައި އައުޓްޑޯގައި ޕްރެކްޓިސް ކުރަންވީ. ބީޗް ވޮލީން ރާއްޖެއަށް ވަރަށް ބޮޑު ފުރުސަތެއް އެބައޮތް. އެކަމަކު އިންޑޯ ވޮލީ ކުރިއަރުވަންޏާ އެންމެ ކުޑަމިނުން ޕްރެކްޓިސްކޮށްލާނެ ދާއިމީ ހޯލެއް ބޭނުންވާނެ."

އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައި ވެސް ވޮލީގެ ހުނަރު އެބައޮތް ކަމަށް ޔޫތު ޑިވެލޮޕްމެންޓްގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރި ކޯޗު ބުންޏެވެ.

"އަހަރެން އުއްމީދު ކުރަން ޕްރެކްޓިސްކޮށްލެވޭނެ ގޮތަށް އެކަނި ނަމަވެސް ދާއިމީ އިންޑޯއެއް ރާއްޖޭގެ ވޮލީއަށް ލިބޭނެކަމަށް. އެހެންނޫނީ ރާއްޖޭގެ ވޮލީގެ ފެންވަރު މައްޗަކަށް ނުޖެއްސޭނެ."