Roadha Mihaaru

ވެމްކޯ އިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ގައުމީ ތަށި އުފުލާލައިފި

ފަސް ސެޓަށް ކުޅުނު ފައިނަލުގައި ޕޮލިސް ކްލަބް ބަލިކޮށް 3-2 އިން ބަލިކޮށް ވެމްކޯ އިން ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ވެމްކޯ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ތަށި ނަގައިފި

ފަސް ސެޓަށް ކުޅުނު ފައިނަލުގައި ޕޮލިސް ކްލަބް ބަލިކޮށް 3-2 އިން ބަލިކޮށް ވެމްކޯ އިން ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ސެޓް 25-23 އިން ގެންދިޔައީ ޕޮލިހެވެ. ވެމްކޯ އިން ދެވަނަ ސެޓު 25-22 އިން ގެންދިޔަ އިރު، ތިންވަނަ ސެޓުގައި 25-23 އިން ކުރި ހޯދައި ޕޮލިސް އަލުން ލީޑު ނެގި އެވެ.

ނަމަވެސް ވެމްކޯ ވަނީ ހަތަރު ވަނަ ސެޓު 25-18 އިން ގެންގޮސް އަލުން އެއްވަރު ކޮށް، ފަސް ވަނަ ސެޓުގައި 15-8 އިން ކުރި ހޯދައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ނޮކްޔޫން ޕައޮވާނާ އެވެ.

މިއީ ވެމްކޯ ޖެހިޖެހިގެން ގައުމީ ތަށި ހޯދި ހަތަރު ވަނަ ފަހަރެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި 2022 ވަނަ އަހަރުގެ ގައުމީ ތަށީ ވެމްކޯ ހޯދީ ފައިނަލްގައި ކްލަބް ވޮލީބޯލް ބަލިކޮށްފަ އެވެ. އެއަށް ފަހު 2023 އަދި 2024 ގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ.

ވެމްކޯ ވަނީ އޭގެ ކުރިން 2019 ވަނަ އަހަރުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. އެ ފަހަރު ވެމްކޯ ބަލިކޮށް ޕޮލިސް ކްލަބް ވަނީ ގައުމީ ތަށީ ދިފާއު ކޮށްފަ އެވެ. އޭގެ ކުރިން 2018 ވަނަ އަހަރު ޕޮލިހުން ތަށި ހޯދީ ފޮނަދޫ މެދު އަވަށް ބަލިކޮށްގެންނެވެ. ނަމަވެސް 2016 އަދި 2017 ގެ ފައިނަލްގައި ޕޮލިސް ވަނީ ފުވައްމުލަކު މިސްކިތްމަގު ޓީމު އަތުން ބަލިވެފަ އެވެ.

ވެމްކޯ ފައިނަލަށް ދިޔައީ މުބާރާތުގައި ލީގު ބުރުގެ ތިން މެޗު ވެސް ކާމިޔާބު ކޮށްގެން އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ޕޮލިސް ކްލަބް ވަނީ އާދިއްތަ ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގައި 25-20، 16-25، 16-25، 25-11 އަދި 15-13 އިން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށްފަ އެވެ. މިއާ އެކު ހުރާ އަށް ވަނީ ގައުމީ މުބާރާތުގެ ތިން ވަނަ ލިބިފަ އެވެ.

ގައުމީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވިފައި ވަނީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރު އަދި އައިޝަތު މާޖިދާގެ އިތުރުން، ޕޮލިސް ކްލަބްގެ އާމިނަތު އަރީޝާ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހުރާގެ އައިޝަތު ނަސްމާ އަހުމަދު ހޮވުނު އިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ.

މުބާރާތުގެ އެންމެ މޮޅު ބިދޭސީ ތިން ކުޅުންތެރިންނަށް ހޮވުނީ ވެމްކޯގެ ޕަޓިއްޔާ އާއި ޕޮލިހުގެ ގްރަޒިއޭލޭ އަދި ހުރާގެ ވެރޯނިކާ އެވެ.