Roadha Mihaaru

ސިފައިން ނުހުއްޓުވުނު، ގައުމީ މުބާރާތް މިލްކުކޮށްފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ކްލަބް އެޗްޑީސީ ސީދާ ތިން ސެޓުން ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ތަށި އުފުލާލައިފަ އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު ފައިނަލްގައި ސިފައިން ސެޓްތައް ގެންދިޔައީ 25-21، 25-14 އަދި 26-24 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ގައުމީ މުބާރާތަށް ސިފައިންގެ ކްލަބާ ގުޅުނު އިންޑިއާ ކުޅުންތެރިޔާ ޗިރާގް އެވެ.

ސިފައިން ގައުމީ މުބާރާތުގެ ތަށި މިލްކު ކޮށްފައި މިވަނީ ތިން ފަހަރު ވެސް ފައިނަލްގައި އެޗްޑީސީ ބަލިކޮށްފަ އެވެ. އެޗްޑީސީ 2023 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރީ ކްލަބް އާބަންކޯގެ ނަމުގަ އެވެ.

ސިފައިން މިވަނީ ޖެހިޖެހިގެން ތިން ގައުމީ ފައިނަލްގައި އެޗްޑީސީ ބަލިކޮށްފަ.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ސިފައިން މިވަނީ ޖެހިޖެހިގެން ތިން ގައުމީ ފައިނަލްގައި އެޗްޑީސީ ބަލިކޮށްފަ.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މިއީ ސިފައިން ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ވާދަކުރި 10 ވަނަ ފަހަރެވެ. މި 10 ފައިނަލްގެ ތެރެއިން އެ ޓީމު ވަނީ ފަސް ފައިނަލް ކާމިޔާބު ކޮށްފަ އެވެ. އެޗްޑީސީ ބަލިކޮށްގެން ތަށި މިލްކު ކުރުމުގެ ކުރިން 2020 ވަނަ އަހަރުގެ ފައިނަލްގައި ޕޮލިސް ކްލަބް ބަލި ކުރި އިރު، 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ މޯލްޑިވިއަން ބަލިކޮށްގެންނެވެ.

ގައުމީ މުބާރާތުގެ އިތުރުން ސިފައިން ވަނީ މި އަހަރުގެ ވީއޭއެމް އެސޯސިއޭޝަން ކަޕާއި ގައުމީ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ގައުމީ ލީގުގައި އެޗްޑީސީއާ ވާދަކުރި މެޗުން ބަލިވި ނަމަވެސް، އޭގެ ކުރިން އެސޯސިއޭޝަން ކަޕް ކާމިޔާބު ކޮށްފައި ވަނީ ފައިނަލްގައި އެޗްޑީސީ ބަލިކޮށްގެންނެވެ.

ގައުމީ މުބާރާތުގެ މޮޅު ކުޅުންތެރިންނާއި ކޯޗު.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ގައުމީ މުބާރާތުގެ މޮޅު ކުޅުންތެރިންނާއި ކޯޗު.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ގައުމީ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ސިފައިންގެ ކްލަބްގެ ހުސެއިން ރަޒާން އާއި ހުސެއިން ޝާހިދު އަދި އެޗްޑީސީގެ އިސްމާއިލް ސާޖިދެވެ. އެންމެ މޮޅު ކޯޗަކީ ސިފައިންގެ ކްލަބްގެ ކޯޗު ޖުނެއިދު އަބްދުﷲ އެވެ.

އެންމެ މޮޅު ބިދޭސީ ކުޅުންތެރިންނަށް ހޮވުނީ ސިފައިންގެ ކްލަބްގެ ޗިރާގް އާއި ލުއިޒްގެ އިތުރުން އެޗްޑީސީގެ ޖިރާލްޑޯ އެވެ.