Roadha Mihaaru
ސިފައިން ފައިނަލަށް، ފަހު ސެމީގައި ސިޓީ އާއި އާބަންކޯ

ސިފައިން ގައުމީ މުބާރާތުގެ ފައިނަލަށް، ފަހު ޖާގައަށް ވާދަކުރަނީ ސިޓީ އާއި އާބަންކޯ

08 ޖެނުއަރީ 2024

ސިޓީ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-2 ސެޓުން މޮޅުވެގެން ދިވެހި ސިފައިންގެ ކްލަބް، ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސިޓީ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-2 ސެޓުން މޮޅުވެގެން ދިވެހި ސިފައިންގެ ކްލަބް، ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިއަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަން ސިފައިން ވަނީ، އެންމެ ފަހުން ގައުމީ މުބާރާތް ބޭއްވި ދެ ފަހަރު ވެސް ފައިނަލްގައި ކުޅެފަ އެވެ. އެންމެ ފަހުން 2022 ވަނަ އަހަރުގެ ފައިނަލްގައި ސްޕޯޓްސް ކްލަބް ސިޓީ އަތުން ބަލިވި ނަމަވެސް އޭގެ ކުރިން 2020 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވަނީ ޕޮލިސް ކްލަބް ބަލިކޮށް ތަށި އުފުލާލައިފަ އެވެ.

މިއަހަރުގެ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ސިޓީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ސިފައިން ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ހުރިޙާ ސެޓެއް ވެސް ފޯރި ގަދަ އެވެ. ސިފައިން ފުރަތަމަ ސެޓް ގެންދިޔައީ 26-24 އިންނެވެ. ސިޓީ ސްޕޯޓްސް ވަނީ ޖެހިގެން އައި ދެ ސެޓްގައި 25-21 އަދި 28-26 އިން ގެންގޮސް މެޗުގައި ލީޑު ނަގައިފަ އެވެ. ނަމަވެސް ހަތަރުވަނަ ސެޓުގައި 25-19 އިން ސިފައިން ކުރި ހޯދުމުން ޖެހުނީ ފަސްވަނަ ސެޓެއް ކުޅޭށެވެ.

ފަސްވަނަ ސެޓުގައި ސިފައިން ކުރި ހޯދީ 20-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ މުބައްޝަރު ރަޒާ އެވެ.

ސިޓީ ސްޕޯޓްސް ކްލަބް ރޭގެ މެޗުން ބަލިވި ނަމަވެސް، ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އެއްކޮށް ނުގެއްލެ އެވެ. އެޓީމު ދެން ވާދަކުރަން ޖެހޭނީ އިއްޔެ ހަވީރު ސީދާ ތިން ސެޓުން ކްލަބް ވެމްކޯ ބަލިކުރި ކްލަބް އާބަންކޯ އާ ދެކޮޅަށެވެ.

އާބަންކޯގެ ކަވިޝްކާ، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ސެޓްފިކެޓާ ހަވާލުވަނީ.-- ފޮޓޯ: ވީއޭއެމް

އާބަންކޯގެ ކަވިޝްކާ، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ސެޓްފިކެޓާ ހަވާލުވަނީ.-- ފޮޓޯ: ވީއޭއެމް

އާބަންކޯ އިން މެޗުގެ ސެޓްތައް ގެންދިޔައީ 25-21، 25-15 އަދި 25-23 އިންނެވެ. ެޗުގެ މޮޅު ކުޅުންތެރިއަކީ އާބަންކޯގެ ބިދޭސީ ކުޅުންތެރިޔާ ކަވިޝްކާ މަދުޝަންކަ އެވެ.

އާބަންކޯ އާއި ސިޓީ ސްޕޯޓްސް ކްލަބަކީ ވެސް މިއަހަރު އަލަށް ވޮލީބޯޅަ ފިރިހެން ޑިވިޝަނުގައި ވާދަކުރަން ފެށި ދެ ޓީމެވެ. މި ދެޓީމު ބައްދަލުކުރާ ތިންވަނަ ސެމީފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 8:15 ގަ އެވެ.

އަންހެން ޑިވިޝަންގެ ގައުމީ މުބާރާތުގެ ތިންވަނަ ސެމީގެ މެޗު ވެސް މިއަދު ކުޅޭނެ އެވެ. ހަވީރު 4:15 ގައި ކުޅޭ އެ މެޗުގައި ބައްދަލު ކުރާނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާއި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯ އެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެ ރެއެވެ. އަދި އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރެއެވެ.