Roadha Mihaaru
ދުވަސްތަކަކަށް ފަހު ގައުމީ ޗެމްޕިއަންކަން ސިފައިންނަށް

ދުވަސްތަކަކަށް ފަހު ގައުމީ ޗެމްޕިއަންކަން ސިފައިންނަށް

11 ޖެނުއަރީ 2024

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ކްލަބް އާބަންކޯއާ ވާދަކޮށް 3-1 ސެޓުން މޮޅުވެގެން ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ކްލަބް އާބަންކޯއާ ވާދަކޮށް 3-1 ސެޓުން މޮޅުވެގެން ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ސިފައިން ސެޓްތައް ގެންދިޔައީ 25-22, 23-25, 26-24 އަދި 25-20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް) އެވެ.

މެޗުގެ ފުރަތަމަ ސެޓު ސިފައިން ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓުގައި ކުރި ހޯދީ އާބަންކޯ އެވެ. ތިންވަނަ ސެޓުގެ ކުރީކޮޅު އާބަންކޯ ލީޑު ނެގި ނަމަވެސް ސިފައިން ވަނީ ކުޅުން ރަނގަޅުކޮށް ސެޓް ކާމިޔާބުކޮށްފަ އެވެ. ހަތަރުވަނަ ސެޓުގައި އާބަންކޯ އަށް ގެއްލުނީ ގިނަ ގޯސްތަކެއް ހެދިގެންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ކުލަބްގެ މުބައްޝަރް ރަޒާ އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ކުލަބްގެ ހުސެއިން ރަޒާން އެވެ.

ސިފައިން ގައުމީ ޗެމްޕިއަންކަން ހޯދާފައި މިވަނީ ހަތަރު އަހަރެއްހާ ދުވަސް ފަހުންނެވެ. އެންމެ ފަހުން ގައުމީ ޗެމްޕިއަންކަން ހޯދީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ކުޅުނު 2019 ވަނަ އަހަރުގެ މުބާރާތުގަ އެވެ.

ސިފައިން ވަނީ މި ސީޒަންގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެހެން ނަމަވެސް ފުރަތަމަ ބޭއްވި އެސޯސިއޭޝަން ކަޕް ކާމިޔާބު ކޮށްފައި ވަނީ ސިޓީ ސްޕޯޓްސް ކްލަބެވެ.