Roadha Mihaaru

ވެމްކޯ ފައިނަލަށް، ސެމީގައި ޕޮލިހާއި ހުރާ

ލީގު ބުރުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްގެން ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކްލަބް ވެމްކޯ ހޯދައިފި އެވެ.

ވެމްކޯ ފައިނަލަށް، ސެމީގައި ޕޮލިހާއި ހުރާ

ލީގު ބުރުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްގެން ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކްލަބް ވެމްކޯ ހޯދައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ ފައިނަލުން ޖާގަ ހޯދީ ރޭ ޕޮލިހާ ވާދަކޮށް ފަހަތުން އަރައި ފަސް ސެޓަށް ކުޅެގެންނެވެ. ޕޮލިހުން 25-20، 25-23 އިން ފުރަތަމަ ދެ ސެޓް ގެންގޮސްފައި ވަނިކޮށް ވެމްކޯ ވަނީ 25-15، 25-23 އަދި 15-10 އިން ފަހު ތިން ސެޓު ކާމިޔާބު ކޮށްފަ އެވެ.

މި ނަތީޖާއާ އެކު ވެމްކޯ އެއް ވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައި ވާއިރު، ފައިނަލުގައި ދެން ވާދަކުރާނީ، ދެ ވަނަ އަދި ތިން ވަނައިގައި ނިންޕި ޕޮލިހާއި ހުރާ ކޮމިއުނިޓީ ކްލަބް ބައްދަލުކޮށް މޮޅުވާ ޓީމެކެވެ.

އިއްޔެ ހުރާ ވަނީ ސީދާ ތިން ސެޓުން ފްލެކްސާ ބަލި ކޮށްފަ އެވެ. ހުރާ އާއި ވެމްކޯ ބައްދަލުކުރި މެޗުން ވެމްކޯ މޮޅުވީ 3-2 ސެޓުންނެވެ. އަދި ޕޮލިސް ކްލަބް، ފްލެކްސާއާ ވާދަކޮށް މޮޅުވީ 3-1 ސެޓުންނެވެ.

ޕޮލިހާއި ހުރާ އަދި ދެން ވާދަކުރި ފްލެކްސާ ސްޕޯޓްސް ކްލަބަށް ވެސް އެއް މެޗު ކާމިޔާބު ކުރެވުނު އިރު، ޕޮލިހާއި ހުރާ ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ފްލެކްސާ އަށް ލިބުނީ ތިން ޕޮއިންޓެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ހުރާ އަދި ޕޮލިސް ބައްދަލުކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާ ރެ އެވެ. އަދި ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހުގެރެ އެވެ.