Roadha Mihaaru
ރާއްޖޭ ސްޓައިލަށް މަލިކުގައި ވޯޓާ ވިލާ ހަދަން ބިޑަށް

ރާއްޖޭގައި ހުންނަ ގޮތަށް މަލިކުގައި ވޯޓާ ވިލާ ހަދައިދޭނެ ބަޔަކު ހޯދަނީ

02 އޯގަސްޓް 2021

މަލިކު ހިމެނޭ ގޮތަށް، އިންޑިއާގެ ލަކްޝަދީޕްގެ ތިން ރަށެއްގައި ރާއްޖޭގެ ސްޓައިލަށް ވޯޓާ ވިލާ ހަދައިދޭނެ ބަޔަކު ހޯދަން އިންޓަނޭޝަނަލް ބިޑަށް ހޮނިހިރު ދުވަހު ހުޅުވާލައިފި އެވެ.

މަލިކު ހިމެނޭ ގޮތަށް، އިންޑިއާގެ ލަކްޝަދީޕްގެ ތިން ރަށެއްގައި ރާއްޖޭގެ ސްޓައިލަށް ވޯޓާ ވިލާ ހަދައިދޭނެ ބަޔަކު ހޯދަން އިންޓަނޭޝަނަލް ބިޑަށް ހޮނިހިރު ދުވަހު ހުޅުވާލައިފި އެވެ.

ރާއްޖެއާ އެއްގޮތަށް ލަކްޝަދީޕްގައި ޓޫރިޒަމް ތަރައްގީކުރުމުގެ ޕްލޭނެއް ލަކްޝަދީޕް އެޑްމިނިސްޓްރޭޝަނުން ގެންގުޅެ އެވެ. ނަމަވެސް އެތަނުގެ އާންމުން ގެންދަނީ މިއީ އެތަނާ ގުޅޭ ގޮތެއް ނޫން ކަމަށް ބުނެ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ރާއްޖޭގެ އުތުރުން އެންމެ ކައިރީގައި އޮންނަ މަލިކުގެ އިތުރުން ވޯޓާ ވިލާ އަޅަން ނިންމާފައި ވަނީ ސުހޭލީ އާއި ކަދްމަތުގަ އެވެ. މި ތިން ރަށުގައި ވޯޓާ ވިލާ އަޅަން 800 ކްރޯޑް (10 މިލިއަން ޑޮލަރު) ހޭދަކުރަން ވަނީ ކަނޑައަޅައިފަ އެވެ.

މިއީ މަތީ ފެންވަރުގައި އިންޑިއާ އަދި ލަކްޝަދީޕްގައި މިގޮތަށް ވޯޓާ ވިލާ ހަދާ ފުރަތަމަ ފަހަރެވެ.

ލަކްޝަދީޕް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ވޯޓާ ވިލާތައް ހަދާނީ ފަރުތަކާއި މުޅި ތިމާވެއްޓަށް ގެއްލުން ނުވާނެހެން އަދި ރަށްތަކުގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތަށް ވެސް ނޭދެވޭ އަސަރެއް ނުކުރާގެ ގޮތްތައް ސައިންޓިފިކް ގޮތުން ބަލައި ދިރާސާކުރުމަށް ފަހުގައި ކަމަށެވެ.

"އިންޑިއާގައި ޕްރިމިއަމް ވޯޓާ ވިލާ ހަދަން ފުރަތަމަ ފަހަރަށް ހިންގާ މި މަޝްރޫއުގައި މަލިކުގައި 4.2 މިލިއަން ޑޮލަރު ހޭދަކޮށްގެން 150 ވޯޓާ ވިލާ، ސުހޭލީގައި 3.3 މިލިއަން ޑޮލަރަށް 110 ވޯޓާ ވިލާ އަދި ކަދްމަތުގައި ވެސް 110 ވޯޓާ ވިލާ އަޅަން 3.2 މިލިއަން ޑޮލަރު ހޭދަކުރާނެ. މި މަސައްކަތް ކުރާނީ އެކަމަށް އެންމެ އެކަށީގެންވާ ސަރަހައްދުތައް ބެލުމަށް ފަހު މާލީ ގޮތުން އެންމެ ފީޒިބްލް ގޮތަށް،" ބަޔާނުގައި ބުނެފައިވެ އެވެ.

ޓޫރިޒަމާއި މެރިޓައިމް ވިޔަފާރި ފުޅާކޮށް އިގްތިސާދު ހަރުދަނާ ކުރުމުގެ ގޮތުން މިފަދަ ޕްރޮޖެކްޓަތެއް ހިންގަން ނިންމައި ލަކްޝަދީޕް އެޑްމިނިސްޓްރޭޝަނުން އިއުލާނުކޮށްފައި ވިޔަސް މިކަމުގެ ފަހަތުގައި ވަނީ ލަކްޝަދީޕްގެ އާދަކާދަ އާއި ސަގާފަތް ނައްތާލުމުގެ ވިސްނުން ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން އެތަނުގައި ވަނީ އިންޑިއާ ސަރުކާރާއި ލަކްޝަދީޕްގެ ވެރިންނާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ވެސް ކޮށްފަ އެވެ.