Roadha Mihaaru
މަލިކުގައި ކަނޑުގެ ސިފައިންގެ މަރުކަޒު ހުޅުވުން މާދަމާ

މަލިކުގައި އިންޑިއާގެ ކަނޑުގެ ސިފައިންގެ ބޮޑު މަރުކަޒު ހުޅުވުން މާދަމާ

05 މާޗް 2024

އިންޑިއާގެ ލަކްޝަދީޕްގެ މިނިކޯއި (މަލިކު) ގައި ހިންގަމުން އައި ކަނޑުގެ ސިފައިންގެ ކުޑަ މަރުކަޒު ވަރުގަދަކޮށް، ވަކިން ހިންގާ މައި މަރުކަޒެއްގެ ގޮތުގައި މާދަމާ ބޭނުންކުރަން ފަށާނެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އިންޑިއާގެ ލަކްޝަދީޕްގެ މިނިކޯއި (މަލިކު) ގައި ހިންގަމުން އައި ކަނޑުގެ ސިފައިންގެ ކުޑަ މަރުކަޒު ވަރުގަދަކޮށް، ވަކިން ހިންގާ މައި މަރުކަޒެއްގެ ގޮތުގައި މާދަމާ ބޭނުންކުރަން ފަށާނެ އެވެ.

ލަކްޝަދީޕްގެ ކަރަވައްޓީގައި މިހާރު ވެސް ކަނޑުގެ ސިފައިންގެ މަރުކަޒެއް ހުރެ އެވެ. އެކަމަކު މަލިކުގައި މަރުކަޒު ހެދުމާ އެކު ދިވެހިރާއްޖެއާ 258 ކިލޯމީޓަރު (160 މޭލު) ކައިރިއަށް ކަނޑުގެ ސިފައިންގެ ވަސީލަތްތައް ޖެހިލާނެ އެވެ.

މަލިކަކީ އިންޑިއާގެ ރަށްތަކުގެ ތެރެއިން ރާއްޖެއާ އެންމެ ކައިރީގައި އޮންނަ ތަނެވެ. މަލިކާ ރާއްޖޭގެ އެންމެ އުތުރާ ދެމެދު ހުންނަނީ ގާތްގަނޑަކަށް 130 ކިލޯމީޓަރު (80 މޭލު) އެވެ.

"މަލިކަކީ ލަކްޝަދީޕްގެ އެންމެ ދެކުނު ކަމަށް ވާއިރު މިއީ ކަނޑުދަތުރުތަކުގެ މުހިންމު މަގަކާއި މުއާސަލާތާ ގުޅުން ހުރި މުހިންމު ތަނެއް،" އިންޑިއާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ އަލަށް ތަރައްގީކުރި މަރުކަޒުގެ ސަބަބުން، ކަނޑުފޭރުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރެވޭނެ ކަމަށެވެ. އަދި މިއީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމާއި ކަނޑުމަތީގެ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށްދޭނެ ތަނެއް ކަމަށް ވެސް ބުންޏެވެ.

މަލިކުގައި ކުރިން ހިންގަމުން އައީ 1980ގެ ކުރީކޮޅު ނޭވަލް އޮފިސަ-އިން-ޗާޖް (ލަކްޝަދީޕް) ގެ އޮޕަރޭޝަނަލް ކޮމާންޑުގެ ދަށުން މަސައްކަތް ފެށި މަރުކަޒެކެވެ. މާދަމާ ހުޅުވާ ތަނަކީ މިނިވަން ވަކި މަރުކަޒެއްގެ ގޮތުގައި، ޒަމާނީ އާލާތްތަކާ އެކު ހަދާފައިވާ ތަނެއް ކަމަށް ކަނޑުގެ ސިފައިން ބުންޏެވެ.

އިންޑިއާގެ މީޑިއާ އިން ކުރިން ބުނެފައިވާ ގޮތުގައި އާ މަރުކަޒު ހުޅުވަން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް އިންޑިއާގެ މަނަވަރެއްގައި އެ ސަރަހައްދަށް ދަތުރުކުރައްވާނެ އެވެ. މި ރަސްމިއްޔާތަށް އިންޑިއާގެ 15 މަނަަވަރު މަލިކަށް ދާނެ ކަމަށް ވެސް ނޫސްތަކުން ބުނެފައިވެ އެވެ. މި ފްލީޓްގައި ޑެސްޓްރޯޔާސް، ފްރިގޭޓްސް އަދި ސަބްމެރިން ވެސް ބައިވެރިވާނެ އެވެ. މިއީ އިންޑިއާގެ ކަނޑުގެ ސިފައިން މީގެ ކުރިން ބާރު ދައްކާލުމަށް މީގެ ކުރިން ދުވަހަކު ވެސް ނުބާއްވާ ވަރުގެ ބޮޑު ހަރަކާތަކަށް ވާނެ އެވެ.