Roadha Mihaaru
ހައްޔަރުކުރި ޒުވާނުން ދޫކޮށްލަން އަމުރުކޮށްފި

ލަކްޝަދީބުން ހައްޔަރުކުރި ޒުވާނުން ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި

02 ޖޫން 2021

މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީބުގައި އަމަލުކުރަން ފެށި ހަރުކަށި އާ ގަވާއިދުތަކާ ހެދި، މައި ސަރުކާރާ ދެކޮޅަށް ލަކްޝަދީބުގެ ރަށެއް ކަމަށްވާ ކިލްތަންގައި ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޒުވާނުން ވަގުތުން ދޫކޮށްލުމަށް ކެރެލާ ސްޓޭޓްގެ ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީބުގައި އަމަލުކުރަން ފެށި ހަރުކަށި އާ ގަވާއިދުތަކާ ހެދި، މައި ސަރުކާރާ ދެކޮޅަށް ލަކްޝަދީބުގެ ރަށެއް ކަމަށްވާ ކިލްތަންގައި ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޒުވާނުން ވަގުތުން ދޫކޮށްލުމަށް ކެރެލާ ސްޓޭޓްގެ ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މީގެ ފަސް ދުވަސް ކުރިން ކިލްތަންގައި ކުރި އެ މުޒާހަރާގެ ތެރެއިން 23 ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުން ހައްޔަރުކުރީ ލަކްޝަދީބްގެ ކަލެކްޓަރު، އެސް އަސްކަރު އަލީ ސިފަވާ ގޮތަށް ހަދައިފައި ހުރި ބުދެއް އަންދައިލުމުންނެވެ. މިއީ އިންޑިއާގެ މުޒާހަރާތަކުގައި ވަރަށް އާންމުކޮށް ކޮށް އުޅޭ ކަމެކެވެ.

ލަކްޝަދީބްގެ މައްސަލަތަކުގައި ގާނޫނީ ނިންމުންތައް ނިންމަނީ ކެރެލާގެ ހައި ކޯޓުންނެވެ.

އެ މީހުން ދޫކޮށްލަން އަމުރު ނެރެމުން ހައި ކޯޓުން ބުނީ، ފަސް ދުވަސް ވަންދެން އެ ޒުވާނުން ހައްޔަރުގައި ބޭތިއްބުމަކީ މިނިވަންކަމުގެ ހައްގަށް ހުރަސްއެޅުން ކަމަށެވެ. އަދި ހާދިސާ ހިނގި ގޮތުގެ ތަފުސީލީ ރިޕޯޓް ކޯޓަށް ހުށަހަޅަން ވެސް ކަލެކްޓަރަށް އެންގި އެވެ.

ކެރެލާ ސްޓޭޓްގެ ހައި ކޯޓް: ލަކްޝަދީބްގެ ގާނޫނީ މައްސަލަތަކުގެ ނިންމުންތައް ނިންމަނީ ކެރެލާގެ ހައި ކޯޓުން.

ކެރެލާ ސްޓޭޓްގެ ހައި ކޯޓް: ލަކްޝަދީބްގެ ގާނޫނީ މައްސަލަތަކުގެ ނިންމުންތައް ނިންމަނީ ކެރެލާގެ ހައި ކޯޓުން.

މި ޒުވާނުން މުޒާހަރާ ކުރީ ކިލްތަންގައި ޑްރަގު ބޭނުންކުރާ ޒުވާނުން ވަރަށް ގިނައިން އުޅޭ ކަމަށް ބުނެ ކަލެކްޓަރު ދެއްކި ވާހަކަތަކެއްގެ ސަބަބުން އެކަމާ ހިތްހަމަނުޖެހި، އެކަން ދޮގުކުރުމުގެ ގޮތުން ކަމަށް "ނިއު އިންޑިއަން އެކްސްޕްރެސް" ނޫހުގައި ވެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި 23 މީހުން ބަންދުކޮށްފައި ތިބީ އެ ރަށުގެ ޕޮލިސް ސްޓޭޝަނާ ކައިރީގައި ހުންނަ ކުޑަކުޑަ ކޮމިއުނިޓީ ހޯލެއްގަ އެވެ.

ކޮވިޑް-19ގެ ހާލަތު އެހާ ގޯސްވެފައި އޮތް ދަނޑިވަޅެއްގައި އެހާ ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ބެއިތިއްބުމުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާނެތީ އާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ވެސް އެ މީހުނަށް ދީފައެއް ނުވެ އެވެ.

ލަކްޝަދީބްގެ މަޝްރަހު ހޫނުވެފައި ވާތީ، އިންޑިއާގެ އިދިކޮޅު ކޯލިޝަންގެ ޚާއްސަ ވަދުފެއް އެ ރަށްތަކަށް ޒިޔާރަތްކުރަން އުޅުމުން، ލޮކްޑައުންގެ މުއްދަތު އިތުރުކޮށް އެކަން މަޑުޖައްސައިލަން ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް އެއީ އެ ވަފުދަށް ހުރަސް އެޅުމުގެ ގޮތުން ކުރި ކަމެއް ނޫން ކަމަށާއި ކޮވިޑްގެ ހާލަތު ގޯސްވުމުން މި ވަގުތަށް އެންމެ ރަނގަޅު ވާނީ އެ ދަތުރު ފަސްކުރުން ކަމަށް ލަކްޝަދީބްގެ އެޑްމިނިސްޓްރޭޝަނުން ބުނެފައިވެ އެވެ.

މި ރަށްތަކުގެ ކަންކަން ބަލަހައްޓަން އިންޑިއާ ސަރުކާރުން މިހާރު ހަމަޖައްސައިފައި ހުންނަ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ޕަޓޭލް ވަނީ ކުރިން މަލިކު އަތޮޅުގައި އެންމެ ރަށެއްގައި ރާ ހުއްދަކޮށްފައި އޮތް އޮތުން ބަދަލުކޮށް އިތުރު ރަށްތަކަށް އެ ހުއްދަ ދީފަ އެވެ. އަދި ގެރި ކަތިލުމާއި ގެރި މަސް ކެއުން މަނާކުރުމުގެ އިތުރުން ދެ ދަރިންނަށް ވުރެ ގިނައިން ތިބޭ މީހުންނަށް ކައުންސިލަށް ވާދަނުކުރެވޭ ގޮތް ހެދުމާއި އަދި ތަރައްގީގެ ބޭނުމަށް ކަމަށް ބުނެ ކޮންމެ ބިމެއް ވެސް ސަރުކާރަށް ނެގުމުގެ ބާރު ވެސް ހޯދައިފަ އެވެ.

މި އާ ގަވާއިދުތަކާ ރައްޔިތުން ދަނީ ދެކޮޅު ހަދަމުންނެވެ.