Roadha Mihaaru
ސިނޮފާމް ޖެހުމުން ޑެލްޓާ ކޮވިޑް ވައިރަސް ބަލިކޮށްލާ

ސިނޮފާމް ޖެހުމުން ޑެލްޓާ ކޮވިޑް ވައިރަސް ބަލިކޮށްލާ

22 ޖުލައި 2021

ޗައިނާގައި އުފައްދާ ސިނޮފާމް ވެކްސިނަކީ، ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ޑެލްޓާ ބާވަތުގެ ވައިރަހުން ރައްކާތެރިވުމުގައި ވަރަށް ފުރިހަމަ އަށް މަސައްކަތްކުރާ ވެކްސިނެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ޗައިނާގައި އުފައްދާ ސިނޮފާމް ވެކްސިނަކީ، ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ޑެލްޓާ ބާވަތުގެ ވައިރަހުން ރައްކާތެރިވުމުގައި ވަރަށް ފުރިހަމަ އަށް މަސައްކަތްކުރާ ވެކްސިނެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ސްރީ ލަންކާގެ ސްރީ ޖަޔަވަރުދަނަޕޫރާ ޔުނިވަސިޓީން ކުރި ދިރާސާ އިން އެނގުނު ގޮތުގައި، ސިނޮފާމް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާތާ ދެ ހަފުތާގެ ތެރޭގައި، ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ ދިފާއު، ހަށިގަނޑުގައި އުފައްދައިދެ އެވެ. މި ދިރާސާގައި ބައިވެރި ކުރި 282 މީހުންނަށް ސިނޮފާމް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހިތާ ދެ ހަފުތާގެ ތެރޭގައި، އޭގެ ތެރެއިން 95 ޕަސެންޓް މީހުންގެ ހަށިގަނޑުގައި، ކޮވިޑް-19 ޖައްސާ ވައިރަހުގެ ޑެލްޓާ ބާވަތުގެ ވައިރަހުގެ ބާރު މުޅިން ކަނޑުވައިލާ އެންޓިބޮޑީ އުފެދިފައިވެ އެވެ.

އޭގެ އިތުރުން 81 ޕަސެންޓް މީހުންގެ ހަށިގަނޑުގައި، ކޮވިޑް-19ގެ ޑެލްޓާ ބާވަތުގެ ވައިރަސް ބަލިކޮށްލެވޭ ވަރުގެ އެންޓިބޮޑީ އުފައްދައިދެ އެވެ. އެހެން ނަމަވެސް، އުމުރުން 20-39 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ ހަށިގަނޑުގައި، ކޮވިޑް ވައިރަހާ ދެކޮޅަށް އެންޓިބޮޑީ މަސައްކަތް ކުރާ މިންވަރަށް ވުރެ، 60 އަހަރުން މަތީ މީހުންގެ ހަށިގަނޑުގައި، ކޮވިޑް ވައިރަހާ ދެކޮޅަށް އެންޓިބޮޑީ މަސައްކަތްކުރާ މިންވަރު ދަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ކުއްލި ހާލަތުގައި ސިނޮފާމް ވެކްސިން ބޭނުންކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހުއްދަ ދިނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

މި އަހަރުގެ ކުރީކޮޅު އަބޫދާބީގައި ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ސިނޮފާމް ވެކްސިން ޖެހުމުން، ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ ނިސްބަތް ހުރީ 90 ޕަސެންޓަށް ވުރެ މަތީގަ އެވެ. އަދި ކޮވިޑް ވައިރަސް ހަށިގަނޑަށް އެރުމުން ބަލި ހާލަތު ބޮޑުވެ ހޮސްޕިޓަލުގައި އެނދުމަތިކުރަންޖެހޭ ނިސްބަތް ވެސް، ސިނޮފާމް ވެކްސިން ޖެހުމުން ދަށްކޮށްދެ އެވެ.

މީގެ އިތުރުން އަބޫ ދާބީ ޕަބްލިކް ހެލްތު ސެންޓަރުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި، ސިނޮފާމް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންނަށް، ކޮވިޑް-19 ބަލި ޖެހޭ ނިސްބަތް އެ ގައުމުގައި ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފަ އެވެ.

މި ފަހަކުން ކޮށްފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ކޮވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ބައެއް ވެކްސިންތަކުން (ފައިޒާ، މޮޑާނާ)، ޑެލްޓާ ބާވަތުގެ ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ކުޑަ އެވެ.

އިޒްރޭލުގެ ހީބްރޫ ޔުނިވަސިޓީން މިދިޔަ އަންގާރަ ދުވަހު ބުނި ގޮތުގައި، އަލަށް ކޮވިޑް-19 ޖެހުނު، 50 އަހަރުން މަތީ މީހުންގެ 90 ޕަސެންޓް މީހުންނަކީ ފައިޒާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހާ ދެކޮޅަށް ފައިޒާ ވެކްސިން މަސައްކަތްކުރާ ނިސްބަތަކީ 64 ޕަސެންޓެވެ.

ޑިސެމްބަރު 2019 ގައި ޗައިނާ އިން ފެނުނު ކޮވިޑް-19 މުޅި ދުނިޔެ އަށް ވަބާއެއްގެ ގޮތުގައި މިހާރު ފެތުރިފައިވާ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 192 މިލިއަނަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މިބަލި ޖެހިފައިވެ އެވެ. އޭގެ ތެރެއިން 4.1 މިލިއަނަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެއްޖެ އެވެ.