Roadha Mihaaru
ބޭރުގެ ޓޫރިސްޓުންނަށް ޗައިނާ ހުޅުވައިލަނީ

ބޭރުގެ ޓޫރިސްޓުންނަށް ޗައިނާ ހުޅުވައިލަނީ

14 މާޗް 2023

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، މީގެ ތިން އަހަރު ކުރިން ބަންދުކުރި އެ ގައުމުގެ ބޯޑަރުތައް އަލުން ހުޅުވާލައި، މާދަމާ އިން ފެށިގެން ބޭރުގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް އެ ގައުމުން ނިންމައިފި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، މީގެ ތިން އަހަރު ކުރިން ބަންދުކުރި އެ ގައުމުގެ ބޯޑަރުތައް އަލުން ހުޅުވާލައި، މާދަމާ އިން ފެށިގެން ބޭރުގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް އެ ގައުމުން ނިންމައިފި އެވެ.

ކޮވިޑް ފަތުރާ ވައިރަސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ނިންމައި، ބޭރުން ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާގައި މާދަމާ އިން ފެށިގެން ޗައިނާ އަށް އެތެރެވެވޭނެ ކަމަށް، ޗައިނާ ސަރުކާރުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. ބޯޑަރުތައް ބަންދުކޮށް ބޭރުގެ ޓޫރިސްޓުން ޗައިނާ އަށް އެތެރެވުން ހުއްޓައިލީ، މާޗް 28، 2020ގަ އެވެ.

ޗައިނާ އިން އެޅި މި ފިޔަވަޅާ އެކު، ކަނޑުމަގުން ޗައިނާ އަށް އަންނަ ފަތުރުވެރިންނަށް ހައިނާން ޖަޒީރާއަށާއި ޝަންހާއީ އަށް ވެސް ހިލޭ ވިސާގައި އެތެރެ ވެވޭނެ ކަމަށް އެ ގައުމުން ބުންޏެވެ. އޭގެ އިތުރުން މަކާއު އާއި ހޮންކޮންގް އަށް ވެސް ހިލޭ ވިސާގައި އެތެރެވޭނެ އެވެ.

ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިންނަށް އެ ގައުމު މި ހުޅުވައިލީ، ކޮވިޑް ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި މުޅި ގައުމު ބަންދުކޮށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެ، އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިފައި ވަނިކޮށެވެ. އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތަކާ ގުޅިގެން، ބޮޑެތި ބައެއް ސަރަހައްދުތަކުގައި އާންމުން ވަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ވެސް ބާއްވައިފަ އެވެ.

ކޮވިޑް ފެތުރެން ފެށުމުގެ ކުރިން ޗައިނާ އަށް ކޮންމެ އަހަރަކު އެތައް މިލިއަން ފަތުރުވެރިންނެއް ޒިޔާރަތް ކުރެ އެވެ. އަދި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، އެގައުމުގެ އިގްތިސާދީ ސިނާއަތްތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފަތުރުވެރިކަމަށެވެ.

ކޮވިޑާ ދެކޮޅަށް އަޅާފައި ހުރި ހަރުކަށި ބައެއް ފިޔަވަޅުތައް މިދިޔަ އަހަރު އުވައިލުމުން ވެސް، މިދިޔަ އަހަރުގެ ތެރޭގައި ޗައިނާގެ އިގްތިސާދު ކުރިއެރީ އެންމެ ތިން ޕަސެންޓަށެވެ. އެހެންކަމުން، މިއަހަރުގެ ތެރޭގައި އިގްތިސާދަށް ފަސް ޕަސެންޓުގެ ކުރިއެރުމެއް ހޯދުމަށް ޗައިނާ ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.

ޗައިނާ ސަރުކާރުން ކޮވިޑާ ދެކޮޅަށް ގެންގުޅު ޒީރޯ-ކޮވިޑް ސިޔާސަތު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ އުވާލައިފަ އެވެ. އެއާ އެކު މީހުން މަގުތަކަށް ނުކުމެ އުޅުމާއި އާންމު ވިޔަފާރިތައް ހުޅުވައިގެން ޚިދުމަތް ދިނުން ވަނީ ކުރިއާ އެއްގޮތަށް ފެށިފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް، ބޭރުގެ ފަތުރުވެރިންނަށް އެ ގައުމުގެ ބޯޑަރުތައް ހުޅުވައެއް ނުލަ އެވެ.