Roadha Mihaaru
ހެނާން ޕްރޮވިންސެއްގެ 90 ޕަސެންޓް މީހުން ކޮވިޑްގައި

ޗައިނާ ޕްރޮވިންސެއްގެ 90 ޕަސެންޓް މީހުން ކޮވިޑް ޖެހިފައި

10 ޖެނުއަރީ 2023

ޗައިނާގެ ތިން ވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ހެނާން ޕްރޮވިންސްގެ ގާތްގަނޑަކަށް 90 ޕަސެންޓް މީހުން މިހާރު ތިބީ ކޮވިޑް ޖެހިފައި ކަމަށް އެ ޕްރޮވިންސްގެ ސިއްހަތާ ބެހޭ އިދާރާ އިން ބުނެފި އެވެ.

ޗައިނާގެ ތިން ވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ހެނާން ޕްރޮވިންސްގެ ގާތްގަނޑަކަށް 90 ޕަސެންޓް މީހުން މިހާރު ތިބީ ކޮވިޑް ޖެހިފައި ކަމަށް އެ ޕްރޮވިންސްގެ ސިއްހަތާ ބެހޭ އިދާރާ އިން ބުނެފި އެވެ.

ސެންޓްރަލް ހެނާން ޕްރޮވިންސްގެ ހެލްތު ކޮމިޝަންގެ ޑިރެކްޓަރު ކާން ގުއަންޝޭންގް ވިދާޅުވި ގޮތުގައި އެ ޕްރޮވިންސްގައި 99.4 މިލިއަން މީހުން ދިރިއުޅޭ އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 88.5 މިލިއަން މީހުން މިހާރު ތިބީ ކޮވިޑް-19 ޖެހިފަ އެވެ. އެ ސަރަހައްދުގައި ވަރަށް ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުން އަންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އެ ޕްރޮވިންސްގެ ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އާދަޔާ ޚިލާފަށް ހަލުވިކޮށް ކޮވިޑް ފެތުރެން ފެށީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް އެ ގައުމުގައި އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތައް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އުވައިލުމާ ގުޅިގެންނެވެ. އެ ފިޔަވަޅުތައް އުވައިލީ، އެ ފިޔަވަޅުތަކުގެ ސަބަބުން އަތްމަތި ދަތިވެ ފަގީރުކަން ކުރިމަތިވަމުންދާ ކަމަށް ބުނެ، ވެރިރަށް ބޭޖިންގްއާއި އެހެން ބޮޑެތި ސަހަރުތަކުގައި އާންމު ނުކުމެ މުޒާހަރާ ކުރަން ފެށުމުންނެވެ.

އެ ފިޔަވަޅުތަކުގެ ތެރެއިން މިހާތަނަށް ދޫކޮށްނުލައި އޮތް ފިޔަވަޅު ކަމަށްވާ، ޗައިނާގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން، މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އުވާލައި މިހާރު ވަނީ ބޯޑަރުތައް ހުޅުވާލައިފަ އެވެ. ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ދޫކޮށްލުމުން، ކޮވިޑް ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން، ކޮވިޑުން ދިފާއުވާ ވެކްސިން ޗައިނާ އަށް ދިނުމަށް އެމެރިކާ އިން ވަނީ ހުށަހަޅައިފަ އެވެ.

ނަމަވެސް ޗައިނާ އިން އެމެރިކާގެ އެ ހުށަހެޅުން ގަބޫލެއް ނުކުރެ އެވެ. ކޮވިޑުން ދިފާއުވުމަށް ޗައިނާގައި ބޭނުންކުރަމުން އަންނަނީ އެ ގައުމުގައި އަމިއްލަ އަށް އުފައްދާފައިވާ ވެކްސިންތަކެވެ.

ހެނާން ޕްރޮވިންސްގެ ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އެ ޕްރޮވިންސްގައި ކޮވިޑް ޖެހޭ ނިސްބަތް، މި މަހުގެ 6 ވަނަ ދުވަހު ހުރީ 89 ޕަސެންޓްގަ އެވެ. އޭގެ މާނައަކީ ކޮންމެ 100 މީހަކުން 89 މީހުން ތިބީ ކޮވިޑް ޖެހިފަ އެވެ.

ކޮވިޑްގެ ސަބަބުން ހުން އައުމާ ގުޅިގެން، ކްލިނިކްތަކަށް ދެއްކި މީހުންގެ އަދަދު އެންމެ މައްޗަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. ކޮވިޑްގެ ފިޔަވަޅުތައް ދޫކޮށްލި ދުވަސްވަރަކީ، ކްރިސްމަސް އާއި މީލާދީ އާ އަހަރު ފާހަގަކުރުމުގެ އެއްވުންތައް ބޭއްވި ދުވަސްވަރަށް ވުމުން، އެއްވުންތަކުގެ ތެރެއިން ކޮވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް މަތިވެފައިވާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ.

އޭގެ އިތުރުން މި މަހުގެ ފަހުކޮޅު ޗައިނާ ކަލަންޑަރުގެ އާ އަހަރު ފާހަގަކުރުން އޮންނާނެތީ، އެ ދުވަސްވަރާ ދިމާކޮށް ކޮވިޑް ފެތުރުން ވަރަށް ބޮޑަށް މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ. ކޮވިޑްގެ ފިޔަވަޅުތައް ދޫކޮށްލުމާ ގުޅިގެން، ބޮޑެތި ސަހަރުތަކުގައި ދިރިއުޅޭ ގިނަ ބަޔަކު މިހާރު ރާވާފައިވަނީ، ޗައިނާގެ އާ އަހަރާ ދިމާކޮށް، ރަށްފުށު ސަރަހައްދަށް ގޮސް އާއިލާތަކާ އެކުގައި ޗުއްޓީ ހޭދަކުރާށެވެ.