Roadha Mihaaru
ސައިނޯފާމްގެ ދެ ވަނަ ޑޯޒް ދޭނީ ހަތަރު ހަފުތާ ފަހުން

ސައިނޯފާމްގެ ދެ ވަނަ ޑޯޒް ދޭނީ ހަތަރު ހަފުތާ ފަހުން

31 މާޗް 2021

ކޮވިޑް-19 އިން ދިފާއުވުމަށް މިހާރު ދޭ ސައިނޯފާމް ވެކްސިންގެ ދެ ވަނަ ޑޯޒް ދޭނީ، ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފުތާ ފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19 އިން ދިފާއުވުމަށް މިހާރު ދޭ ސައިނޯފާމް ވެކްސިންގެ ދެ ވަނަ ޑޯޒް ދޭނީ، ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފުތާ ފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ޗައިނާގެ މި ވެކްސިން ރާއްޖޭގައި ދޭން ފެށީ މި މަހުގެ 14އިގަ އެވެ. އޭގެ ފަހުން އިއްޔެގެ ނިޔަލަށް 1،807 މީހަކު ވަނީ އެ ވެކްސިން ޖަހައިފަ އެވެ.

ސައިނޯފާމް ވެކްސިންގެ ރައްކާތެރިކަން ގާތްގަނޑަކަށް މަސް ދުވަހުން ލިބޭއިރު، ކުރިން ޖެހި އެސްޓްރަޒެނަކާގެ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަނީ 8-12 ހަފުތާ ފަހުންނެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަން އެޗްޕީއޭ އިން މިހާރު ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ޗައިނާގެ ވެކްސިން ޖެހުން ކުރިއަށް ގެންދެ އެވެ. ސައިނޯފާމް ވެކްސިން ޖަހައިދޭނީ އުމުރުން 18-60 އަހަރުގެ ދެމެދުގެ މީހުންނަށެވެ.

މިހާރު ޖަހަމުން އަންނަނީ ސައިނޮފާމްގެ ފުރަތަމަ ޑޯޒް ނަމަވެސް، ޗައިނާ އިން ހަދިޔާކުރި ދެ ވަނަ ބެޗު މިހާޜު ވަނީ ލިބިފަ އެވެ.

އެޗްއީއޯސީ އިން ބޭއްވި މީޑިއާ ބްރީފިންގައި އިމިއުނައިޒޭޝަން ޓެގް ޓީމުގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ، ވެކްސިން ޓެސްޓުކުރަން ކުރިއަށް ގެންދިޔަ ޓްރަޔަލްތަކުން އެފިކަސީ ރޭޓު ހުރީ 79-85 ޕަސެންޓާ ދެމެދުގައިކަން އެނގިފައިވާ ކަމަށެވެ. އެ ރޭޓުގައި ތަފާތެއް އުޅެނީ އެކި ގައުމުތަކުގައި ކުރި މަސައްކަތުން ލިބުނު ނަތީޖާގައި ކުޑަ ތަފާތެއް ހުރުމުން ކަމަށާއި ނަމަވެސް އެވްރެޖްކޮށް 80 ޕަސެންޓުގެ ރައްކާތެރިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ސައިނޮފާމް ވެކްސިނަކީ މުޅި ވައިރަސްގެ ޖެނެޓިކް މެޓީރިއަލް ބޭނުންކޮށްގެން ހަދާ އިންއެކްޓިވޭޓެޑް ވެކްސިނެކެވެ. ނަމަވެސް އެ ޖެނެޓިކް މެޓީރިއަލް މުޅި ހަށިގަނޑުތެރެއަށް ނުފެތުރޭނެ އެވެ. އޭގެ މާނައަކީ ވެކްސިން ހަދާފައި ހުރީ، ބަލި ނުޖެހޭނެ ގޮތަށް، އެހެން ނަމަވެސް އެއާ އިދިކޮޅަށް ދިފާއީ ނިޒާމު މަސައްކަތްކުރާ ގޮތަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.