Roadha Mihaaru
ވެކްސިން އެކްސްޕަޔާވުމުގެ ކުރިން ޖަހައި ނިންމޭތޯ ބަލަނީ

އެސްޓްރާޒެނަކާ ވެކްސިންގެ މުއްދަތު ހަމަވުމުގެ ކުރިން ޖަހައި ނިންމޭތޯ ބަލަނީ

08 ސެޕްޓެމްބަރ 2021

ރާއްޖެ އަށް ހޯދާފައިވާ އެސްޓްރާޒެނަކާގެ ކޮވިޑް-19 ވެކްސިންގެ މުއްދަތު އަންނަ ނޮވެމްބަރު މަހު ހަމަވާތީ، ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް އޭގެ ކުރިން އެ ވެކްސިން ޖަހައި ނިންމަން ސަރުކާރުން އަމާޒު ހިފައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އަށް ހޯދާފައިވާ އެސްޓްރާޒެނަކާގެ ކޮވިޑް-19 ވެކްސިންގެ މުއްދަތު އަންނަ ނޮވެމްބަރު މަހު ހަމަވާތީ، ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް އޭގެ ކުރިން އެ ވެކްސިން ޖަހައި ނިންމަން ސަރުކާރުން އަމާޒު ހިފައިފި އެވެ.

ސިންގަޕޫރުގެ އެސްޓްރާޒެނަކާ ކުންފުނިން ގަނެގެން ރާއްޖެ އަށް މިހާރު ގެނެސްފައި ހުރި ވެކްސިންގެ މުއްދަތު ނޮވެމްބަރު މަހު ހަމަވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ. ނަމަވެސް އެއީ ކިހާ ވެކްސިނެއް ކަމެއް ނުބުނެ އެވެ. ވެކްސިން ޖެހި ޖުމުލަ އަދަދު ހާމަކުރިޔަސް ލިބިފައި ހުރީ ކިހާ ވެކްސިނެއް ކަމެއް އަދި އެކި ބްރޭންޑްތަކުން ޖެހީ ކިހާ ވެކްސިނެއް ކަމެއް ނޭނގޭތީ، ބާކީ ހުރި ވަރެއް ވެސް ނޭނގެ އެވެ.

އެސްޓްރާޒެނަކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދިނީ މި މަހުގެ 1 އާ ހަމައަށެވެ. އަދި މިހާރު ދެވަނަ ޑޯޒް ޖަހައިދޭން ފަށާފައިވާއިރު، ކޮވިޝީލްޑްގެ އެއް ޑޯޒް ޖަހާފައި ތިބި މީހުންނަށް ވެސް ދެވަނަ ޑޯޒެއް ގޮތުގައި އެސްޓްރާޒެނަކާ ވެކްސިން ޖަހައިދެ އެވެ.

ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން "މިހާރު" އަށް ވިދާޅުވީ ވެކްސިންތަކުގެ މުއްދަތު ހަމަވުމުގެ ކުރިން، ވެކްސިން ޖެހޭ އާބާދީ އަށް އެއްކޮށް ވެކްސިން ޖަހައި ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ.

އިއްޔެގެ ނިޔަލަށް މުޅި ރާއްޖެ އން 386،514 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، 305،571 މީހަކު ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. ވެކްސިން ޖަހަން ޝަރުތު ހަމަވާ 452،798 މީހަކު އެބަތިއްބެވެ.

ސަރުކާރުން ގަންނަން ސޮއި ކޮށްފައިވަނީ 700،000 ޑޯޒްގެ އެސްޓްރާޒެނަކާ ވެކްސިނެވެ.

ތަސްލީމާ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން މިހާތަނަށް ރާއްޖެ އަށް ލިބިފައި ވަނީ ފުރަތަމަ ޝިޕްމަންޓް އެކަންޏެވެ. އެއީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް ވެސް ވިދާޅެއް ނުވި އެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ 90 ޕަސެންޓަށް ކޮވިޑް ވެކްސިން ޖަހަން ވެސް ސަރުކާރުން އަމާޒެއް ކަނޑައެޅި އެވެ. ނަމަވެސް އެ އަދަދަކަށް މީހުންނެއް ވެކްސިނެއް ނުޖެހަ އެވެ. އެކަމަކު، ވެކްސިން ޖެހޭ އާބާދީ އަށް ބަލާއިރު އޭގެ ތެރޭގައި، ރާއްޖެ އިން ބޭރުގައި އުޅޭ ދިވެހިންގެ އަދަދު ވެސް ހިމެނޭތީ ބޮޑަށް ބެލެވެނީ މިހާރު ވެކްސިން ނުޖެހި ތިބި މީހުންގެ އަދަދު ތަފާސްހިސާބުތަކުން ފެންނަ ވަރަށް ވުރެ މާ މަދުވާނެ ކަމަށެވެ.

ރާއްޖެ އިން އެސްޓްރާޒެނަކާގެ 700،000 ޑޯޒް ވެކްސިން ގަނެފައިވާ އިރު، ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ޖަޕާނު ސަރުކާރުން ވަނީ 112،000 ޑޯޒްގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާ ކޮށްފަ އެވެ. މިދިޔަ މަހުގެ ކުރީ ކޮޅު އެމެރިކާ އިން ވަނީ 128،700 ޑޯޒްގެ ފައިޒާ ވެކްސިން ވެސް ހަދިޔާ ކޮށްފަ އެވެ.