Roadha Mihaaru
ކޮވިޑް ޓެސްޓާ ނުލައި މިހާރު 28 ރަށަކަށް ދެވޭނެ

ކޮވިޑް ޓެސްޓާ ނުލައި މިހާރު 28 ރަށަކަށް ދެވޭނެ

01 ސެޕްޓެމްބަރ 2021

އެޗްޕީއޭ އިން އަމަލުކުރަން ފެށި އާ މިންގަނޑުގެ ތެރެއިން، ވަކި އަދަދަކަށް މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ 28 ރަށަކަށް ޕީސީއާރު ޓެސްޓް ހެދުމަކާ ނުލައި ދަތުރުކުރަން މިރޭ ހުއްދަދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެޗްޕީއޭ އިން އަމަލުކުރަން ފެށި އާ މިންގަނޑުގެ ތެރެއިން، ވަކި އަދަދަކަށް މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ 28 ރަށަކަށް ޕީސީއާރު ޓެސްޓް ހެދުމަކާ ނުލައި ދަތުރުކުރަން މިރޭ ހުއްދަދީފި އެވެ.

އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ނަމަ، މި މަހުން ފެށިގެން ޕީސީއާރު ޓެސްޓަކާ ނުލައި ދަތުރުކުރަން ހުއްދަ ދޭން އެޗްޕީއޭ އިން ވަނީ ކުރިން ނިންމައިފަ އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދަތުރުކުރަން ހުއްދަ ދިން ރަށްތަކުގައި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އުމުރުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައިވާއިރު، އެ ރަށްތަކުގައި ދިރިއުޅޭ 65 އަހަރުން މަތީގެ 90 ޕަސެންޓް މީހުން ވެސް ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

މި ރަށްތަކުގެ ތެރެއިން ގެސްޓް ހައުސް ހުންނަ ރަށްތަކުގައި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ 95 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކޮށްފައިވެ އެވެ.

ރާއްޖޭގައި މިހާރު 12 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް ވެކްސިން ދެމުން އަންނައިރު، މިހާތަނަށް 300،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ވެކްސިން ފުރިހަމަ ކޮށްފަ އެވެ.

ގިނަ ބަޔަކު ކޮވިޑް ވެކްސިން ޖަހަން ބާރު އެޅުވުމުގެ ގޮތުން ސަރުކާރުން ވަނީ ވެކްސިން ނުޖަހާ މީހުންނަށް ދަތިކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައި، ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވަރަށް ބޮޑެތި ލުއިތައް ވެސް ދީފަ އެވެ.

ކޮވިޑް ކޭސްތައް މާލެ ސަރަހައްދުގައި މިހާރު މަދު ނަމަވެސް، ބައެއް ރަށްރަށުގައި ކޭސްތައް ވަނީ ވަރަށް މައްޗަށް ގޮސްފަ އެވެ.