Roadha Mihaaru
އެސްޓްރަޒެނެކާ ވެކްސިން ދޭން ހޮނިހިރުގައި ފަށަނީ

މާލެ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހަން ހޮނިހިރުގައި ފަށަނީ

28 ޖުލައި 2021

މާލެ ސަރަހައްދުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ސިންގަޕޫރުގެ އެސްޓްރަޒެނެކާ ވެކްސިން ޖަހަން ފަށަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ސިންގަޕޫރުގެ އެސްޓްރަޒެނެކާ ވެކްސިން ޖަހަން ފަށަން ނިންމައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ގަންނަ އެސްޓްރަޒެނެކާގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު، ތާށިކަމަކަށްފަހު ގެނެސްފައިވާ ކަމަށެވެ. އެހެންވެ، އެ ވެކްސިން ޖެހުމަށް ތައްޔާރުވަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ލިބިފައިވާ އެންމެ ބޮޑު ހަތިޔާރަކީ ވެކްސިނެވެ. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވިއްޖެނަމަ މިހާރަށްވުރެ ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

އިމިއުނިޒޭޝަން ޕްރޮގްރާމު މެނޭޖަރު ނާޝިޔާ އަބްދުލްޣަފޫރު ވިދާޅުވީ ރަށްރަށުގައި އިއްޔެ އިން ފެށިގެން އެސްޓްރަޒެނެކާގެ ފުރަތަމަ އަދި ދެ ވަނަ ޑޯޒު ޖަހަން ފަށާފައިވާ ކަމަށެވެ.

ކޮވިޑުން ދިފާއުވާން ދޭ ވެކްސިންތަކުގެ ތެރެއިން އެސްޓްރަޒެނެކާ ވެކްސިން ޖަހައި ދިނުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހަ ސެންޓަރެއްގައި އެޕޮއިންޓްމަންޓު އުސޫލުން ފަށާނެ އެވެ. އެއީ، ސޯޝަލް ސެންޓަރު، އިސްލާމިކް ސެންޓަރު، އާޓް ގެލެރީ، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލް ފިޔަވައި ބާކީ ހުރި ފަސް ސެންޓަރުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9:00 ން ހަވީރު 4:00 އަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ހެނދުނު 9:00 ން ހަވީރު 5:00 ޖަހަންދެން ވެކްސިން ޖަހައިދޭނެ އެވެ.

އެޗްއީއޯސިން ނިންމާފައިވަނީ ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ޖަހާފައި ތިބި މީހުންނަށް ވެސް ދެ ވަނަ ޑޯޒުގެ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިން ދިނުމެވެ. އެއީ، އެ ދެ ވެކްސިން ވެސް ތައްޔާރުކޮށްފައިވަނީ އެއް ފޯމިއުލާ ބޭނުންކޮށްގެން ކަމަށްވާތީ އެވެ.

ނާޝިޔާ ވިދާޅުވީ މީގެ ކުރިން ވެކްސިންގެ ދެ ވަނަ ޑޯޒުގެ އެޕޮއިންޓްމަންޓް ހުޅުވާލުމުން ރެޖެކްޓުވުމުގެ މައްސަލަ ބޮޑުވި ކަމަށެވެ. އެކަމަކު ޕޯޓަލް އަށް މި ފަހަރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެކްސިން އެޕޮއިންޓްމަންޓް ރިޖެކްޓުވާ ސަބަބުތަކުގެ ތެރޭގައި، އައިޑީކާޑުގައި އޮންނަ ގޮތާ ހިލާފަށް ނަން ޖެހުން ފަދަ ކަންކަން ހިމެނެ އެވެ. އެހެންވެ، އައިޑީކާޑުގައި އޮންނަ ގޮތަށް މައުލޫމާތު ފުރިހަމަކުރުމަށް އެ އެޖެންސީން ވަނީ އެދިފަ އެވެ.

އޭގެ އިތުރުން އެޕޮއިންޓްމަންޓް ހަމަޖައްސާ ގަޑީގެ 10 މިނެޓު ކުރިން އެ ސެންޓަރަކަށް ދިއުމަށް ނާޝިޔާ އިލްތިމާސްކުރައްވަ އެވެ.

އެޗްއީއޯސިން ނިންމާފައިވަނީ ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ޖަހާފައި ތިބި މީހުންނަށް ވެސް ދެ ވަނަ ޑޯޒުގެ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިން ދިނުމެވެ. އެއީ، އެ ދެ ވެކްސިން ވެސް ތައްޔާރުކޮށްފައިވަނީ އެއް ފޯމިއުލާ ބޭނުންކޮށްގެން ކަމަށްވާތީ އެވެ.

ކޮވިޑް ވެކްސިން ޖެހޭ އާބާދީގެ 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ ހޯމަ ދުވަހާ ހަމައަށް 321،429 މީހުން ފުރަތަމަ ޑޯޒު އަދި 261،605 މީހުން ދެ ޑޯޒު ވެކްސިން ފުރިހަމަކޮށްފައި ވެ އެވެ. އަދި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން އަދި އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވެ އެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނިޒޭޝަންގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މީގެ ކުރިން ކުރިމަތިވި ކޮވިޑުގެ ރާޅުން އަވަހަށް ސަލާމަތްވި އެއް ސަބަބަކީ ގިނަ ބަޔަކު ވެކްސިން ޖަހާފައި ތިބުމެވެ. ވެކްސިން ޖެހުމުން ކޮވިޑުގައި ހާލު ދެރަވުމާއި ހޮސްޕިޓަލުގައި އެޑްމިޓުކުރާ މީހުންގެ އަދަދު މަދުވެގެންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެސްޓްރަޒެނެކާ ޖަހަން ފެށިއިރު، ވެކްސިން ޖެހޭ އުމުރުގެ އެންމެންނަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހޯމަ ދުވަހު ވިދާޅުވީ އެ ޕްރޮގްރާމްގެ ފުރަތަމަ އަމާޒަކީ ކޮވިޑް ވެކްސިން ޖަހާ އުމުރުގެ 90 ޕަސެންޓް މީހުންނަށް އަންނަ މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުން ކަމަށެވެ. އެއީ، ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މި ވަގުތު ލިބިފައި ނެތް ނަސީބެއްކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ މި ފުރުސަތުގެ ބޭނުން ހިފައި ވީހާ ވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް އެދިވަޑައިގެންފަ އެވެ.