Roadha Mihaaru
ޗައިނާ ވެކްސިންގެ 5،000 ޑޯޒު ރާއްޖެ ގެނެސްފި

ޗައިނާ ވެކްސިންގެ 5،000 ޑޯޒު ރާއްޖެ ގެނެސްފި

02 ފެބުރުއަރީ 2021

ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ ނެޝަނަލް ފާމަކިއުޓިކަލް ގްރޫޕުން އުފެއްދި "ސައިނޯފާމް" ވެކްސިންގެ 5،000 ޑޯޒު ރާއްޖެ ގެނެސްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ ނެޝަނަލް ފާމަކިއުޓިކަލް ގްރޫޕުން އުފެއްދި "ސައިނޯފާމް" ވެކްސިންގެ 5،000 ޑޯޒު ރާއްޖެ ގެނެސްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެެވެ.

މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒު ރާއްޖެ އަށް ހަދިޔާކުރީ ހެޔޮއެދޭ ފަރާތަކުން ކަމަށެވެ. ނަމަވެސް އެ ވެކްސިން ހަދިޔާކުރީ ސީދާ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މިއީ، ޗައިނާ ސަރުކާރުން ހަދިޔާކުރި ވެކްސިނެއް ނޫނެވެ.

"އިއްޔެގައި އަަޅުގަނޑުމެންނަށް މި ވަނީ ފަސްހާސް ޑޯޒު ވެކްސިން ލިބިފައި. ހެޔޮ އެދޭ ފަރާތަކުން ދެއްވި ޑޮނޭޝަންއެއް އެއީ. ސައިނޯ ފާމުން އަޅުގަނޑުމެންނަށް [ވެކްސިން] ލިބިފައި މި އޮތީ،" އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައިނޯފާމް ވެކްސިނާ ބެހޭ ގޮތުން އިތުރަށް އެއްްކުރަން ޖެހޭ މައުލޫމާތު އެއްކުރުމަށް ފަހު، އެ ވެކްސިން ދިނުމާ މެދު ގޮތެއް ނިންމާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަމަށެވެ.

ޗައިނާގެ ވެކްސިން ދޭން ބައެއް ގައުމުތަކުގައި މިހާރު ވަނީ ހުއްދަ ދީފަ އެވެ. އޭގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނެ އެވެ. ޗައިނާ އިން ވަނީ އެ ވެކްސިންގެ ފަސް ލައްކަ ޑޯޒު ޕާކިސްތާނަށް ވެސް ހަދިޔާކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ވެކްސިންދޭ ން ފެށީ އިއްޔެ އެވެ. އެޗްޕީއޭއިން ބުނިގޮތުގައި އިއްޔެ 282 މީހަކަށް އަދި މިއަދު 554 މީހަކަށް ރާއްޖޭގައި ވެކްސިން ދިނެވެ.

ރާއްޖޭގައި ކޮވިޑްގެ ވެކްސިން ޖަހަން ފެށީ އިންޑިއާ އިން އެއްލައްކަ ޑޯޒްގެ ވެކްސިން ހަދިޔާކުރުމުންނެވެ، އެ ގައުމުން ރާއްޖެއަށް ދިނީ އިނގިރޭސި ވިލާތުގެ އެސްޓްރަޒެނެކާ ވެކްސިނެވެ.