Roadha Mihaaru
ޗައިނާ އިން އައި ދިވެއްސަކު ކަރަންޓީނުކޮށްފި

ކޮވިޑް-19: ޗައިނާ އިން އައި ދިވެއްސަކު ވެސް ކަރަންޓީނުކޮށްފި

11 މާޗް 2020

ކޮވިޑް-19 ފުރަތަ ފެނުނު ގައުމު ކަމަށްވާ ޗައިނާ އިން މިއަދު އައި ދިވެއްސަަކު ކަރަންޓީނުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފުރަތަ ފެނުނު ގައުމު ކަމަށްވާ ޗައިނާ އިން މިއަދު އައި ދިވެއްސަަކު ކަރަންޓީނުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ މީހާ ކަރަންޓީނުކުރީ ބަލި ފެތުރޭ ގައުމުތަކުން އަންނަ މީހުން، ރައްކާތެރިކަމުގެ ފިޔަވަޅެއްްގެ ގޮތުން 14 ދުވަހަށް ކަރަންޓީނުކުރަން އޮންނަ އުސޫލުގެ ދަށުން ކަމަށެވެ.

ޗައިނާ އިން އައި މީހާ ކަރަންޓީނުކުރަނީ ކޮން ރަށެއްގައި ކަމެއް އަދި ނޭނގެ އެވެ. މީހުން ކަރަންޓީނުކުރަން އަދި ހުރި ދެ ތަނަކީ ފަރުކޮޅުފުށްޓާއި ވިލިވަރެވެ.

ޗައިނާ އަށް ފަހު ކޮވިޑް-19 މިހާރު އެންމެ ބާރަށް ފެތުރޭ އިޓަލީން އައި ދެ މީހަކު ވެސް މިއަދު ވަނީ ކަރަންޓީނުކޮށްފަ އެވެ.

ގިނަ ގައުމުތަކެއްގައި ބަލި ފެތުރެމުން ދާތީ، ބޭރު ގައުމުތަކުގައި ތިބި ދިވެހިން އަނބުރާ އައުމަށް އެހީތެރިވެދޭނެ ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ބުންޏެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ބަލި ފެތުރޭތީ ރާއްޖެ އަށް ދަތުރުކުރުން މި ވަގުތަށް ހުއްޓާލާފައިވާ ގައުމުތަކުގައި ތިބި ދިވެހިން އެނބުރި އައުމަށް ފޮރިން މިނިސްޓްރީން އެހީވާނެ ކަމަށެވެ. ނަމަވެސް ރާއްޖެ އަށް އެ ގައުމަކުން ދަތުރުކުރުން މަނާކޮށްފައިވާ ގައުމަކުން އެނބުރި އަންނަ މީހެއް ނަމަ ކަރަންޓީނުވެގެން 14 ދުވަސް ހޭދަކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރުފަތުރު ކުރުމުގެ އެއްވެސް ކަމަކާ މެދު ކަމެއް އޮޅުން ފިލުވަން އެދޭ ފަރާތެއް ނަމަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން: 7983400 އަށް ގުޅަން އެ މިނިސްޓްރީން އެދެ އެވެ.