Roadha Mihaaru
70 ޕަސެންޓް މީހުން ސިނޮފޯމްގެ ދެވަނަ ޑޯޒް ނުޖަހާ

ޝަރުތު ހަމަވިޔަސް، ސިނޮފޯމް ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ 70 ޕަސެންޓް މީހުން އެބަތިބި

19 މެއި 2021

ރާއްޖެ އިން ޗައިނާގެ ސިނަފޯމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ޝަރުތު ހަމަވާ 70 ޕަސެންޓް މީހުން އަދިވެސް އެ ވެކްސިން ނުޖަަހާ އެބަތިބި ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެ އިން ޗައިނާގެ ސިނަފޯމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ޝަރުތު ހަމަވާ 70 ޕަސެންޓް މީހުން އަދިވެސް އެ ވެކްސިން ނުޖަަހާ އެބަތިބި ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ބުނީ، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 72،662 މީހުންގެ ތެރެއިން 70 ޕަސެންޓް މީހުންނަކީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން ކަމަށެވެ. އެކަމަކު މާލޭ ސަރައްދުގައި ތިބި އެ މީހުން އަދިވެސް ވެކްސިން ފުރިހަމައެއް ނުކުރެ އެވެ.

އެ މީހުންގެ ފުރަތަމަ ޑޯޒް ޖެހިތާ މިހާރު ތިން ހަފުތާ ވެފައި ވާތީ، އަވަހަށް ދެވަނަ ޑޯޒް ޖެހުމަށް އެޗްޕީއޭ އިން އެދެ އެވެ.

ސިނަފޯމް ވެކްސިނަކީ ފުރަތަމަ ޑޯޒް ޖަހާތާ މަސް ދުވަސް ފަހުން ދެވަނަ ޑޯޒް ޖަހަންޖެހޭ ވެކްސިނެކެވެ.

މި ފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ހުއްދަ ލިބިފައިވާ ސިނަފޯމް ވެކްސިން އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެސް މިހާރު ދަނީ ދެމުންނެވެ.

ރާއްޖެ އިން 303،919 މީހަކަށް މިހާތަނަށަށް ކޮވިޑް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 147،682 މީހެކެވެ. ސިނަފޯމް ވެކްސިންގެ އިތުރުން އިންޑިއާގެ ކޮވިޝީލްޑާއި ހާއްސަ ހާލަތުތަކުގައި ފައިޒާ ވެކްސިން ވެސް ރާއްޖޭގައި ދެ އެވެ. އެކަމަކު ވެކްސިން ލިބުމުގައި ދަތިވެ، މި ވަގުތަށް ކޮވިޝީލްޑް ޖެހުން ވަނީ ހުއްޓާލައިފަ އެވެ.

މާލޭ ސަރަހައްދުން ވެސް މިހާރު ގިނަ ބަޔަކު ތިބީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒަށް ޝަރުތު ހަމަވެފަ އެވެ. މިއީ ވެކްސިިންގެ ފުރަތަމަ ޑޯޒް ޖަހާތާ 8-12 އާ ދެމެދު ދެވަނަ ޑޯޒް ފުރިހަމަ ކުރަންޖެހޭ ވެކްސިނެކެވެ. އެކަމަކު މިހާރު ޑޮކްޓަރުން ބުނަނީ 16 ހަފުތާގެ ކުރިން އެ ވެކްސިން ފުރިހަމަ ކުރުމުގައި ވެސް މައްސަލައެއް ނެތް ކަމަށެވެ.