Roadha Mihaaru
ކޮވިޑްގައި ޑިސެމްބަރުން ފެށިގެން 60000 މަރު

ކޮވިޑްގައި ޑިސެމްބަރުން ފެށިގެން 60000 މީހުން މަރުވެއްޖެ

15 ޖެނުއަރީ 2023

ކޮވިޑް-19 ވަބާ އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތައް، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ދޫކޮށްލި ފަހުން، މިހާތަނަށް 60000 މީހުން، އެ ބަލީގައި އެ ގައުމުން މަރުވެއްޖެ ކަމަށް ޗައިނާ އިން ބުނެފި އެވެ.

ކޮވިޑް-19 ވަބާ އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތައް، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ދޫކޮށްލި ފަހުން، މިހާތަނަށް 60000 މީހުން، އެ ބަލީގައި އެ ގައުމުން މަރުވެއްޖެ ކަމަށް ޗައިނާ އިން ބުނެފި އެވެ.

ވެރިރަށް ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ވެރިޔާ ޖިއާއޯ ޔަހޫއީ ވިދާޅުވި ގޮތުގައި ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ޖަނަވަރީ 12 ވަނަ ދުވަހުގެ ނިޔަލަށް، ކޮވިޑް ބަލީގައި 59938 މީހުން މަރުވި ކަމަށެވެ. އޭގެ ތެރެއިން 5503 މީހަކު މަރުވީ، ކޮވިޑް ޖެހިގެން ނޭވާލާ ނިޒާމު މުޅިން ފެއިލްވުމުގެ ސަބަބުންނެވެ. އޭގެ އިތުރުން މި ބަލީގައި މަރުވި 54435 މީހުންނަކީ، ކޮވިޑް ޖެހުނު އިރު ވެސް، ހިތުގެ ބަލިތަކާއި ކެންސަރުގެ ތަފާތު ބަލިތަކުގައި ފަރުވާ ހޯދަމުން އައި މީހުންނެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޗައިނާގައި ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށީ، އެ ފިޔަވަޅުތަކާ ދެކޮޅު ހެދުމުގެ ގޮތުން، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން، އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފެށުމުންނެވެ. ގާތްގަނޑަކަށް ތިން އަހަރު ވަންދެން ޗައިނާގައި ދަމަހައްޓަމުން އައި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ކޮވިޑް ފެތުރެމުންދާ ސަހަރުތަކުގައި އާންމުން ބޭރަށް ނުކުތުން މަނާކުރުމާއި، ކޮވިޑް ޖެހިފައިވާ މީހުން ކަރަންޓީނުވުން މަޖުބޫރުވުމާއި، ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑައިލުން ހިމެނެ އެވެ.

އެ ފިޔަވަޅުތައް ދޫކޮށްލުމަށް ފަހު، ޗައިނާގެ ބޯޑަރުތައް ހުޅުވާލައި، ބައިނަލްއަގުވާމީ ދަތުރުފަތުރުތަކަށް އެ ގައުމު ހުޅުވައިލީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެންނެވެ. އެ ފިޔަވަޅުތައް ދޫކޮށްލުމާ އެކު، ޗައިނާގައި ކޮވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޗައިނާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، އެމެރިކާގައި އުފައްދާފައިވާ ކޮވިޑް ވެކްސިން ޗައިނާ އަށް ފޯރުކޮށްދިނުމަށް އެމެރިކާ އިން ހުށަހެޅުމުންވެސް ޗައިނާ އިން އެކަން ގަބޫލެއް ނުކުރި އެވެ. އޭގެ ބަދަލުގައި ޗައިނާ އިން ބުނަމުން އަންނަނީ އެ ގައުމުގައި ބޭނުންކުރާނީ އެ ގައުމުގައި އުފައްދާފައިވާ ވެކްސިން ކަމަށެވެ.

ކޮވިޑާ ދެކޮޅު ފިޔަވަޅުތައް އުވައިލުމުގެ އިތުރުން، ކޮވިޑް ބައްޔާ ބެހޭ ތަފާސް ހިސާބުތައް އާންމުކުރުން ވެސް ޗައިނާ ސަރުކާރުން ވަނީ ހުއްޓާލައިފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އުވައިލުމަށް ފަހު، ޗައިނާ އިން އަމަލުކުރަމުން ގެންދަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގަ އެވެ.

ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި ޑިސެމްބަރު މަހުގެ ތެރޭގައި ފިޔަވަޅުތައް ދޫކޮށްލި ފަހުން، ކޮވިޑް ފެތުރޭ މިންވަރު މަތިވެގެން ދިޔައީ ޑިސެމްބަރު 23 ވަނަ ދުވަހާ ހަމައަށެވެ. އެއަށް ފަހު، ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ ދަށްވަމުން ކަމަށް ވެސް ޗައިނާ ސަރުކާރުން ބުނެ އެވެ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ދޫކޮށްލުމާއެކު، އެ ގައުމުގެ ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދު އެތައް ގުނައަކަށް މައްޗަށް ދިޔަ އެވެ. ޑިސެމްބަރު 23، 2022 ގައި އެކަނިވެސް 2.86 މިލިއަން މީހުން ފްލޫ ކްލިނިކަށް ގޮސް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދި އެވެ.

ނަމަވެސް އޭގެ ފަހުން އެ އަދަދުތައް ދުވަހުން ދުވަހުން ދަށަށް ގޮސް، މި މަހުގެ 12 ވަނަ ދުވަހު ކްލިނިކްތަކަށް ދެއްކީ 477000 މީހުން ކަމަށް ވެސް ޗައިނާ އިން ބުންޏެވެ. އޭގެ އިތުރުން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު އެންމެ މައްޗަށް ދިޔައީ މި މަހުގެ 5 ވަނަ ދުވަހު އެވެ.

އެ ދުވަހު ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 1.63 މިލިއަން މީހުންނަށް ފަރުވާ ދިން ނަމަވެސް މިހާރު ވަނީ އެ އަދަދު ވަރަށް ބޮޑަށް ދަށްވެފަ އެވެ. މި މަހުގެ 12 ވަނަ ދުވަހު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައި މީހުންގެ އަދަދަކީ 1.27 މިލިއަން މީހުން ކަމަށް ޗައިނާ އިން ބުންޏެވެ.