Roadha Mihaaru
ދެ އަހަރަށް ފަހު އޮސްޓްރޭލިޔާ ހުޅުވާލައިފި

ދެ އަހަރަށް ފަހު އޮސްޓްރޭލިޔާ ހުޅުވާލައިފި

21 ފެބުރުއަރީ 2022

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ފުރަބަންދުގެ ހާލަތުގައި މުޅި ގައުމު ބާއްވާތާ ދެ އަހަރު ފަހުން، އޮސްޓްރޭލިޔާ ސަރުކާރުން މިއަދު އެ ގައުމު ހުޅުވާލައި ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް ވެސް ފަށައިފި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ފުރަބަންދުގެ ހާލަތުގައި މުޅި ގައުމު ބާއްވާތާ ދެ އަހަރު ފަހުން، އޮސްޓްރޭލިޔާ ސަރުކާރުން މިއަދު އެ ގައުމު ހުޅުވާލައި ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް ވެސް ފަށައިފި އެވެ.

ބައިނަލްއަގުވާމީ ބޯޑަރުތައް ހުޅުވައިލި ނަމަވެސް، މިހާރު ހަމަޖެހިފައި އޮތް ގޮތުން އެ ގައުމަށް އެތެރެ ވެވޭނީ ކޮވިޑުން ދިފާއުވާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. މިއަދު ހެނދުނުން ފެށިގެން ބައިނަލްއަގުވާމީ ދަތުރުތަކަށް ވައިގެ ބަނދަރުތަކަށް އާންމުކޮށް ހުޅުވައިލުމާ ގުޅިގެން، ގިނަ އަދަދެއްގެ ޓޫރިސްޓުން މިއަދު ވެސް ޒިޔާރަތްކުރި އެވެ.

އޭގެ އިތުރުން، ގައުމުން ބޭރުގައި އެތައް މަހެއް ވަންދެން ތާށިވެފައި ތިބި އޮސްޓްރޭލިޔާގެ ރައްޔިތުން ވެސް އެނބުރި ގައުމަށް އައިސް އާއިލާތަކާ ގުޅުނެވެ. މިއަދުގެ ދަތުރުތައް ތާވަލުކޮށްފައި އޮތް ގޮތުން ބައިނަލްއަގުވާމީ 50 ފްލައިޓް މިއަދު އޮސްޓްރޭލިޔާ އަށް ޖައްސާނެ އެވެ. އޭގެ ތެރެއިން 27 ފްލައިޓް ޖައްސާނީ ވެރިރަށް ސިޑްނީ އަށެވެ.

"މިއީ ވަރަށް އެހެން ކަހަލަ އިހްސާސްތަކެއް ކުރުވާ ދުވަހެއް. މިއީ އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރަމުން އައި ދުވަހެއް. މިއީ ކޮވިޑުގެ ވަބާ ފެތުރެން ފެށުމާ އެކު މި ގައުމުގެ ބޯޑަރު ބަންދުކުރި ދުވަހުން ފެށިގެން އަޅުގަނޑު އިންތިޒާރު ކުރަމުން އައި ދުވަސް،" ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ޓެސްމޭނިއާގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވި އެވެ.

ޓޫރިޒަމަކީ އޮސްޓްރޭލިޔާގެ ގައުމީ އާމްދަނީގެ އެންމެ މުހިންމު މަސްދަރެވެ. އެހެންކަމުން ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިން ޒިޔާރަތްކުރުން ހުއްޓުމާ ގުޅިގެން އޮސްޓްރޭލިޔާގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމްގެ ސިނާއަތުން އެ ގައުމަށް އަހަރަކު 43 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ. އަދި އެ ގައުމުގެ މަސައްކަތު އާބާދީގެ ފަސް ޕަސެންޓް ހިއްސާކުރަނީ ޓޫރިޒަމްގެ ސިނާއަތެވެ. ނަމަވެސް މާޗް 2020 ގައި އެ ގައުމުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިޔަ އެވެ.

ކޮވިޑުން ރައްކާތެރިވުމުގައި އެންމެ ކާމިޔާބު ފިޔަވަޅުތަކެއް އެޅި ގައުމުގެ ގޮތުގައި ފާހަގަކުރެވޭ އޮސްޓްރޭލިޔާ އިން، ފުރަބަންދަށް ލުއިތައް ދޭން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެންނެވެ. އޭގެ ފަހުން އެ ގައުމުގައި ބޮޑަށް ތަންފީޒު ކުރަމުން އައީ، ވެކްސިންގެ ޑޯޒްތައް ހަމަކޮށްގެން، ކޮވިޑާ އެކުގައި ދިރިއުޅުން ކުރިއަށް ގެންދިއުމުގެ ސިޔާސަތެކެވެ.

ފުރަބަންދުގެ ހާލަތު އުވައިލުމުގެ ފެށުމެއްގެ ގޮތުން، އޮސްޓްރޭލިޔާގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުންނާއި ބޭރު ގައުމުތަކުގެ ފަންނީ މަސައްކަތު މީހުންނާއި، އެހެން ގައުމުތަކުގައި އުޅޭ އޮސްޓްރޭލިޔާ ރައްޔިތުން އޮސްޓްރޭލިޔާ އަށް އެތެރެވުމުގެ ހުއްދަ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވަނީ ދޭން ފަށައިފަ އެވެ.