Roadha Mihaaru
ތައިވާނުން ކަރަންޓީނު އުވާލައި ޓޫރިޒަމަށް ހުޅުވައިލަނީ

ތައިވާނުން ކަރަންޓީނު އުވާލައި ޓޫރިޒަމަށް ހުޅުވައިލަނީ

29 ސެޕްޓެމްބަރ 2022

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، އެ ގައުމަށް އެތެރެވާ މީހުން ވަކި މުއްދަތަކަށް އެކަހެރި ތަނެއްގައި ކަރަންޓީނުގައި ހުންނަންޖެހޭ އުސޫލު އުވާލައި، ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރުވެއްޖެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، އެ ގައުމަށް އެތެރެވާ މީހުން ވަކި މުއްދަތަކަށް އެކަހެރި ތަނެއްގައި ކަރަންޓީނުގައި ހުންނަންޖެހޭ އުސޫލު އުވާލައި، ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރުވެއްޖެ އެވެ.

ތައިވާން ސަރުކާރުން ބުނި ގޮތުގައި ވަކި މުއްދަތަކަށް ކަރަންޓީނުގައި ހުރުން ލާޒިމުކޮށް އަޅާފައިވާ ފިޔަވަޅު، މިފެށޭ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އުވައިލެވޭނެ އެވެ. އަދި ޓޫރިސްޓުންގެ ގޮތުގައި އެ ގައުމަށް އެތެރެވާ ކޮންމެ މީހަކަށް ވެސް، އެ ގައުމުގެ ކޮންމެ ސަރަހައްދަކަށް ވެސް އިތުރު ހުއްދައަކާ ނުލައި ދަތުރުކުރެވޭނެ އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، އެ ގައުމަށް އެތެރެވާ ކޮންމެ މީހަކު ވެސް މަދުވެގެން ހަތް ދުވަހު ކަރަންޓީނުގައި ހުންނަންޖެހެ އެވެ. އެ ފިޔަވަޅަށް އިތުރު ލުޔެއް ދިނުމަށް ފަހު، ކަރަންޓީނުގައި ހުންނަންޖެހޭ މުއްދަތު، މިދިޔަ ޖޫން މަހުގެ ތެރޭގައިވަނީ ތިން ދުވަހަށް މަދުކޮށްފަ އެވެ.

ތައިވާން ސަރުކާރުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ބުނާ ގޮތުން، މިއަހަރު ފެށުނު ފަހުން މިހާތަނަށް 6.3 މިލިއަން މީހުންނަށް އެ ގައުމުގައި ކޮވިޑް ޖެހިފައިވެ އެވެ. ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން ބާވަތުގެ ވައިރަހުގެ ސަބަބުން، ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވިޔަސް، ގިނަ މީހުންގެ ހަށިގަނޑުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުން ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެވެ.

ތައިވާންގެ ވަޒީރުންގެ މަޖިލީހުގެ ތަރުޖަމާނު ލޯ ޕިންގް-ޗެން މިއަދު ވިދާޅުވީ އެ ގައުމުގެ އާބާދީގެ ވަރަށް ބޮޑު ޕަސެންޓެއްގެ މީހުން، ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާތީ އާއި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާތީ، ގައުމު ހުޅުވައިލުމުގެ ވަގުތު ޖެހިއްޖެ ކަމަށެވެ.

ކަރަންޓީނުގެ އުސޫލު އުވައިލިޔަސް، ގައުމަށް އެތެރެވާ ކޮންމެ މީހަކު ވެސް، ހަތް ދުވަސް ވަންދެން އެމީހުންގެ ސިއްހަތަށް އަންނަމުންދާ ބަދަލުތައް ރަނގަޅަށް ބެލުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ، އަވަހަށް ޓެސްޓް ކުރުމަށް ވަނީ އަންގައިފަ އެވެ.

ކަރަންޓީނު އުވައިލަނީ އޮކްޓޫބަރު 13ގައި ކަމަށް ވިޔަސް، މިއަދުން ފެށިގެން ވެސް ޓޫރިސްޓުންނަށް ޚާއްސަ ލުއިތަކެއް ވަނީ ދީފަ އެވެ. އެ ގޮތުން މިއަދުން ފެށިގެން ތައިވާނަށް އެތެރެވާ އެއްވެސް މީހަކު، ޕީސީއާރް ޓެސްޓު ހަދަން ނުޖެހުމާއި، ކުރިން ވެސް އެ ލުއިފަސޭހަކަން އޮތް ގައުމުތަކުގެ މީހުންނަށް، ކުރިން ވިސާ ނެގުމަކާ ނުލައި، މިއަދުން ފެށިގެން ތައިވާނަށް އެތެރެވެވޭނެ އެވެ.